އައިޝާއާއި އަލީޒީއަށް އެކަކު އަނެކަކަށް ބަލައިލެވުނީ ހައިރާން ވެފަ އެވެ. ފުރަތަމަ ފަހަރަށް އަޔާން ޑޮކްޓަރަކަށްވާން ބޭނުންވާކަން ހާމަކުރީ އެވަގުތު އެވެ. އޭރު އެންމެ ނުވަ މަހެ އެވެ. އަޔާންއަކީ އަށް މަހުގައި ވާހަކަދައްކަން ފެށި ތޫނުފިލި ކުއްޖެކެވެ.
ފެންނަ ކޮންމެ އެއްޗަކާމެދު ސުވާލުކޮށް އޮޅުންފިލުވުމުގެ ޝައުގުވެރިކަން ހުންނަކަން އަލީޒީއަށް ފާހަގަކުރެވުނީ އަޔާންއަށް އެގާރަ މަހުގަ އެވެ. އަޔާންގެ ކޮންމެ ސުވާލަކަށް ފުރިހަމައަށް ޖަވާބު ދިނުމަކީ އައިޝާއާއި އަލީޒީގެ އުފަލެކެވެ.
އަލީޒީއާއި އަޔާންގެ ހިނިތުންވުމުގެ އަޑަށް އައިޝާގެ ހިޔާލްގެ ބޮކި ފަޅައިގެން ދިޔަ އެވެ.
"ބޮޑުދައިތަގެ ޑޮކްޓަރު އާދެބަލަ ބޮޑުދައިތަ އިނގިލީގައި ބޭސް އަޅާލަދޭން.." އައިޝާގެ އަޑަށް ދެމައިން އެކުގައި ބަލައިލި އެވެ.
"ބޮޑުދައިތަ އަތަށް ކިހިނެއްވީ..؟" އަލީޒީގެ ދެއަތުގެ ތެރެއިން ދެމިގަނެގެން އަޔާން ދުއްވައިގަތީ އއައިޝާ ގާތަށެވެ.
އަތުގެ ބޮޑުވައި އިނގިލިން އަންނަމުންދިޔަ ލޭ ފެނުމާއެކު އަލީޒީގެ ބޮލަށް އެނބުރުން އެރި އެވެ.
..................
މެންދަމުން އަލިވެ ތިނެއް ޖެހީ އެވެ. އަލީޒީގެ ލޮލަކަށް ނިންޖެއް ނަ އެވެ. މޭދަށަށް އުނދަގޫވެ، އޮށޯވެ އޮންނާން އުނދަގޫވަނީ އެވެ. ދޭތެރެ ދޭތެރެއިން މިފަދަ އުނދަގޫތައްވެ އެވެ. މިފަދަ ކޮންމެ ކަމެއް ދިމާވުމުން އަލީޒީއަށް އުނދަގޫކުރަނީ އޭނާގެ މާޒީއާއި ބިރުވެރި ހިޔާލްތަކެވެ.
ރަށުތެރެއިން މީގެ ކުރީން ކުރިމަތިނުވާ އެތައް ކަންތައްތަކަކާއެކު އަޔާންގެ އުޅުމަށް އަންނަމުންދިޔަ ކުދިކުދި ބަދަލުތައް އަލީޒީއާއި އައިޝާއަށް ފާހަގަކުރެވެމުންދިޔަ އެވެ. އަޔާންގެ ބައްޕައާއިމެދު ކުރެވެމުންދިޔަ ސުވާލުތައް އެއްއަހަރުން އަނެއް އަހަރަށް ތަފާތުވެ، އެކަމުގައި އަޔާން ދެކެމުންދާގޮތް ތަފާތުވަމުންދިޔަކަންވެސް ފާހަގަކުރެވެމުން ދިޔަ އެވެ. އަޔާންގެ އާއިލލާގެ އެހެން މެންބަރުންނާއި ބެހޭގޮތުންނާއި، ބައްޕަ ފަރާތު އާއިލާއާމެދު އުފެދެމުންދިޔަ ސުވާލުތަކަށް، އަލީޒީ ދިޔައީ ތައްޔާރުވަމުންނެވެ.
