ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ
އަމިއްލަ ނަފުސަށްޓަކައި މިއަދު އަލީޒީ ފަހުރުވެރިވެ އެވެ. ދުނިޔޭގެ ހުރިހައި ރިހުމަކާއި ހިތްދަތި ވޭންތައް އޭގެ އެންމެ ފުންމިނަށް ތަހަންމަލް ކޮށްފި އެވެ. އެއްބަނޑު އެއްބަފާ ނުވަތަ ލޭގެ ގުޅުންހިނގާ އެންމެ މީހަކު އާއިލާގައި ނެތަސް، ހިތްދަތި އާއިލީ މައްސަލަތައްވެސް އަލީޒީ ތަޖުރިބާކޮށްފި އެވެ.
ލޯބިވާ ބައްޕައެކެވެ. ބޭވަފާތެރި މަންމައެކެވެ. އިތުބާރުގެ ކެހިވެރިކަމާއި ހަސަދައިގެ އަލިފާނުން އަލީޒީގެ މުޅި ދިރިއުޅުން ފަނާކޮށްލީ ގާތް އެކުވެރިންގެ ގޮތުގައި އުޅުނު ބައެކެވެ. ދުނިޔޭގެ އެންމެ ތޯހިރު ލޯބި ދިން ބައްޕަގެ ނިމިދިއުމާއި، ދިރިހުރި މަންމައެއްގެ ތަހަންމަލްކުރަން ކުޅަދާނަ ނުވާވަރުގެ ބޭއިންސާފާއި ވޭނުން ހިތް ހަލާކުވެ، ފުނޑުފުނޑުވި އެވެ. ނަމަވެސް އެއީވެސް މާޒީ އެވެ.
ނޫސްތަކާއި ސޯޝަލް މީޑިއާ އަދި ހަބަރުތަކުން ފެންނަ ނުވަތަ އަޑު އިވޭ 'އީޒް އިންވެސްޓްމެންޓް' އަދި އެއާގުޅުވައިގެން ބޭނުންކުރެވެމުންދާ ނަން 'ނިހާޔަތު ޝަރީފު ނުވަތަ އަކްމަލްއަކީ' އެއަޑުތަކުގެ ސަބަބުން އަލީޒީގެ ދިރިއުޅުމަށް ކުޑަވެސް ހިޔަންޏެއް އެޅުވޭނެ ކަމެއް ނޫންކަމަށް އަލީޒީ ވަނީ ނިންމާފަ އެވެ. އެމީހުންނާއި އެމީހުންގެ ވިޔަފާރީގެ ފައިދާއަށް އެމީހުންނަށް މަރުހަބާ އެވެ!
އަމިއްލަ ނަފްސަން ކުޑަވެސް އިތުބާރެއްނެތި ޑިޕްރެޝަންގެ ޝިކާރައެއްގައި ހަޔާތުގެ އެންމެ މުހިއްމު މަރުހަލާ ކަޑައްތު ކުރެވިއްޖެ އެވެ. މިހުރިހައި ވޭނެއް އުފުލީ އަމިއްލަ ކޮނޑުގަ އެވެ. އެންމެ ހިނދުކޮޅަކަށްވެސް އައިޝާގެ ދެމަފިރިންގެ އެހީތެރިކަން ހަނދާން ނައްތާލަނީއެއް ނޫނެވެ. ދުނިޔެއިން އަތްފޮޅާނުލައި އެކަންކަމާއި ކުރިމަތިލައި އެ ތޫފާނުން މިންޖުވެވިއްޖެކަން މިއަދު އިހްސާސް ކުރެވިއްޖެ އެވެ. އަމިއްލަ ނަފުސަށް މިއަދު އަލީޒީ ފަހުރުވެރި ނުވާންވީ ސަބަބެއް ނެތެވެ. މިއީ އަލީޒީގެ ދިރިއުޅުމުގެ ކާމިޔާބުދުވަސްތައް ގުނަން ފެށުމުގެ ވަގުތެވެ. ދެން އޮތީ ކާމިޔާބުގެ ދަތުރަށް ހަޔާތުގެ ނައު ތައްޔާރުކުރުމެވެ. މާޒީގެ ކޮންމެ ހާދިސާއަކުން ފިލާވަޅު ލިބިގަންނާނެ އެވެ. މުހިއްމު ކޮންމެ ފިޔަވަޅެއް އަޅާނީ އައިޝާއާއި މަންސޫރުގެ ގުރުބާނީ ހަނދާންކުރަމުން، އެމީހުންގެ އެހީގަ އެވެ.
