ޖަމީލުގެ މަރުގައި ޝައްކު ކުރެވޭ ކަންކަން ހުރިކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަން ފެށުމުން އޭނާގެ ޕޯސްޓް މޯޓަމް ހެދުމަށް ނިންމާ އެކަން ކުރަން ފުލުހުންނަށް ދާހިލީ ވަޒީރު އަލީ އިހްސާން އެންގެވި އެވެ.
މި އެންގުމާއި އެކު ފުލުހުން ވަނީ ރޭ ފަތިސް ނަމާދަށްފަހު ވަޅުލާން ނިންމާފައި އޮތް ޖަމީލުގެ ހަށިގަނޑު ބަލާ އާ ސަހަރާއަށް ގޮސްފަ އެވެ. އަދި އެކަމާއި ހިތްހަމަނުޖެހި ބައެއް މީހުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
ޖަމީލުގެ އާއިލާއިން އޭނާގެ ހަށިގަނޑު ފުލުހުންނާ ހަވާލުކުރަން ދެކޮޅު ހެދިއެވެ. އާއިލާއިން ބޭނުންވީ ވީ އެންމެ އަވަހަކަށް ޖަލީލުގެ ޖަނާޒާގެ ކަންކަން ނިންމުމަށެވެ. އެހެންނަމަވެސް އާއިލާ އަށްް ޖަމީލުގެ ޖަނާޒާކަން ކަން ފުރިހަމަކޮށް ވަޅުލުމަށް ހުއްދަދީ ދީފައިވަނީ ސަހަރާއަށް ވަޒީރު އަލީ އިހްސާނާއި ޕޮލިސް ކަމިޝަނަރު އަލީ ސުޖާއު ވަޑައިގެން އާއިލާއާ ވާހަކަ ދެއްކުމަށްފަހު އެވެ.
ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށް ހުއްޓާ ޖަމީލު ނިޔާވީ ސަޖިދައިގައި އޮއްވާކަމަށްް ދާހިލީ ވަޒީރު އަލީ އިހްސާން ރޭ ވަނީ ވިދާޅުވެފައެވެ..
އެހެންނަމަވެސް ޖަމީލު މޫނުމަތިން ނޫފައިގެންފައިވާ ތަނެއް ފެންނަ ހުރިކަމަށާއި އެއީ އަނިޔާގެ ނިޝާންކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ. އަދި ޖަމީލު ނިޔާވީ ޖަލު އޮފިސަރުން އަނިޔާކުރުމުންކަމަށްް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން އަންނަނީ ކަންބޮޑުވުން ފާުޅުކުރަމުންނެވެ.
މި ވާހަތަކާއި ގުޅިގެން ދާހިލީ ވަޒީރު އަލީ އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖަމީލް އެންމެ ފަހު ވަގުތުކޮޅު އޭނާ ނަމާދުކުރަން ހުރިތަން ޖަލުގެ ސީސީޓީވީ ފުޓޭޖްތަކުން ފެންނަކަމަށެެވެ. އަދި އޭނާ ނިޔާވެފައިވަނީ ސަޖިދާގައި އޮއްވާކަންވެސް އެ މަންޒަރުތަކުން ފެންނަކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
އިހްސާން ވިދާޅުވީ ޖަމީލް ހުރި ގޮޅީގެ ސީސީޓީވީ ފުޓޭޖްތައް ކަމާއި ގުޅޭ ހުރިހާ ދާއިރާއަކާއި ހިއްސާކުރާނެކަމަށެވެ.
ކަރެކްޝަނުން ބުނީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މުހައްމަދު ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރް ދިންކަމަށެވެ. އަދި އެއްވެސް ބަދަލެއް ނައުމާ ގުޅިގެން، 12:13 ހާއިރު މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދޭން ފެށިކަމަށާއި އޭގެ ބައިގަޑިއިރެއްހާއިރު ފަހުން ޑޮކްޓަރު ވަނީ ޖަމީލްގެ ހިތް ހުއްޓިގެން ނިޔާވިކަމަށް ކަނޑައެޅިކަމަށްވެސް ކަރެކްޝަނުން ވަނީ ބުނެފަ އެވެ.
ޖަމީލަކީ އެންވަޔަރުމެންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަލީ ސާލިހަށް ވަޅިން ހަމަލާ ދީގެން ހައްޔަރުކުރި މީހެކެވެ. ސަލްމާން މިސްކިތުގައި ހުކުރު ނަމާދު ކުރަމުން ދަނިކޮށް، މިންބަރަށް އަރައި އަޑުގަދަކޮށް ނަމާދަށް ހުރަސްއެޅި މައްސަލައެއްގައިވެސް އޭގެ ކުރިން އޭނާ ހައްޔަރުކުރި އެވެ