ކަންކަން އުނގެނި، މާހައުލުން ފެންނަ މަންޒަރުތައް އަމިއްލައަށް އިހުސާސްކުރެވި ވިސްނެންފެށިފަހުން، އެތައް ސުވާލެއް އަޔާންގެ ފަރާތުން ކޮންމެ ދުވަހަކު ދިޔައީ ކުރިމަތިވަމުންނެވެ. އެ ސުވާލުތަކަށް އަލީޒީ ތައްޔާރެވެ. ނަމަވެސް މުޖުތަމައުގެ ނަފްރަތާއި މަލާމާތަށް ދެމައިންވެސް ތައްޔާރެއް ނޫނެވެ.
މަތީ ގްރޭޑްތަކަށް ބަދަލުވަމުންދާވަރަކަށް ކަންކަން ބަދަލުވަމުންދިޔައީ ތަހަންމަލްކުރަން މާފަސޭހަ ގޮތްތަކަކަށް ނޫނެވެ. އެއް ގްރޭޑް ފަހަނައަޅައި އަނެއް ގްރޭޑަށް ބަދަލުވުމުގެ ގަވާއިދަށް އާންމުކޮށް އަމަލުނުކުރިއަސް، އަޔާންއަށް އެކަމުގައިވެސް ނަސީބު ލިބުނެވެ. އެހެން ހުރިހައި ކުދިންނަށްވުރެން އަޔާންގެ ފެންވަރު ރަގަޅުވެފައި ހުރިހައި މާއްދާއަކުން އެންމެ ފުރިހަމަ މާކްސް ހޯދަމުންދިޔުމުގެ ނަތީޖާއަކަށްވީ، ގްރޭޑް ތިނަކުން ފަހަކަށް ބަދަލުވުމުގެ އިހްތިޔާރު އަޔާންއަށް ލިބިގެން ދިއުމެވެ. ގްރޭޑް ފަހަކަށް ބަދަލުވުމާއެކުވެސް، ކްލާހުގައި އެންމެ މަތީން މާކްސް ހޯދަމުން އައުމަކީ އަޔާންއަށް އިތުރު އުނދަގޫތަކާއި ހަސަދައާއި ކުރިމަތިވާންފެށި ސަބަބެކެވެ. އަށް އަހަރު ނުވަތަ ނުވަ އަހަރު ކުދިންގެ ފަރާތުން އަޔާންއަށް ލިބެމުންދާ ފުރައްސާރައަކީ ކުދިކުދި ސިކުނޑިތަކަށް އަމިއްލައަށް ވިސްނައިގަނެވޭނެ ކަންކަމަށްވުރެން ބޮޑެތި 'ވާހަކަ'ތަކެވެ.
'ރަށަށް ނިސްބަތްވާ' ދަރިންނަށްވުރެން މަތީން އަޔާން މާކްސް ހޯދަމުން ދިއުމުގެ ސަބަބަކަށްވަނީ ރަށުގގެ ބައެއް ބެލެނިވެރިންގެ ފަރާތުން ފެންނާން ނުވާނެފަދަ އަމަލުތަކާއި އަޔާންއާއި އަލީޒީ ކުރިމަތިލާން ޖެހުމެވެ. ކިތަންމެ ފުރައްސާރައެއް ކުރިއަސް ދިފާއުގައި ބުނާނީ ކީކޭ ހެއްޔެވެ؟ ބައްޕައެއް ނެތުމަކީ ހަމަހަމަކަމާއެކު ތައުލީމުން އެއްކިބާވާންޖެހޭ ސަބަބެއް ނޫނެވެ. ދިވެހި ކޮންމެ ބިމެއްގައި ކޮންމެ ދިވެއްސަކީ ހަމަހަމަ ކަމާއެކު ހުރިހައި ހިދުމަތެއް ލިބި، އެއް މޭރުމަކުން މުއާމަލާތު ކުރެވެންވާނެ ފަރުދެއްކަން އެމީހުންނަށް ވިސްނައިދޭނީ ކޮން ދުލަކުން ހެއްޔެވެ؟ އެއްފުރާ ކުދިންގެ ފަރާތުން ކުރިމަތިވާ އެންމެ ބޮޑު ހިތްދަތިކަމަކީ އަޔާންގެ އާއިލާއަށް ނިސްބަތްކޮށް ކިޔަމުންދާ އިހާނެތި ބަސްތަކެވެ. ބެލެނިވެރިންގެ ތެރެއިން މަދުބަޔަކު ނަމަވެސް މިކަމުގައި ބައިވެރިވުމަކީ ހިތާމައެކެވެ.