"އަހަރުމެންގެ ހަޔާތުން ލޯބިވާ މީހުން ﷲގެ ހަޒްރަތަށް އެނބުރިދަނީ ތަހަންމަލްކުރަން އުނދަގޫ އެތައް ރިހުމެއް ދޫކޮށްފައި..
އަހަރުމެންނަށް ނޭގޭ ކަންކަން ދެނެވޮޑިގެންވަނީ އެކަލާންގެ....
އަހަރުމެންނަށް ނީވޭ އަޑުތަކާއި މަންޒަރުތައްވެސް އެކަލާންގެ ދެނެވޮޑިގެންވޭ..
އަހަރުމެންނަށް ހަބަރެއްނުވާ ހުރިހައި ކަމެއް އެކަލާންގެ މޮޅަށް ދެނެވޮޑިގެންވޭ..
ކޮންމެ ކަމެއްގައިވެސް ހިކުމަތެއްވާނެ.. މިންވަރުފުޅަށް ތަބާވެ، އެކަލާންގެ ނިއުމަތްތަކަށް ޝުކުރުވެރިވާ އަޅުންގެ ތެރޭގައި އަބަދަށް ލައްވާށި!" އައިޝާގެ އަޑު ކުއްލިޔަކަށް އިވުމުން ސިއްސައިގެން ގޮސް އަލީޒީއަށް ބަލައިލެވުނެވެ.
"އާމީން..!" ހިނިތުންވުމާއެކު ދުވަހުގެ ބަރަކާތްތެރި ތަހުނިޔާވެސް ދެ އެކުވެރިން ބަދަލުކުރި އެވެ.
"ކޮޓަރިއާއި ބަދިގެއިން ފެންނާން ނެތީމައި އަހަރެން ހީކުރީ ދަނޑަށް ފެން ޖަހާލަން ދިޔައީކކަމަށް.. ދެން ގަޑިއަށް ބަލާލީރު އަދި ނަމާދަށް ނުގޮވާތީ އެނގިއްޖެ އުނދޯލީގައިކަން އޮންނާނީ.. މިއަދު އަލީޒީ އަޔާން ކައިރީގައި މަޑުކޮށްލާ، މިގަޑީގައި ދަނޑުދޮށަށް ދާނީ އަހަރެން.. މިހާރަކަށް އައިސް، ފަތިސްނަމާދުކޮށްގެން އަޔާން ނިދަން ބޭނުމެއް ނުވޭ ދޯ ..! އެހެންމީވަ ދުވާލަކު މީހަކު މިގަޑީގައި ދަނޑަށް ދާގޮތަށް ދެން ނިންމާނީ.. އަހަރުމެން ދެމީހުންނަށް އަޔާން ގޮވައިގެން ހަވީރަށް ދަނޑަށް ދެވޭނެ.. އޭރުން އެސޮރުވެސް އުފާވާނެ.. ރިސޯޓުން ފޮނުވި އޯޑަރު ހަވީރު ހަމަކޮށްލާފައި މިރޭ ޕެކިންގ ނިންމާލާނީ.. އެމީހުންގެ ސަޕްލައި ދޯނި އަންނާނީ މާދަމާ ހެނދުނު.. އެގަޑީގައި އައިލެންޑް ޕިކަޕެއް ހޯދައިގެން އޭގައި ހުރިހައި އެއްޗެއް އެއްފަހަރާ ގެންދެވޭނެ" އައިޝާގެ ހިޔާލް އަލީޒީއަށް ކަމުދިޔަ އެވެ.
