ads
ފިޝަރީޒް މިނިސްޓަރު ޝިޔާމް: ވިދާޅުވީ މިފްކޯއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އާމްދަނީ ލިބޭ ކުންފުންޏަކަށް ހަދަން ބޭނުންވާ ކަމަށް - ފޮޓޯ:ފިޝަރީޒް މިނިސްޓްރީ
ބޭނުންވަނީ އަމިއްލަ ފައިމައްޗަށް ތެދުވެ މިފްކޯއަށް އާމްދަނީ ލިބެން: ޝިޔާމް
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އާމްދަނީ ލިބޭ ކުންފުންޏަކަށް ހަދަން ބޭނުންވާ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
Advertisement

މަސްވެރިން ކިރުވި މަހަށް މިފްކޯއިން ފައިސާ ނުދޭތީ އައްޑޫ ސިޓީގެ ހުޅުމީދޫގައި ހުންނަ އެ ކުންފުނީގެ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް މަސްވެރިން ހުއްޓުވާފައި ވަނިކޮށް ޕީއެންސީ ހައުސް ހުޅުވަން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެޑްމިނިސްޓްރޭޝަނާ ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރީ 113 ބިލިއަން ރުފިޔާގައި ކަމަށެވެ. އެހެންނަމަވެސް ފައިސާ ޗާޕު ކުރުމަކާ ނުލައި އެ އަދަދު 110 ބިލިއަން ރުފިޔާއަށް ދަށްކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވެފައި ވަނީ ރައީސް މުއިއްޒު އެޑްމިނިސްޓްރޭޝަނާ ހަވާލުވެވަޑައިގެންނެވިއިރު، ދައުލަތުން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ނުވަ ބިލިއަނެއްހާ ރުފިޔާ އޮތް ކަމަށެވެ. އެވަރުގެ އަދަދަކާ އެކު ތެލުގެ ސަބްސިޑީ އާއި އައިސްގެ ސަބްސިޑީ ހިމަނައިގެން މިހާތަނަށް 933 މިލިއަން ރުފިޔާ މިފްކޯގެ ތެރެއިން މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަބްސިޑީގެ ގޮތުގައި ޓެކްސް ފައިސާއިން ބޮޑު އަދަދެއް މިފްކޯއަށް ދެމުން އަންނައިރު އެ ފައިސާގެ ތަފުސީލު ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމުގަ އެވެ. ސަބްސިޑީގެ ގޮތުގައި ފައިސާދީގެން ނަމަވެސް އެ ފަރާތްތަކަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް މަސްވެރިން ބޭނުންވާކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ މަސްވެރިންނަކީ ސަބްސިޑީއަކާ ނުލައި އެ މީހުން ބާނާ މަހުން އާމްދަނީ ހޯދާ ބަޔަކަށް ވުމަށް މި އެޑްމިނިސްޓްރޭޝަނުން ބޭނުންވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ އެހެން ސިނާއަތްތަކެކޭ އެއްފަދައިން މަސްވެރިކަމުގެ ސިނާއަތަކީ ވެސް އާމްދަނީ އިތުރަށް ލިބޭ ބޭރުގެ އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް އޮތް ސިނާއަތަކަށް ހަދަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތީ. މިފްކޯގެ އެ ލޭ އަންނަ ތަންތަން ބަންދުކުރަން ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތީ. މިފްކޯއަކީ އެއީ ދިވެހި ރައްޔިތުންގެ ތެރެއިން މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ދެވޭ ކުންފުންޏަކަށް ހެދުމުގެ މަގުސަދުގައި އައީ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވެފައި ވަނީ މިފްކޯ އޮތީ 1.6 ބިލިއަން ރުފިޔާއިން ދަރާފައި ކަމަށާއި އެ ކުންފުންޏަކީ އަމިއްލަ ފައި މައްޗަށް ތެދުވެ އާމްދަނީ ލިބޭ ކުންފުންޏަކަށް ހަދަން މި އެޑްމިނިސްޓްރޭޝަނުން ބޭނުންވާ ކަމަށެވެ.

"މިފްކޯއިން ބްލީޑް ކުރާކަށް ދައުލަތް ބްލީޑް ކުރާކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ. ދައުލަތް ބްލީޑްވާ ބްލީޑްވުމަކީ ހުރިހާ ރައްޔިތުންނަށް ލިބޭ އަނިޔާއަކަށްވާތީ އެކީގަ އާއި އަދި މަސްވެރި ސިނާއަތް ފިޔަވާ އެހެން ހުރިހާ ސިނާއަތެއްގެ ލޮބުވެތި ދިވެހި ރައްޔިތުންގެ ލޯތައް އިނގިލިތައް އަމާޒުވެފައި މި ހުންނަނީ މަސްވެރިންނަށްދޭ ސަބްސިޑީއަށް ކަމަށް ވާތީވެ އަޅުގަނޑުމެން ބޭނުން، މި ސަރުކާރުން ބޭނުން ދިވެހިރާއްޖޭގެ ކަޅުބިލަ މަހުގެ މަސްވެރިން އެ އިނގިލިތަކުން އަޅުގަނޑުމެން ބޭނުން ސަލާމަތް ކުރަން،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި އީދު ބަންދު އައިއިރު 90 މިލިއަނަށް ވުރެ ބޮޑު އަދަދެއް އޮތް މަސްވެރިންނަށް ނުދެވި އޮތް ނަމަވެސް އޭގެތެރެއިން ދެބައިކުޅައެއްބައެއްހާ ފައިސާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމުގަ އެވެ. އީދު ބަންދަށްފަހު އޮފީސްތައް އަދި ހުޅުވުނީ ކަމަށާއި މަސްވެރިންނަށް ފައިސާ ދައްކާ ހަލާސް ކުރުމަކީ މި އެޑްމިނިސްޓްރޭޝަނުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތް ކަމަކަށް ވުމާ އެކު މި ހަފުތާގައި އެ މަސައްކަތް ފަށާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ޝިޔާމް ވިދާޅުވީ ހައްގު ހޯދަން ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރެވޭނެ ކަމަށާއި އެފަދަ އިހުތިޖާޖުތަކަށް މަރުހަބާ ވެސް ކިޔާނެ ކަމަށެވެ. އެހެންނަމަވެސް މީހުންގެ ހައްގުތަކަށް އަރައިގަންނަ ކަމަށްވާ ނަމަ މި އެޑްމިނިސްޓްރޭޝަނުގައި ގާނޫނު ތަންފީޒު ކުރާނެކަން ޔަގީން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް