ads
ރައީސް މުއިއްޒުގެ ވަޒީރުން
ހަރަދު ކުޑަކޮށް އާމްދަނީ އިތުރުކުރުމުގެ ސިޔާސަތެއް އެކުލަވާލަން ރައީސް ނިންމަވައިފި
ހަރަދު ކުޑަކުރުމާއި، އާމްދަނީ އިތުރުކުރުމުގެ ސިޔާސަތު އަދި މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
Advertisement

ރައީސް އޮފީހުން މިރޭ ބުނި ގޮތުގައި ރައީސް މިފަދައިން ނިންމަވާފައިވަނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ވަޒީރުންގެ ލަފާގެ މަތިންނެވެ. 

އެ ބައްދަލުވުމުގައި، އެފަދަ ސިޔާސަތަކާއި ސްޓްރެޓެޖީއެއް އެކުލަވާލަން ހުށަހެޅީ ފިނޭންސް މިނިސްޓްރީން ކަމަށާއި އެ ކަރުދާހާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުން މަޝްވަރާކުރި ކަމަށް ބަޔާނުގައިވެ އެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ، ރާއްޖޭގެ އިގުތިސާދު ސިންދަފާތު ކުރުމަށާއި، އާމްދަނީ އިތުރުކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެކަންކަމާ ގުޅޭގޮތުން ކުރަން ޖެހޭ ކަންކަން ވަޒީރުންގެ މަޖިލީހުގެ ސަބް-ކޮމިޓީއަކުން ކުރިއަށް ގެންދަން ޖެހޭ ގޮތަށް ނިންމަވައިފައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ހަރަދު ކުޑަކުރަން ރައީސް މުއިއްޒު ނިންމަވާފައިވާއިރު، މިދިޔަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ހަފްތާއާ ހަމައަށް ސަރުކާރު ހިންގުމަށް ކުރި ހަރަދު ނުވަތަ ރިކަރަންޓު ހަރަަދުތަކާ އަޅައިބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ބަޖެޓުން ކުރި ހޭދަ 627 މިލިއަން ރުފިޔާއިން ވަނީ އިތުރުވެފަ އެވެ.

މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ބަޖެޓު ދަރަނި 14 ބިލިއަން ރުފިޔާއަށްވުރެ އިތުރުވާނެކަމަށް ލަފާކޮށްފައިވެ އެވެ. އަދި  ދަރަނި އަދާކުރުމާއި އިންޓަރެސްޓުގެ ހަރަދުތައް އުނިކުރުމަށްފަހު ޕްރައިމަރީ ޑެފިސިޓުގެ ގޮތުގައި 8.8 ބިލިއަން ރުފިޔާ އަރާނެ ކަމށްވެސް ލަފާކޮށްފައިވެ އެވެ. 

މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި 126 ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފަ އެވެ.

ދަރަނި އިތުރުވެފައި ވަނީ އެތެރޭގެ މާކެޓުން ނެގި ދަރަނި އިތުރުވުމުންނެވެ. ފުރަތަމަ ތިން މަހުގެ ތެރޭގައި އެތެރޭގެ ދަރަނި ވަނީ 74 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފަ އެވެ. އެ އަދަދު މިދިޔަ މަސް ފެށުނު އިރު ހުރީ 72.8 ބިލިއަން ރުފިޔާގަ އެވެ.

ދައުލަތުން އެންމެ ބޮޑު ދަރަންޏެއް އަދާކުރަން އޮތީ 2026 ވަނަ އަހަރު އެވެ. އެ އަހަރު ދަރަނި ދެއްކުމަށް 15 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ. އެއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ދަރަނި ދައްކަން ޖެހޭ އަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް