ads
ވިހި ވަނަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ހުވާކުރައްވަން މަޖިލިހުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތު - ފޮޓޯ: މަޖިލިހުގެ އިދާރާ
މެންބަރުންނަށް މަހެއް ؛ ފޯނަށް ލިބުނު މެސެޖުތަކާއި ކޯލްތައް
ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް އަލަށް އިންތިހާބުކުރި މެންބަރުން މަގާމުގެ ހުވާ ކުރިތާ މަހެއް ފުރި ދިޔައީ އެވެ. ދިވެހީންގެ އާބާދީ އިތުރުވަމުންދާ ވަރަކަށް މެންބަރުންގެ އަދަދު ވެސް އިތުރުވަމުން އެބަދެ އެވެ. އެއީ މެންބަރުންގެ އަދަދު އާބާދީއާ ގުޅިފައި ވާތީ އެވެ.

ރާއްޖޭގައި 21 އިދާރީ ދާއިރާއަކަށް ބަހާލާފައިވާއިރު ކޮންމެ އިދާރީ ދާއިރާއެއްގައި ދެ މެންބަރުން މަދުވެގެން ތިބެންޖެހޭ އިރު، އިތުރުވާ ކޮންމެ 5000 މީހެއްގެ އާބާދީ އަކަށް އިންތިހާބީ ދާއިރާއެއް ކަނޑައަޅަން ޖެހެ އެވެ. އަދި ކޮންމެ އިންތިހާބީ ދާއިރާއަކުން މެންބަރަކު ހޮވަންވެސް ޖެހެ އެވެ. އެގޮތުން ވިހި ވަނަ މަޖިލީހުގައި 93 މެންބަރުން ތިއްބަވަ އެވެ.

ނިމުނު ނަވާރަ ވަނަ މަޖިލީހުގެ ތިއްބެވި މެންބަރުންގެ ތެރެއިން މި ފަހަރުގެ އިންތިހާބުގައި ގޮނޑި ދިފާއުކުރެއްވުނީ އެންމެ 11 މެންބަރުންނަށެވެ. އެބޭފުޅުންގެ ތެރޭގައި މަޖިލީހުގައި ގިނަ ދައުރު ތަކެއް ފުރުއްވި ގާބިލު ތަޖުރިބާކާރު ބޭބޭފުޅުން އެބަތިއްބެވި އެވެ. އެއީ މާލީ ގޮތުން ވެސް ތަނަ ވަސް ބޭފުޅުން ނެވެ. އަދި މީގެ ކުރިން މަޖިލީހުގައި ދާއިރާތަށް ތަމްސީލުކުރެއްވި ބޭފުޅުން ވެސް ވިހި ވަނަ މަޖިލިހަށް ވަނީ އަލުން އިންތިހާބުވެފަ އެވެ. ނަމަވެސް މުޅި މަޖިލީހުގެ މެންބަރުންނަށް ބަލާއިރު ވިހި ވަނަ މަޖިލީހުގައި ވަރަށް ޒުވާން ސިޔާސީ "ނިއު ފޭސް" ތައް ގިނަ އެވެ.

އާ މޫނުތަކަކަށް ވުމުން ހުދު އަޅުގަނޑަށް ވެސް ބައެއް މެންބަރުންގެ ދާއިރާތަކާއި ފުރިހަމަ ނަން އިނގުމުގައި ދައްޗެއް އެބަ އުޅެ އެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް އެބޭފުޅުން ފެނިދެނިވެ ތަފާތު ސިޔާސީ "ސުރުހީ" ތަކުން މަޝްވަރާއަށް ފުރުސަތު ލިބެމުން އަންނާތީވެ ދެކެފަރިތަ ވުމުގައި އެހާ ދައްޗެއް ނެތެވެ.

މެންބަރުން މަޖިލީހުގެ މަސައްކަތައް ފަށައިގަތް ހިސާބުން އީދުގެ ބޮޑު ބަންދަށް މަޖިލީސް ވެސް "ހުއްޓުނު" ނަމަވެސް މިހާރު މިވަނީ އަލުން ބާރު ސްޕީޓުގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ވެސް ވަނީ ފެށިފަ އެވެ. މި އަދުވެސް އެ އުޅުއްވަނީ މަޖިލީހުގެ އަވަސް މަސައްކަތަކަށް މަޖިލިސް ތަޅުން ހުޅުވައިގެންނެވެ.

ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުމާއި އެކު އެބޭފުޅުންގެ މަސައްކަތް ދާގޮތާއި އަދި އިންތިހާބު ދުވަސްވަރު ވީ ވައުދު ތަކާއި އެބޭފުޅުންގެ މަސައްކަތުގައި ގެން ގުޅުއްވާނެ ތަސައްވުރު މިހާރު ހުރިނެތްގޮތް ބަލާލުމަށް ބައެއް މަޖިލިސް މެންބަރުންނާއި މިފަހުން ބައްދަލުވެ އަދި ބައެއް ބޭފުޅުންނާއި ފޯނުން ގުޅާލެވުނެވެ. 