ހަގީގަތަކީ އެހެންމީހުންގެ ލޮލަށް ދައްކާނެ ބައްޕައެއް އަޔާންގެ ނެތުމެވެ! އަޔާންގެ މަންމަ ކުށެށް ނުކުރެ އެވެ. ތެދު ހަގީގަތް ބެލުމެއް ނެތި ދުނިޔޭގެ އެންމެ ލަދުވެތި ތުހުމަތުން އިލްޒާމް އަޅުވަނީ އަލީޒީގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ؟ ބައްޕައެއްގެ ހުރިހައި ޒިންމާއެއް މަންމައަކު އުފުލުމަކީ މުޖުތަމައުގައި ފުރައްސާރަ ރައްދުވާ ކަމަކަށްވަނީނަމަ، މައިންބަފައިން ނެތް، ކުދިންނަށް އެފަދަ ތުހުމަތު ކުރިމަތި ނުކުރަނީ ކީއްވެބާ އެވެ؟
ކުޑަކުއްޖެއްގެ ތޫނުފިލިކަމުން ލިބޭ ކާމިޔާބުގެ ހަސަދައަކީ ނަފްރަތުގެ މިފަދަ އަލީފާނަކަށް ވެދާނެކަން އަލީޒީއަށް ގަބޫލުކުރެވިފައެއް ނެތެވެ. މަލާމާތާއި ހިއްދަތިކަމަށް ފުރަގަސްދީ އަލީޒީގެ ހަޔާތުން އެއްފަހަރު ދިރިއުޅުމާއި ފިލައިފި އެވެ. އެދުވަހު އެއީ އަލީޒީގެ އަމިއްލަ ނަފުސައްޓަކަ އެވެ. މިއަދު ދައްކާން އޮތް ސަބަބުތައް ގިނަ އެވެ. މިއަދުވެސް ލިބެން ނެތީ އިންސާފެވެ. ދިވެހި ބިމުގައި ހަމަހަމަކަން އޮތްކަން ގަބޫލުކުރާ ރަށްވެހި ބަޔަކުކަމުގައި ކޮންމެ ފަރުދަކު ހިމެނޭތޯ އަލީޒީ ދުއާކުރެ އެވވެ.
ޝައުގުވެރިކަމާއެކު ފިލާވަޅުތަކަށް ސަމާލުކަންދީގެން މަސައްކަތްކުރަމުންދިޔަ ދަރިފުޅަށް އަލީޒީ ބަލައިލި އެވެ. މައުސޫމު ލޯބި ކުއްޖެކެވެ. މަންމަގެ ހުރިހާ ރީތި ސިފައެއް އެދަރިފުޅަށް މާތްﷲވަނީ މިންވަރު ކުރައްވާފަ އެވެ. ސާފު ހިތަކުން އެދަރިފުޅަށް ބަލައިލައިފި ކޮންމެ ހިތަކުން އެ ފުރިހަމަކަމަށް ތައުރީފު ކުރާނެ އެވެ. އެއީ ﷲގެ އުފެއްދެވުންތެރިކަމުގެ ފުރިހަމަ މިސާލެކެވެ. ފުރިހަމަ ތަރުބިއްޔަތާއި ރީތި އަހްލާގުގެ ހުރިހައި ފިލާވަޅެއް އެ ދަރިފުޅަށް އަލީޒީ ދަސްކޮށްދޭނެ އެވެ. އަޔާންއަކީ އަންހެން ކުދިންނަށް އިހްތިރާމްކުރާ ކުއްޖެއްގެ ގޮތުގައި ބޮޑުކުރުމަށް އަލީޒީ ބޭނުންވެ އެވެ. ނަސޭހަތެއް ދީ، އެފަދަ ކަމަކަށް ހަނދާންކޮށްދޭނެ މީހަކު ނެތް ދުވަހަކަށްވެސް އަޔާން ތައްޔާރުކުރުމަކީ އަލީޒީގެ އަޒުމެކެވެ.
