ގއ. ގެމަނަފުށީ، ހަވާސް، މުހައްމަދު ކަރަމް ސުހައިލްއަކީ ނަޑޭގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި ހަތަރު މީހުންގެ ތެރެއިން މީހެކެވެ.
އެ ހަތަރު މީހުންގެ މައްޗަށްވެސް ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާ ސާބިތު ނުވިއެވެ. އެ މައްސަލަތައް މިހާރު ހައިކޯޓުގައި އޮތް އިރު، މި މައްސަލައިގައި ހިމެނޭ މުހައްމަދު ކަރަމް ސުހައިލް ޑްރަގް ޓްރެފިކިންގެ މައްސަލައެގައި ހައްޔަރު ކުރުމާ ހަމައަށް ހުރީ މިނިވަން ވެފައެވެ.
އޭނާ ހައްޔަރު ކޮށްދިނުމަށް ދައުލަތުން ހައިކޯޓުގައި ކުރިން އެދުނު ނަމަވެސް އޭނާ ހައްޔަރު ކުރާނެ ތަނެއް ނެތް ކަމަށް ހައިކޯޓުން އޮތީ ކަނޑައަޅާފައެވެ.
ޓާމިނަލް ކެފޭ ތެރޭގައި ޖުލައި 2017 ގައި ނަދީމްގެ ބޮލަށް ތޫނު އެއްޗަކުން ހަަލާދީ މަރާލި މައްސަލާގައި ގއ. ކަރަމްގެ އިތުރުން ދައުލަތުން ދައުވާކުރީ ގ. ޝާރާޒް ހުސައިން މަފާޒް ސަލީމާއި، ލ. ގަން ވިދާތަރި އަލީ ނިފާޒާއި، ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމީންގެ މައްޗަށެވެ. މީގެ ތެރެއިން ދެ މީހަކު ހައިކޯޓުގެ އަމުރަކަށް މިހާރު ތިބީ ބަންދުކޮށްފައެވެ.
ކަރަމްވެސް ހިމެނޭހެން މި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2022 ވަނަ އަހަރުއެވެ. އެ މައްސަލައިގެ އިސްތިއުނާފު އޮތީ މިހާރު ހައިކޯޓުގައި ފެށިފައެވެ.
މުހައްމަދު ކަރަމް، މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ އަދި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް ބުދަ ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ހަބީބު ވަނީ އަމުރުކޮށްފަ އެވެ.
ކަރަމްގެ ބަންދު އަމުރުން އެނގޭ ގޮތުގައި ކަރަމް ބަންދު ކުރީ މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކަ އެވެ. އޭނާގެ އަތުން ފެނުނު މަސްތުވާތަކެތި ޓްރެފިކް މިންގަނޑަށް އަރާކަމާއި އަދި އެއީ ޖިނާއީ ބޮޑު ކުށެއްކަން ބަންދު އަމުރު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އޭނާގެ މައްޗަށް ކުށުގެ ރެކޯޑްތައް ހުރި އަމުރުގައި ފާހަގަކޮށްފައިވެ އެވެ.