"ގަސްތައް ހެދިލާފައި ހުރިލެއް ހިތްގައިމުކަމުން މިހާރު ހުވަފެނުންވެސް ފެންނަނީ ގަސްތަކުގައި އަޅައި ބަރާވެފައި ހުރި މިރުސްތަކާއި ކިއުކަމްބާތަކާއި، ޓޮމާޓޯތަކާއި ލޭޑީސްފިންގާތައް... ކަރަޔާއި ބަރަބޯ ދަނޑަށް ވަނަސް އެފަދަ... އެތަނުން ނިކުންނަ ހިތްވެސް ނުވޭދޯ" ދެމީހުން އެކުގައި ހީލިއެވެ. ހަގީގަތުގައިވެސް ދަނޑުވެރިކަމަކީ އެތައް ގޮތަކުން ހިތްހަމަޖެހުމާއި ފައިދާ ލިބޭ ކަމެކެވެ.
"އަލީޒީ މާބޮޑަށް ކަންކަމާ ނުވިސްނާ.. ދުވަހަކަށް ވުރެން ދުވަހެއް އިން ޝާ ﷲ އަހަރުމެންގެ ދިރިއުޅުން މިދަނީ ކާމިޔާބުވެ، ކުރިއަރަމުން.. ދެރަގޮތެއް މިންވަރު ނުކުރައްވާނެ" ހިތްވަރު ދިނުމަށް އައިޝާ ބުނެލި އެވެ.
"ތިކަހަލަ އެކުވެރިޔަކު ހުރިއްޔާ ދުނިޔޭގައި ކުރަންޖެހޭ ހިތާމައެއް ނޯންނާނެ.. އަހަރެން ވަރުގެ ނަސީބުވެރިޔަކު އުޅޭނެބާއޭވެސް ހިތަށްއަރާ.. އައިޝާ ނެތްނަމަ އަހަރެންގެ ހާލަކީ ކޮބައިކަން ވިސްނާލަންވެސް ބިރުގަނޭ" ދެ އެކުވެރިން އެކުގައި ހިނިތުންވި އެވެ.
މަޑުމަޑުން ހިނގާލާފައި އައިސް އަލީޒީއާއި އެންމެ ގާތުގައި ހުރި އުނދޯލީގައި އައިޝާ ހަމަޖެހިލި އެވެ.
"ތިކަހަލަ ކަންކަމާ ވިސްނަންވީ ދުވަސްތައް މާޒީވެއްޖެ.. އަލީޒީއަށްޓައި އަހަރެން ފަހުރުވެރިވަން.. އުއްމީދު ކަނޑާނުލައި ދިރިއުޅުމައިގެން ތިޔަކުރާ ހިއްވަރަށްޓަކައި އައްސަރިބަހާއި ސާބަސް.. އަމިއްލަ ފައިމައްޗަށް ތެދުވެ، ކުރރިމަތިވާ ހުރިހައި ގޮންޖެހުމެއް ހުރަސްކޮށް، މިނިވަންކަމާއެކު އަޔާންގެ މުސްތަގްބަލަށްޓަކައި ރެއާއި ދުވާލު ތިޔަކުރަނީ ހާދަހައި ބުރަ މަސައްކަތޭ.. އެހެންމީހުންނަށް ތިޔަކުރާ އިހްތިރާމާއި އަލީޒީގެ ހިތްހެޔޮކަމާއި އޯގާތެރިކަމަށް އަހަރެން ފަހުރުވެރިވަން.. އަލީޒީއަށް އަންދާޒާވެސް ނުކުރެވޭނެ އަލީޒީ ތިޔަ ކުރާ މަސައްކަތް.... މައިންބަފައިންގެ ތަނަވަސްކަމާއި މުދާ ކިތަންމެ ބައިވަރެއް