ހިޔާލަށްއައީ މުންޝިރުގެ ނަސޭހަތެކެވެ.
"ކޮންމެފަދަ ހާލަތެއްގައިވެސް، ކިތަންމެ ބޮޑު މަޖުބޫރެއް އޮތަސް، އަމިއްލަ ނަފުސު ރައްކާތެރި ކުރާށެވެ. އަމިއްލަ ދިފާއުގައި ތެދުވަން ދަސްކުރާށެވެ. ސަބަބަކީ މި ދުނިޔޭގައި ތިބާއަށް އަޅާލާނެ ހަމައެކަނި ފަރުދަކީ ތިބާ އެވެ. ތިބާއަށް ކުރިމަތިވާ ކޮންމެ ކަމެއްގައި ޒިންމާވާންޖެހޭ ހަމައެކަނި ފަރާތަކީވެސް ތިބާކަމަށްވާތީ އެވެ"
އަލީޒީއަށް ހިންދިރުވައިލެވުނެވެ. އުފަންވީސުރެން ފެންނަމުންދިޔައި ބައްޕަގެ ޕްރިންސެސްއަށް ބައްޕަ ކޮށައިދެމުން ދިޔަ މަގެވެ. ނަމަވެސް އެބައްޕައަށް އެންމެ ބޭނުންވި ދުވަހުގައި އަލީޒީ އެކަނިވެރިވީ އެވެ. ﷲގެ މިންވަރުފުޅުން އައިޝާއާއި މުންޝިރުވެގެން ދިޔައީ އަލީޒީއަށް ނިއުމަތެއް ކަމުގަ އެވެ. އެދެމަފިރިންގެ ހެޔޮކަމުގެ ބަދަލު އަލީޒީގެ މުޅިއުމުރު ހަދިޔާ ކުރިޔަސް އަދާނުކުރެވޭނެ އެވެ. ނަމަވެސް މުންޝިރުގެ ކޮންމެ ނަސޭހަތެއްގައި ހިފެހެއްޓޭތޯ އަލީޒީ ބަލާނެ އެވެ. މާޒީގެ ހިތި ސަފްހާތަކުން ހާދިސާތައް ކޮންމެވެސް ވަރަކަށް އެދެމަފިރިންނާއި އަލީޒީވަނީ ހިއްސާކޮށްފަ އެވެ. ނަމަވެސް ދުލުން ބޭރުނުކުރެވޭ އިބާރާތްތައް ގިނަ އެވެ. އެކަމަށް ދުވަހަކުވެސް މަޖުބޫރު ނުވާނެކަން އަލީޒީއަށް އެގެ އެވެ. ދިރިއުޅުމުގެ ކޮންމެ މަރުހަލާއެއް ވެއަތުކުރަމުން ގެންދަނީ އެކަންކަން ސިކުނޑީގެ އެއްފަރާތުގައި ބަހައްޓައިގެންނެވެ.
އެއްވެސް މީހަކަށް އަލީޒީ ބަރޯސާވުމެއް ނެތެވެ. ދުނިޔެއިން އަމިއްލަ ކުރެވޭނެ ހަމައެކަށްޗެއްވެސް އަހަރުމެންގެ އިހްތިޔާރުގައި ނުވެ އެވެ. އަޅާކޮންމެ ވޭނެއް އުފުލަންޖެހެނީ ތިބާ އެވެ. އެންމެ ހިތްދަތި ވޭން ބުނެދެވޭނީ ކޮން ދުލަކުން ހެއްޔެވެ؟ ވަގުތުޖެހުމުން މިދުނިޔޭގައި ހުދު ތިބާގެ ހިޔަނިވެސް ތިބާ ދޫކޮށްލަ އެވެ. ހަގީގަތަކީ މި އެވެ.
