ނަސީބުވެރިޔާ، ކ. ތުލުސްދޫއަށް އުފަން މުސްތަފާ މުހައްމަދާ ޓެސްލާ ހަވާލުކުރީ ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައިކަމަށް ދިރާގުން ބުނެއެވެ.
މުސްތަފާ ބުނިގޮތުގައި މިފަދަ އަގުހުރި އިނާމެއްގެ ނަސީބުވެރިއެއްގެ ގޮތުގައި ހޮވުނުކަން އެންމެ ފުރަތަމަ ގަބޫލުކުރަން ދަތިވި ނަމަވެސް އޭނާ އާއި އޭނާގެ އާއިލާ ވަރަށް އުފާވި ކަމަށެވެ. އަދި މީގެ އިތުރުން ދިރާގުން ކުރިއަށް ގެންދާ ތަފާތު ޕްރޮމޯޝަންތަކުގެ ތެރެއިން މިފަދަ ހިތްގައިމު ފުރުސަތެއް ކަސްޓަމަރުންނަށް ފަހިކޮށްދެމުންދާކަމަށްޓަކައި އެކަމަށްވެސް އެނާ ދިރާގަށް ޝުކުރުއަދާކުރިކަމަށް އެކުންފުނިން ބުނެ އެވެ.
މުސްތަފާއަކީ ރާއްޖެއަށް މޮބައިލް ފޯނުގެ ހިދުމަތް ތައާރަފްކުރި ހިސާބުން ފެށިގެން ދިރާގުގެ ހިދުމަތް ބޭނުން ކުރަމުން އަންނަ ކަސްޓަމަރެއްކަމަށް ދިރާގުން މައުލޫމާތުދެއެވެ. މިއަދު އޮތް އިވެންޓްގައި މުސްތަފާގެ އާއިލާގެ އިތުރުން ދިރާގުގެ މެނޭޖްމަންޓާއި މުވައްޒަފުންވެސް ވަނީ ބައިވެރިވެފައިވެ އެވެ.
މި 'ވިން އަ ޓެސްލާ' ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ އެހީގައި ތަފާތު، އައު ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި އެކުނުފުނިން ލޯންޗުކުރި ޕްރޮމޯޝަނެކެވެ. 1 އޮކްޓޫބަރު 2023 ން 31 ޖަނަވަރީ 2024 ގެ ނިޔަލަށް ކުރިޔަށްގެންދިޔަ މި ޕްރޮމޯޝަން ވެގެންދިޔައީ ރާއްޖޭގެ ގިނަ ބަޔަކުގެ ސަމާލުކަން ހޯދާ، އާންމުންގެ މަގުބޫލުކަން ލިބުނު މަރކެޓިން ހަރަކާތެއްކަމަށް ދިރާގުން ފާހަގަކުރެ އެވެ.
މި ޓެސްލާ ކާރަކީ ދިރާގު ތާރީހުގައިވެސް އަދި މިހާތަނަށް އެކުންފުނިން ހުށަހެޅި އެންމެ އަގުބޮޑު އިނާމެވެ. ދިރާގުގެ އަމާޒަކީ ކަސްޓަމަރުންނަށް އެންމެ ހިތްހަމަޖެހޭ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދީ އަދި ތަފާތު ފޯރިގަދަ ޕްރޮމޯޝަންތަކާއި ހަރަކާތްތައް ފުރިހަމަ ގޮތެއްގައި އެފަރާތްތަކަށް ގެނެސްދިނުންކަމަށް ދިރާގުން ބުނެ އެވެ.