އޮތަސް، އެއިގެ އެއްވެސް މިންވަރެއްގެ ފަހަތުން ނުދުވެ، އަމިއްލަ ފައިމައްޗަށް ތެދުވުމަށް ތިޔަކުރާ ހިތްވަރާއި، މިންނެއް މަސައްކަތުން ތިޔަހޯދާ ކާމިޔާބީތަކުގައި ﷲ ބަރަކާތް ލައްވާށި.. ދަނޑުވެރިކަން ފެށިއިރު އަހަރެންވެސް ހިޔެއް ނުކުރަން މިހައި ކާމިޔާބުކަމާއެކު އެކަން ކުރެވިދާނެކަމަކަށް.. އެކަމަކު މިއަދު އަހަރެންނާއި އަލީޒީގެ މަސައްކަތުން އަހަރުމެންގެ ދިރިއުޅުމަށް އައި ހެޔޮ ބަދަލުތައް ދެކިބަލަ..! މުންޝިރު ކޮންމެ މަހަކު ފޮނުވާ ފައިސާއިން އަހަރުމެންގެ ހުރިހައި ހަރަދެއްކޮށްފައި އަހަރުމެން ދެމީހުންގެ މަސައްކަތުން ލިބޭ ހުރިހައި އެއްޗެއް ދެމީހުން މި ޖަމާކުރަނީ އެކައުންޓަށް.. ދުވަހަކުވެސް އުއްމީދެއް ނުކުރަން މިހާ ގިނަ ފައިސާ އެއްކުރެވިދާނެކަމަކަށް..!" އައިޝާގެ އުފާވެރިކަން އޭނާ ހާމަކުރީ އަލީޒީއަށްޓަކަ އެވެ.
"އިން ޝާ ﷲ އަދި މިއަށްވުރެންވެސް ރަގަޅުކުރެވޭނެ.. އުއްމީދަކީ އިތުރު ދަނޑެއް ނަގައިގެން މިހާރަށްވުރެންވެސް ފުޅާކޮށް މިކަން ކުރުން.. އަހަރުމެން ދެމީހުންނަށް ވާނެ"
ޝުކުރުން ފުރިފައިވާ ހިނިތުންވުމަކުން އަލީޒީގެ ހިތުގެ އަޑު އިއްވާލި އެވެ. ލިބުނު ހިތްހަމަޖެހުމުގައި ކުރިއަށްވުރެންވެސް އަރާމުކޮށް އުނދޯލީގައި ހަމަޖެހިލި އެވެ. ހަމަ އެވަގުތު ބަންގީގެ އަޑުން މުޅިޖައްވު އަމާންކޮށްލި އެވެ.
................
ގޭތެރޭގައި ހުޅުވާފައިވާ ރޭޑިއޯއިން އެ އިވުނީ ހެނދުނު ހަތެއް ޖެހި އަޑެވެ. އަޔާން ސްކޫލަށް ލާފައި އައިގޮތަށް އަލީޒީ ފެށީ ގޯތިތެރެ ކުނިކަހާށެވެ. ދަނޑުދޮށުން އަދިވެސް އައިޝާއެއް ނާދެއެވެ. މިއަދަކީ ގަސްތަކަށް ކާނާ އަޅާ ދުވަސްކަމަށްވާތީ އެހެން ދުވަސްދުވަހަށްވުރެން ލަސްވާނެކަން އަލީޒީއަށްވެސް އިގެއެވެ. އައިޝާ އައުމުގެ ކުރީން ގޭތެރޭއާއިއެކު މުޅި ގޯތިތެރެ ސާފުކޮށް ނިމުނީއެވެ. އަޔާން ސްކޫލް ނިމޭނީ އެގާރަގަޑި ބައިގަ އެވެ.