ތަސައްލީއަކަށްޓަކައި ކުށްވެރިންނަށް އެމީހުންގެ ކުށުގެ ސަޒާ ދިނުމަށް، އަނިޔާ ލިބުނު ފަރާތުން ފަހު ނޭވާއަށް މަސައްކަތްކުރިއަސް، އެފަދަ ކަމަކަށް ދުވަހެއްގައިވެސް އިންސާފު ލިބުމެއް ނެތެވެ. ހިތާމައަކީ އިންސާފަށް އެދި ހިތާއި ހަށިގަނޑު ހަނގުރާމަކުރިއަސް، ފާޅުކޮށް ހެކި ފެންނާން އޮތަސް، ބޮޑެތި ކުށްތަކުގެ ޝިކާރައަކަށްވެ، އަނިޔާއާއި ރިހުމާއި ވޭން ލިބޭ ފަރާތަށް އެކަމުން ދުވަހަކުވެސް މިންޖުވެވުމެއް ނެތީ އެވެ.
ކުށްވެރިންގެ އަދަދަކީ މަދުބައެއް ނޫންކަން އަލީޒީއަށް ޔަގީނެވެ. ނޭގޭ ބާރަކުން ހިތްވަރުލިބިގެން އެދުވަހު އެތަނުގެ ތެރެއިން ނުނިކުމެވުނުނަމަ، އަލީޒީގެ ފުރާނަވެސް ސަލާމަތްނުވީސްކަން ކަށަވަރެވެ. މައިންބަފައިންގެ އެހީއަށް އަންހެނންދަރިޔަކު އެދުނު އެންމެ މުހިއްމުވަގުތުގައި އަލީޒީއަށް އެ ނަސީބެއް ނުލިބުނެވެ. އެއީ ދުނިޔެވީ ފިލާވަޅެވެ. ހިތްވަރު ހޯދާނީ ހަމައެކަނި އެ ހާދިސާއިން ކަމަށްވިޔަސް މިއަދު އަލީޒީ އެކަމަށް ތައްޔާރެވެ. އެންމެ ފަހު ނޭވާއަށްވެސް އަލީޒީ ހިތްވަރުކުރާނީ އޭނާގެ ހަށިގަނޑުގައި އުދެފި އުފަންވި ފުރާނައަށްޓަކަ އެވެ. އެފަދަ ޒިންމާއެއް އަދާކުރެއްވުމުގައި ހިކުމަތެއް ވާނެ އެވެ. އެއީ ރައްކާތެރި ކުރެއްވުމަށްޓަކައި ހަވާލުކުރެވުނު އަމާނާތެކެވެ. ދުނިޔޭގެ މި އިމްތިހާނުން އަލީޒީ ފާސްވާން ކުރެވެންހުރި ހުރިހައިކަމެއް ކުރާނެ އެވެ.
ކޮންމެ ދުވަހަކު އެތައްފަހަރަކު އެއް ސުވާލަކަށް ޖަވާބުދޭން ޖެހުނަސް އެކަން ކުރާނެ އެވެ. އެއިން ކޮންމެ ފަހަރަކު އެތައް ވޭނަކުން އަލީޒީގެ ހިތް ޒަހަމްކުރާން ޖެހުނަސް އަޔާންއަށްޓަކައި އަލީޒީ އެކަންވެސް ކުރާނެ އެވެ. ނިދި ނުލލިބި ފިކުރުތަކާއި ހިޔާލްތަކުގައި ވެއަތުކުރާ ރޭ ތަކުގެ ހަބަރެއް އެހެން އެއްވެސް މީހަކަށް އަންގާކަށް އަލީޒީ ބޭނުމެއް ނުވެ އެވެ. އިރު ނާރަނީސް ކޮންމެ ދުވަހަކު އޭނާގެ މަސައްކަތައިގެން މަސްއޫލުވެ އެވެ. ހަށިގަނޑުގައި އަޅާވޭނަކުން އަލީޒީގެ ހިތްވަރަށް ކުޑަވެސް ހުއްޓުމެއް އަޔަކަނުދޭނެ އެވެ.
