މީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު އެޕާޓީގެ ޖަލްސާއެއް ބާއްވާ ފުރަތަމަ ފަހަރެވެ.
ޕީއެންއެފްގެ ވަގުތީ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލު ވިދާޅުވީ ހޯމަ ދުވަހުގެރޭ އޮންނަ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެޑައިގަންނަވާނެކަމަށެވެ. އަދި މި ޖަލްސާ އޮންނާނީ ޕާޓީގެ އޮފީހުގައިކަމަށްވެސް މަލީހް ވިދާޅުވިއެވެ.
ޕީއެންއެފް ކުރިން ހިނގަމުން އައީ ކުރިން ޕީޕީއެމް އޮފީސް ހުރި ތަނުގައެވެ. އެހެންނަމަވެސް ރައްޔިތުން މަޖިލީހުގެ އިންތިހާބަށްފަހު ޕީއެންއެފްގެ އޮފީސް ވަނީ ރައީސް ޔާމީން ދިރިއުޅުއްވާ ގެއަށް ބަދަލުކޮށްފައެވެ. އެ އިމާރާތުގެ ފުރަތަމަ ބުރި ހާއްސަކޮށްފައިވަނީ ޕީއެންއެފްގެ ރަސްމީ އޮފީހުގެ ގޮތުގައެވެ.
ރައީސް ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމަނާ ރަޖިސްޓްރީކޮށްދިނީ މިއަހަރުގެ އޭޕްރިލްމަހުގެ 25 ވަަނަ ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން އެޕާޓީގެ ދަފްތަރުގައި ތިބީ ރަޖިސްޓްރީވިއިރު ތިބި ބަރާބަރު 3000 މީހުންނެވެ.
މިދިޔަ މަޖިލިސް އިންތިހާބުގައި ރައީސް ޔާމީންގެ ތާއިދާއެކު 35 ދާއިރާއަކަށް ކެންޑިޑޭޓުން ނުކުތެވެ. މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވިއިރުވެސް ޕީއެންއެފް އުފެދިފައި ނުވުމުން މި ހުރިހާ މެމްބަރުުން ވާދަކުރީ އަމިއްލަ މެމްބަރުންގެ ގޮތުގައެވެ. އެހެންނަމަވެސް ޕީއެންއެޕް މަޖިލިސް އިންތިހާބު ނިންމާލީ ރައްޔިތުން މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ނުވެ ހުސްއަތާއެވެ.