އަޔާން ނިމިގެން އަންނާނެ ވަގުތެއް ހިތަށް އެރިޔަސް އަލީޒީ ގައިން ހީބިހި ނަގައެވެ. މިހާރަކަށް އައިސް ކޮންމެ ދުވަހަކު ސްކޫލުން އައިސް އަޔާން ރޮއެވެ. ގަނާކުރާ ކުދިންގެ ސަބަބުން އަޔާން ސްކޫލަށް ނުދާން އެތައް ބަހަނާއެއް ދައްކަނީ މަދު ދުވަހަކު ނޫނެވެ. ނަމަވެސް ދުނިޔެއާއި ކުރިމަތިލައި އެ އުނދަގުލުން ސަލާމަތްކަން ހޯދަން އަމިއްލައަށް ދަސްކުރުން ނޫން ގޮތެއް ނޯންނާނެކަން އަލީޒީއަށް އެގެއެވެ. ހަބަރުތަކާއި ނޫސްތަކުގައި ކިތަންމެ ވަރަކަށް މިކަންކަން ހިމާޔަތްކޮށްފައި ލިޔުނަސް، ހަގީގީ ހާދިސާއެއް ކުރިމަތިވާ ވަގުތުގައި އޮންނަނީ އެކަންކަން ހުއްޓުވާ ފިޔަވަޅު އެޅުމުގެ ބަދަލުގައި ސިއްރުކުރުމުގެ ސިޔާސަތެކެވެ. އަޔާންއަށް ދިމާވަމުންދާ ކަންކަމުގައި، އަހަރެއްހައި ދުވަސްވީއިރު، އަލީޒީއަށް ގޮތްހުސްވެއްޖެ އެވެ.
ގަނާކުރާ ކުދިންގެ ބެލެނިވެރިންނާއި ވާހަކަދައްކައިގެން އެކަން ހުއްޓުވޭތޯ ސްކޫލް މެދުވެރިކޮށް އަލީޒީ މަސައްކަތް ކުރިއެވެ. ނަމަވެސް ކުޑަވެސް ހައްލެއް ނުލިބުނެވެ. ބައްޕަ ނެތްކުއްޖަކަށް އަޔާން ވުމަކީ އަޔާންގެ ކުށެއް ނޫންކަން އއަލީޒީއަށް ބުނެދެވެން އޮތް ހުރިހައި ގޮތަކަށް އެސިކުނޑިއަށް ވިސްނައިދީފިއެވެ. ނަމަވެސް ކޮންމެ ދުވަހަކު އެކަމުގައި އެތައް އިރެއްވަންދެން އެދަރިފުޅު ރޮއެވެ.
ސްކޫލުން އައިސް ފެންވަރައިގެން ނަމާދުކޮށްގެން އަޔާން އިށީނީ ކާމޭޒު ކައިރީގައެވެ. އެއީ ގްރޭޑް ތިނަކަށް ބަދަލުވީންސުރެން އަޔާންގެ އާދައެވެ. ރޮމުން ގެއަށް އަޔަސް، އޭނާގެ އާދަތަކަށް އިސްކަން ދިނުމަށް ފަސްނުޖެހެއެވެ. މިއަދުވެސް އަޔާން އިށީނުމުން އަލީޒީ އޭނާއަށް ބަތްތަށި ތައްޔާރުކޮށްދިނެވެ. ތަރުކާރީގެ ދެ ވައްތަރަކާއި މުގުރިހަ ކޮޅަކާއި ބަތް، އަދި ފެނު ކެއްކި ބިހަކާއި ހިއްކާފައިވާ ރެހިކޮޅެއް ވަކިވަކިން ތަށީގައި އަތުރާލިއެވެ. އަދި ސަމްސަލެއް ތައްޓަށް ލައިދިނުމުން މަޑުމަޑުން އިނދެގެން ތަށި ހުސްކޮށްލިއެވެ. އެއަށްފަހު އަޔާންއަށް ތައްޔާރުކޮށްފައިހުރި ޖޫސްތަށި ބޯލިއެވެ.