ބަލިވެ ޑޮކްޓަރަށް ދެއްކުމަކީ އަލީޒީއަށް މުހިއްމުކަމެއް ނޫނެވެ. ދިރިއުޅުމުގެ ޒިންމާ އޭނާގެ ކޮނޑުގައި އެޅިފައިވަނީ މަޔަކާއި ބަފައެއްގެ ވާޖިބު އަދާކުރުމަށް މަޖުބޫރުކުރުވާފަ އެވެ.
...................
އަޔާން ބަލައި އައިސް، ސްކޫލް ކުރިމަތީގައި ހުންނަތާ ފަނަރަ މިނެޓް ވީ އެވެ. އަދިވެސް އަޔާން ނުނިކކުމެ އެވެ. ދެތިން ބެލެނިވެރިޔަކު ނޫނީ އެހެން ހުރިހައި އެންމެން އެމީހުންގެ ދަރީން ގޮވައިގެން ހިނގަށްޖެ އެވެ.
"ޔަގީން މިއަދުވެސް ކޮންމެވެސް ކަމެއް ހިންގާލީ..! ނަ***ށް ވިހާފައިތިބޭކުދިން އެހެން ކުދިންނާއި އއެއް މަދަރުސާއެއްގައި ކިޔަވައިދިނުމަކީ ކިހައިވަރެއްގެ ނުރައްކާތެރި އަސަރެއް އެހެން ކުދިންނަށް ކުރާނެ ކަމެއްކަން، ވެރިންނަށް ނޭގެނީބާއޭ އަހަރެން ހިތައްއަރާ...! ބަސް ނާހާކުދިންވެސް ގެންގޮސް ލާނެ ތަނެއް ހުންނަނީ ސަރުކާރުން ހަދާފައި.. އާއިލާއަށް ހުތުރު އަރުވާފައި އަމިއްލަ ވަޒަން ދޫކޮށް، ރަށްރަށަށް އައިސްގެން އުޅޭ ފާޑުފާޑުގެ އަންހެނުންގެ ދަރިން އަޅާނެ ތަނެއްވެސް ސަރުކާރުން ހަދަންވެއްޖެނުން.. މިހުރިހައި ކަމެއް މި ދިމާވަނީ އަހަރުމެންނާއި އަހަރުމެންގެ ދަރިންނަށް.."
ދަރިން ސްކޫލްތެރެއިން ނުނިކުމެގެން މަޑުކޮށްގެން ތިބި މަދު ބެލެނިވެރިންގެ ތެރެއިން އަންހެނަކު ބުނި އަޑު އިވުނެވެ.
އެއީ އަލީޒީމެން ދިރިއުޅޭ އަވަށުން ބޭރު އަވަށެއްގެ އަންހެނެކެވެ. އިވޭއަޑުތަކަށް ބަލާއިރު އެއީ ކުލާހުގައި އެންމެ ދަށް ނަތީޖާ ހޯދާ ކުދިންގެ ތެރެއިން ކުއްޖެއްގެ މަންމަ އެވެ. އަޔާންއާއި އެކުދިންގެ މައްސަލަ ފެށިގެން އައިސްފައިވަނީ ގްރޭޑް އެކަކުން ފެށިގެންނެވެ. ގަނާކުރުމުގެ އެތައް މައްސަލައެއް ފެންމަތިވެފައިވާ ކުލާހުގެ ކަންކަން ހައްލުކުރުމަށް ސްކޫލާއި ބެލެނިވެރިން ބައިވެރިވެގެން މަސައްކަތްކުރެ އެވެ. ފާއިތުވި އަހަރުތަކުގައި ދޭތެރެ ދޭތެރެއިން އެކަން ހައްލަކަށް ގެނެވުނުކަމުގައިވިޔަސް، މިފަހަރު ގްރޭޑް ފަހަކަށް ބަދަލުވީއްސުރެން އަލީޒީއަށް ޖެހިފައިވަނީ މިފަދަ ހިތްދަތި ބަސްތަކާ ކުރިމަތިލާށެވެ.
