ރާޢްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީ އެމްޑީޕީ އުފެދުނުތާ މިއަދަށް 19 އަހަރުވީއެވެ. އެޕާޓީ ރަޖިސްޓްރީކުރީ 2006 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަދުވަހުއެވެ.
އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅިގެން އެޕާޓީގެ މެމްބަރުންނަށް ތަހުނިޔާ ފޮނުއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުހައްމަދު ނަޝީދު ވަނީ އަނެއްކާވެސް ބަރުލަމާނީގެ ނިޒާމުގެ ވާހަކަ ދައްކަވާފައެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެންމެ އަސާސީ އެއް އުސޫލަކީ ރައްޔިތުންނަށް ފައިދާހުރި ވެރިކަމެއް ހިންގޭނެ ޕާލިމެންޓަރީ ނިޒާމަކުން ދެކޭ ދެކުންކަމަށެވެ. އަދި އެއީ ޕާޓީގެ އޮނިގަނޑު ރޭވިފައިވަނީ އެ ހަމައަށްކަމަށާއި އަދިވެސް އެނބުރެމުންދަނީ އެ މިސްރާބަށްކަމަށެވެ.
ރައީސް ނަޝީދު އެމްޑީޕީން ވަކީވެދައިގަތީ ޕާޓީގެ ލީޑަރަކަށް ހުންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގެއެވެ. އެ ހިޔާލުތަފާތުންތައްވެސް އުފެއްދިގެން އައީ ބަރުލަމާނީ ނިޒާމާއި ގުޅިގެންނެވެ.
ރައީސް ނަޝީދު މިދިޔަ މަޖިލިސް ނިމުމުގެ ކުރިން ބަރުލަމާނީ ނިޒާމު ގެންނަ ބޭނުންވެ އެކަމަށް ދާން ގޮވާލި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ ދެކޮޅު ހައްދަވާފައެވެ.
ރާއްޖޭގައި ވެރިކަން ކުރާ ނިޒާމް ބަދަލުކުރަން ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުން ނިންމައިފިނަމަ ގާނޫނު އަސާސީ ބަދަލުކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ގޮތަށް ހުށަހަޅާ ދިވެހި ރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީއަށް އިސްލާހް ގެނައުމަށްް ރައީސް ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ޑިމޮކްރެޓުން މަޖިލީހަށް ހުށައެޅިއެވެ.
އެހެންނަމަވެސް މެޖޯރިޓީ އޮތް އެމްޑީޕީން ވަނީ އެ މައްސަލަ މަޖިލީހުން ބޭރުކޮށްލިއެވެ.