"ގޭގައި ހަދަން ދީފައިހުރީ ކޮން ފިލާވަޅުތަކެއްތަ ދަރިފުޅާ..؟" އަލީޒީ އަހައިލިއެވެ.
"އިސްލާމް، ދިވެހި، މެތްސް.." އިސްޖަހައިގެން ހުރެ އަޔާން ޖަވާބު ދިނެވެ.
"ފިލާވަޅުތައް ހަދަން ފެށުމުގެ ކުރީން އަޒަރީލްއާއެކު ކުޅެލަން ދާންވީނުން.." އަޔާންގެ ހިނިތުންވުން ދެކިލުމަށް އަލީޒީވަނީ ކެއްމަދުވެފައެވެ.
"މިއަދު ބޭނުމެއް ނޫން އެގެއަށް ދާކަށް... އަޒަރީލްގެ ބައްޕަ މާލެއިން ގެނައި ރިމޯޓްކާރެއް ދުއްވަން ވެގެން އެ ގެއަށް މިއަދު ޖިޔާންއާއި ލަހެކްވެސް އަންނާނެ.. މާ ބައިވަރު ފިލާވަޅުވެސް އެބަހުރި ހަދަންދީފައި.. ހަވީރު ބޮޑުދައިތައާއއެކު ދަނޑަށް ދާންވާއިރަށް ހުރިހައި ކަމެއް ނިންމާލެވޭނީ މިހާރު ފެށީމައި.." އަޔާން ވާހަކަދެއްކީ އަދަބުވެރިކަމާއެކުއެވެ.
އަޒަރީލްއަކީ އެ ގެއާއި ޖެހިގެން ހުންނަގޭގެ ކުއްޖެކެވެ. އަޔާންއާއި ދެކުދިން ކިޔަވަނީ އެއް ކްލާހުގައެވެ. އަޒަރީލްއަކީ އަޔާންގެ ދިފާއުގައި ކުލާހުގައި ތެދުވާ މަދުކުދިންގެ ތެރެއިން ކުއްޖެކެވެ. މިއަދު އެ ގެއަށް ކުޅެލަން ދާން ބޭނުންނުވި ހަމައެކަނި ސަބަބަކީ ކްލާހުގެ އެހެން ކުދިބަޔަކު އެ ގެއަށް އަންނާތީ ނޫންކަން އަލީޒީއަށް އެނގުނެވެ. އަޔާންގެ ހަގީގީ މައްސަލައަކީ އަޒަރީލްއަށް ކާރު ފޮނުވީ އޭނާގެ ބައްޕަ ކަމަށްވާތީ އެވެ. އެ މައުލޫގައި އަޔާން މަސްއޫލުވާން ބޭނުންނުވަނީ އެވެ.
"މިގަޑީގައި ބޭނުމީ ހުރިހާ ފިލާވަޅުތައް ނިންމާލަން.." އަލީޒީގެ އަތުގައި ހިފާލާފައި އަޔާން ބުންޏެވެ. ދަރިފުޅުގެ ހިތްވަރަށް އަލީޒީ އުފާކުރިއެވެ. ނަމަވެސް މަންމަގެ ދެލޮލުން ފާޅުވި ކަރުނަ، އަޔާންއަށް ސިއްރެއް ނުކުރެވުނެވެ.