އަމިއްލަ ހާލަށްވުރެން އަޔާންއާއި އަލީޒީގެ ވަށައިގެންވާ މާހައުލުގެ ޒިންމާ އޭނާއަށް މިއަދު މުހިއްމެވެ. އައިޝާއާއި މުންޝިރުގެ ނަސޭހަތަކީ ހަގީގަތާއި ކުރިމަތިލުމެވެ. ކޮންމެ ކަމަކަށްވެސް ވަގުތުނަގާނެކަމެވެ. ހަގީގަތާއި ފިލަން އަލީޒީގެ މަންޒިލް ބަދަލުކުރާނީ ކިތައް ފަހަރު ހެއްޔެވެ؟ އެއްސުވާލަކާއިގެން އެދެމައިންނަށް އިނގިލި ދިއްކުރާނީ ކިހައި ދުވަހަކަށް ހެއްޔެވވެ؟ ސުވާލުގެ ޖަވާބުގައި ހަމަހިމޭންކަން އިހްތިޔާރުކުރަނީ ކީއްވެކަން އެހެން މީހުންގެ ސިކުނޑިތަކަށް ނުވިސްނެނީ ކީއްވެ ހެއްޔެވެ؟ ބައްޕައަކު ނުހިމެނޭ އާއިލާތަކުގައި ދަރިޔަކު އުފަންވާކޮންމެ ފަހަރަކީ 'އަންހެނަކަށް' އިނގިލި ދިއްކުރެވި މުޖުތަމައުގައި ބާކީކޮށް މުޅިއުމުރަށް ވަކިނަމެއް ދެވެންޖެހޭ ސަބަބަކީބާއެވެ؟ އެފަދަ ކޮންމެ ހާލަތަކީ ހަމައެކަނި އަންހެނަކު ޒިންމާނަގަންޖެހޭ ފަހަރަކަށްވެގެން މިދަނީ ކީއްވެ ހެއްޔެވެ؟
ކުށްކުރި އެންމެން ހޯދައި އެމީހުންނަށް އެންމެ އިންސާފުން ކުށުގެ އަދަބުދެވޭނެ ހުރިހައި ހެއްކެއް ފފެންނާން ހުންނާނެކަން އަލީޒީއަށް ޔަގީނެވެ. ނަމަވެސް އެއީ ނުވާކަމަކަށް ހެދީ އިންސާފު ހޯދައިދޭން ތިބި މީހުންނެވެ. ފަސްހަ-އަހަރު މާޒީވީ އެވެ. އެ ހާދިސާގެ ބިރުވެރި ހަނދާން ހުރި މީހަކު ނެތެވެ. ނޫސްތަކުގައި 'އިތުރު މައުލޫމާތުގެ' ގޮތުގައި އެ ހާދިސާ ބައެއް ފަހަރު ހަބަރުތަކުގެ ފަހަތު ޖުމުލައިގައި ލިޔެލާފައި އޮންނަނީ އެމީހުންގެ 'ލައިބްރަރީގައި' ތާރީހަށްޓަކައި އެ ހަބަރުވެސް ހިމެނިފައި ވާތީ އެވެ. އެކަމުން ކުށެއްނެތް ދެ ހިތަކަށް ރެއާއި ދުވާލު ވޭން ދެނިވި އެތައް ރިހުމެއް ކުރިމަތިވަމުންދާކަން ދެނެހުރީ ކާކު ހެއްޔެވެ؟
އަލީޒީ ސިއްސައިގެން ދިޔައީ އޭނާގެ ފޯނުގެ ރިންގު އަޑަށެވެ.
ސްކްރީނަށް ބަލައިލަމުން އަވަސްވެގަތީ ފޯނަށް ޖަވާބު ދިނުމަށެވެ. ކަންފަތުގައި ފޯނު ޖެހުމާއެކު ދެފައިގެ ފިޔަވަޅުތަކަށް ބާރުލާފައި ސްކޫލްތެރެއަށް ވަނެވެ.
ޕްރިންސިޕަލްގެ އޮފީހާއި ހަމައަށް ދެވުނުއިރު ނިއްކުރިން ދާބޮކިތައް ދަޅައަޅަން ފަށައިފި އެވެ. އޮފީހަށް ހާޒިރުވާންޖެހުމަކީ އަލީޒީއަށް މިފަހަކަށއައިސް އާންމު ކަމެކެވެ. ނަމަވެސް ވަރިހަމަކޮށް ނުލެވުނު، ނުތަނަވަސްކަން އިންތިހާއަށް ގެނުވާ އާދައެކެވެ.
