މިސްކިތުން ވައްކަން ކުރަން އުޅުނު މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ އިބްރާހީމް އަސްފާގު ކިޔާ މީހަކާ، މުހައްމަދު ނިޝާން ކިޔާ އުމުރުން 28 އަހަރުގެ މީހެކެވެ.
މި ދެ މީހުންގެ ތެރެއިން އިބްރާހިމް އަޝްފާގު މިއީ މީގެ ކުރިން އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ ސާބިތުވެ ޖަލު ހުކުމެއްވެސް އިއްވާފައިވާ މީހެކެވެ.
މުދަލައް ގެއްލުން ދިނުމާއި ވައްކަން ކުރުމުގެ ތުހުމަތު ފުލުހުން ކުރާ މި ދެ މީހުން ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުންވެސް 15 ދުވަހު ބަންދުކޮށްފައި ބޭތިއްބުމަށް ކޯޓުންވަނީ އަމުރުކޮށްފަ އެވެ.
މާލެ ސަރަހައްދުގައި މިސްކިތްތަކުން ވައްކަން ކުރުން މި ފަހުންވަނީ ގިނަވެފަ އެވެ. މިއަހަރުގެ މިހާތަނަށް މާލޭގެ މިސްކިތްތަކުން ވައްކަންކުރުމުގެ 21 މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށައަޅާފައިވާކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވަނީ ވިދާޅުވެފަ އެވެ. މިދިޔަ 20 ދުވަސްތެރޭ އީދު މިސްކިތުން 10 ފަންކާ ވަގަށް ނަގާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުންވެސް ވަނީ ބުނެފަ އެވެ.
މާލޭގެ މިސްކިތްތަކުން އެންމެ އާންމުކޮށް ވަގަށް ނަގާތަކެތީގެ ތެރޭގައި ފަންކާއާއި ފެން މޯޓަރު އަދި ފޯނު ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. މީގެ ކުރިން ފުލުހުން ވަނީ މިސްކިތްތަކުން ވައްކަން ކުރި ބައެއް މީހުންގެ ވީޑިއޯ އާންމުކޮށްފަ އެވެ.
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ސީސީޓީވީ ކެމަރާ ހަރުކޮށްފައި ހުންނައިރުވެސް މިސްކިތްތަކުން ވައްކަން ކުރާ މައްސަލައަށް ހައްލެއް ނުލިބެ އެވެ.