"މަންމަ ނުރޮއްޗޭ...! އަޔާން ބޮޑުވެގެން ވަރަށް ލޯބިން މަންމަ ބަލާނަން.. އަބަދުވެސް ރީތި ހެދުމެއް ލައްވާލާފައި ޝާލިމާ މިސް ގޮތަށް ނިކަން ރީތިކޮށް މޭކަޕްކޮށްލާފައި މަންމަ ބައިންދާނީ ކްއީންއަކަށް ހަދާލާފައި.. މަންމަގެ ނުރޯތި.. ތިއީ އަޔާންގެ ކްއީން..! އަޔާން ވަރަށް ބަސްއަހާނަން.. ވަރަށް މޮޅަށް ކިޔަވައިގެން ވަރަށް މޮޅު ޑޮކްޓަރަކަށް ވެގެން އައިސް މަންމަގެ ހުރިހައި ބައްޔަކަށް އަޔާން ބޭސްކޮށްދޭނަން.. މަންމަދެކެ އަޔާން ވަރަށް ލޯބިވޭ" އަލީޒީގެ މޫނަށް ބަލައިގެންހުރެ ލޯބިކޮށް އަޔާން ބުނެލިއެވެ. ދަރިފުޅުގެ ލޮލާއި މޫނުން އަލީޒީއަށް ފެނިގެންދިޔައީ ހިތްވަރާއި އަޒުމާއި ތެދުވެރިކަމެވެ. މަންމަގެ ކަރުނައިން ކުޑަކުޑަ ހިތުގައި ރިއްސައިފި އެވެ. އަލީޒީގެ ކަރުނަ އާއި ހިތާމަ އަޔާންއަށް ސިއްރުކުރިޔަސް، އެދަރިފުޅުގެ ތޫނު ވިސްނުމުން އެކަން ދެނެގަންނަކަން އަލީޒީއަށް އެގެ އެވެ.
"އަޔާން ބޭނުމީ އަޔާންގެ މަންމަ.. ބައްޕައެއް އަޔާން ބޭނުމެއްނޫން.. މުންޝީ އަންކަލް އަޔާންއަށް ހުރިހައި ކަމެއް ކޮށްދޭނެ.. މަންމަ ދެރަނުވައްޗޭ!" ގަދަކަމުން ހިނިތުންވާން މަސައްކަތްކުރަމުން އަޔާން ބުނެލި އެވެ.
ހަމައެވަގުތު ކަކޫ މައްޗަށް ތިރިވެ އަލީޒީގެ ދެއަތުގައި ހުރި ބާރެއް ލާފައި އެދަފުޅުގެ ގައިގައި ބައްދާލިއެވެ. އެމަންޒަރު ބަލަން އައިޝާ ހުރިކަމެއް ދެމައިންނަކަށް ނޭގެއެވެ. އައިޝާގެ ލޮލުން ވެއްޓުނު ކަރުނައާއެކު އޭނާގެ ލޯކުރިމަތީން ސިފަވެގެން ދިޔައީ އަޔާންއަށް ނުވަމަހުގައި ވަރަށް ބާރު ހުމެއް އައިސްގެން އެކަމުގައި އުޅެންޖެހުނު ރޭތަކުގެ ތެރެއިން ރެއެކެވެ. އެއީ ބޯކޮށް ވާރޭވެހި ވިދާ ގުގުރަމުން ދިޔަ ރެއެކެވެ.
"އަލީޒީ... ހަ ގަޑީރުވެގެން ދިޔައީ ނުތެދުވެ، ތިހެން އިންނަތާ..! އުނަގަނޑާއި ބުރަކަށީގައި ރިއްސާނެވަރު ހިތައް އެރިޔަސް އަހަރެން ބިރުގަނޭ.. ނިއްކުރިމަތީގައި ތެތްރުމާ އަޅައިގެން އަދި ހަށިގަނޑުގެ ހުޅުތަކާއި ބުރަކަށީގައިވެސް ތެތްރުމާ ބޭނުންކޮށްގެން ހުން މަޑުކުރުމަކީ އެންމެ ރަގަޅުގޮތްކަން އަހަންނަށްވެސް އިނގޭ.. ﷲގެ ރަހްމަތްފުޅާއެކު