ދޮރުގައި ޓަކި ޖަހައިލުމުން އިޝާރާތް ލިބުނީ އެތެރެއަށް ވަނުމަށެވެ. އަޔާންއާއެކު އިތުރު ހަތަރުކުދީން ޕްރިންސިޕަލްގެ މޭޒުކައިރީގައި އިސްޖަހައިލައިގެން ތިއްބެވެ. އަޔާން ނިއްކުރީގައި އަޅާފައިވާ ބޭސްގަނޑު ފެނުމުން އަލީޒީގެ ލޭނާރުތައް ހުއްޓުވާލިފަދަ އެވެ.
"މިއަދުވެސް އަހަރުމެންގެ ދަރީން ގައިގަ ތަޅާ، ރޮލާ ކައިފަ ދޯ މިހުރީ.."
އިތުރު ތިން ބެލެނިވެރިޔަކު އަލީޒީގެ ފަހަތުން އެތެރެއަށް ވަންކަން އަލީޒީއަށް އެނގުނީ އެމީހުންގެ އަޑު އިވުމުންނެވެ. ދުލުން ބޭރުކޮށް މި ބުނެވުނީ ކިހައިވަރެއްގެ އެއްޗެއްކަން އެއިން މަންމައަކަށް އިހުސާސްވާނެނަމަ ކިތަންމެހާވެސް ރަގަޅޭ އަލީޒީ ހިތައް އެރި އެވެ. ބޭސް އަޅާފައިވަނީ އަލީޒީ ދަރިފުޅުގެ ނިއްކުރީގަ އެވެ. އަނެއް ތިންކުދިންގެ މޫނުން، ނުވަތަ އެހެންވެސް ގުނަވަނަކުން އެފަދަ ނިޝާނެއް ފެންނާކަށް ނެތެވެ.
ޕްރިންސިޕަލްގެ މޭޒު އެއްފަރާތުގައި ހަތަރު ދަރިވަރުންނެވެ. އަނެއް ފަރާތުގައި ހަތަރު ބެލެނިވެރިންނެވެ. އަލީޒީގެ ލޮލުގެ ހިމަކޮޅުން ދޭތެރެއަކުން ބަލައިލެވެނީ އަޔާންގެ ނިއްކުރިއަށެވެ. ބޭސްގަނޑުގެ ކައިރިން އަދި އަޔާންގެ ކޮލުގައި ނޫފައިގެންފައި ހުރި ތަންތަން އަލީޒީއަށް ފާހަގަކުރެވުނެވެ. ނަމަވެސް ވަގުތާއި ހާލަތައްޓަކައި މައިވަންތަ ކުލުނު އެއްކިބައިކޮށް، އަހްލާގުގެ ރީތި މިސާލު ދަރިފުޅަށް ދެއްކޭތޯ އަލީޒީ ކެތްތެރިވި އެވެ. ދެންތިބި ތިން ބެލެނިވެރީން އެމީހުންގެ ނުރުހުމާއި ހިތުގެ ޝަކުވާތައް ޕްރިންސިޕަލަށް އަމާޒުކުރަމުން ގެންދިޔަ އެވެ.
"މިސްކޫލުގެ ހުރިހައި ބެލެނިވެރިންގެ ފަރާތުން އަޅުގަނޑުމެން މި އެދެނީ ވީ އެންމެ އަވަހަކަށް މި ކުއްޖާ މި ސުކޫލުން ވަކިކުރަން" ރަހުމާއި ހަމްދަރުދީގެ ޒައްރެއްގެ މިންވަރުވެސް އެ ބެލެނިވެރިޔާގެ ކިބައިގައި ނުވެ އެވެ.
އަލީޒީގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލީ އެހެން މީހަކަށް ފެނިދާނެކަމަށް ފަރުވާތެރިވެގެންނެވެ. އެ ވަގުތަކީ ޕްރިންސިޕަލްގެ ނަޒަރު އަލީޒީއަށް އަމާޒުވި ވަގުތެވެ.
-ނުނިމޭ-