ވަރަށް އަވަހަށް އަޔާންގެ ހުން މަޑުކުރެވިއްޖެ.. ތިޔަ ފެންތަށި ބަދަލުކުރެވުނީ ކިތައްފަހަރުކަމެއް އަހަރެން ހަނދާނެއް ނެތް.. ކިތަށްކުދިން މަރުކަޒުގައި އެޑްމިޓްކޮށްގެން އައިވީ ގުޅާފައި އެތިބީ ހުން މަޑުނުކުރެވިގެން.. އަލީޒީގެ މަސައްކަތުން އަޔާން ވަރަށް ފަރުވާތެރިކޮށް ބަލަހައްޓަމުންދާތީ އިންޝާ ﷲ ހުން ގަދަނުވެ މި ހިފަހައްޓާލެވުނީ.. އިރުއިރުކޮޅުން ސަމްސަލުން އެކިކަހަލަ ސޫޕް ދެވޭތޯ ތި ކުރާ މަސައްކަތް ކޮންމެ ކޮންމެ މަންމައަކަށް ނުކުރެވޭތީ ކުދިން އެހައި ހާލު ދެރަވެފަ އެތިބީ.. އަލްހަމްދު ލިއްލާހި.. ދާދި ދެންމެ ސޫޕް ކޮޅެއްވެސް ތިޔަ ދިނީ.. މިއަދު ހެނދުނުން ފެށިގެން ހުން ގަދަވެސް ނުކުރޭ.. ދެން ކުޑަކުޑަ އިރުކޮޅަކަށް ނަމަވެސް އަރާމުކޮށްލަބަލަ.." އޯގާތެރިކަމާއެކު އައިޝާ ބުންޏެވެ.
"މިދަރިފުޅު މިހާލުގައި އޮއްވައި އަހަރެންގެ އެސްފިޔަ ލައްޕާލާނީ ކިހިނެއް...؟" އަޔާންގެ ބޮލުގައި ފިރުމާލަމުން އަލީޒީ ބުންޏެވެ.
"މަންމަ މިތާ އޮށޯވޭ.." އަޔާންގެ ބާލީހުން ޖާގަ ދައްކާލަމުން ބުނެލިއެވެ. އަލީޒީއާއި އައިޝާ އެކަކު އަނެކަކަށް ބަލައިލީ ދެ ލޯ ބޮޑުކޮށްލާފައެވެ.
"ދަރިފުޅު ނިދާފައެއް ނޫންތަ ތި އޮތީ..؟" ނުވަ މަހުގެ ކުޑަކުޑަ އަޔާން ވާހަކަ ދައްކާލެއް ލޯބިކަމުން އެ ދަރިފުޅުގެ އަޑު އިވޭ މީހަކު ހައިރާންވާހައި ފުރިހަމައެވެ. އަލީޒީއާއި އައިޝާ ހީކުރީ އަޔާން އޮތީ ނިދާފަ ކަމަށެވެ.
"ބޮޑުދައިތަގެ ދޫނި ނިދިފަ ކަމަށް ހީކުރީ.. މަންމަ ނިދަން ފޮނުވާފައި މިތާގަ ބޮޑުދައިތަ އިށީންނަންތަ..؟" ލޯތްބާއެކު އައިޝާ އަހައިލިއެވެ.
"މަންމަ ބަލިވީމަ އަޔާން ބޮދުވެދެން ދޮއްތަލަކަށްވެގެން ލަގަލުކޮށްދޭނަން.. އަޔާން ބޭނުމީ މަންމަ.." ލޯބީން ފުރިފައިވާ ބަލައިލުމަކުން އެދަރިފުޅު ބަލައިލީ އަލީޒީއަށެވެ.
އައިޝާއާއި އަލީޒީއަށް އެކަކު އަނެކަކަށް ބަލައިލެވުނީ ހައިރާން ވެފައެވެ. ފުރަތަމަ ފަހަރަށް އަޔާން ޑޮކްޓަރަކަށްވާން ބޭނުންވާކަން ހާމަކުރީ އެވަގުތުއެވެ. އޭރު އެންމެ ނުވަ މަހެއެވެ. އަޔާންއަކީ އަށް މަހުގައި ވާހަކަދައްކަން ފެށި ތޫނުފިލި ކުއްޖެކެވެ.
-ނުނިމޭ-