އިންތިހާބަށް ބައެއް ކެންޑިޑޭޓުންގެ ވައުދުތަކާއި ހޮވާންޖެހޭ ކަަމަށް އެ މީހުން ދެކޭ ކަންކަން ހާމަކޮށް ވެފައިވާ ކެންޕެއިން ވައުދު ތަކުގެ ދެކޮޅު ހޯދާ ލުމަށާއި ވޯޓު ދިން ރައްޔިތުންނާއި މިހާރު ގުޅުން އޮތް މިންވަރު އަހާލުމަށް އަދި މަޖިލީހުގައި މިވީ އެއް މަހުގެ ބަރުލަމާނީ ތަޖުރިބާއާއި ގުޅޭ ބައެއް ވާހަކަތަށް ސާފުކުރަން ފެށީމެވެ. މި ބޭބޭ ފުޅުންނަކީ މިހާރު "އިއްޒަތްތެރި" ން ގޮތުގައި ދެކޭ ހާލުގައި އެވެ.

your imageވިހި ވަނަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ހުވާކުރައްވަން މަޖިލިހުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި ބައެއް މެންބަރުން ހުވާކުރައްވަނީ - ފޮޓޯ: މަޖިލިހުގެ އިދާރާ

މި ރިޕޯޓަށް ރާއްޖޭގެ ދެކުނުން ވާހަކަ ދެއްކި މަޖިލިސް މެންބަރަކު ވިދާޅުވީ ވިހި ވަނަ މަޖިލީހުން ދާއިރާގެ ރައްޔިތުންނަށް އެމީހުންގެ ދިފާއުގައި ވާހަކަ ދައްކާނެ އަދި އެމީހުން މަޖިލިސް ތަޅުމުގައި ތަމްސީލުކޮށް ދޭނެ ހާދިމެއްގެ ގޮތުގައި ހުރުމަކީ އެންމެ ބޮޑު އުންމީދު ކަމަށެވެ. މެންބަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މައިގަނޑު މަސައްކަތަކީ ދާއިރާގެ ރައްޔިތުންގެ ހިޔާލާއި ވިސްނުމަށް ރިއާޔަތްކޮށްގެން މުޅި މުޖުތަމައުގެ ބޭނުމަށް ގާނޫނު ހެދުމެވެ. ގާނޫނުތައް ފަރުމާކޮށް އެކުލަވައިލާ ފާސްކުރުމެވެ. 

"މިހާރު ރައްޔިތުން މަޖިލީހަށް އަންނަނީ މުއްސަނދިކަން ހޯދަން. ތިޔަ އުޅެނީ ސިޔާސީ ނުފޫޒުން ކަންކަން ހާސިލްލުކުރަން. ރައްޔިތުންނަށް ހެޔޮއެދިގެނެއް ނޫން." އިންތިހާބަށް ވާދަކުރަން ނިކުތުމުން ދާއިރާގެ ރައްޔިތުން ބުނީ މިހެން ކަމަށް މެންބަރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ބުނީ ސިޔާސީ ދާއިރާއިން މި ފެށުނީ މުހިއްމު ގައުމީ މަސައްކަތެއްކަމަށާއި ކުރީގެ މަޖިލިސް މެންބަރުންގެ ފުށުން ފެނުނު ކޮންމެ ހަރަކާތެއް އެއީ މިހާރު މެންބަރުންގެ ފުށުން ނުފެނިދާނެ ކަމެއްކަމަށް ގަބޫލުކުރަން ވެއްޖެ ކަމަށެވެ. 

މާޅޮސް މަޑުލު މެންބަރަކު ބުނީ ކެމްޕޭން ދުވަސްވަރަށް ފަހު ބައެއް މެންބަރުން ރައްޔިތުންނަށް ގެއްލޭ ކަމުގެ ޝަކުވާ ކުރިން ވެސް އަޑު އަހާ ކަމަށާއި ހުދު އޭނާ އަކީ ވެސް ކުރީގެ މެންބަރު ގެއްލިއްޖެ ކަމަށް ވާހަކަ ދެއްކި މީހެއްކަމަށެވެ. އަދި ވިދާޅުވީ މެންބަރުން "ފިލާ" ސަބަބު މިހާރު މަޑުމަޑުން ސާފު ވަމުން އަންނަ ކަމަށެވެ. މެންބަރުންގެ އަތުން ވީހާވެސް ބޮޑު ފައިދާއެއް ލިބޭތޯ އުޅޭ މީހުންގެ ސަބަބުން މަޖިލިސް މެންބަރުން ތަސައްވުރަށް ހިޔަނި އެޅިފައިވާ ކަމަށެވެ.  

"ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތް ކޮށްދެއްވައި، ރައްޔިތުންގެ ފޯނު ކޯލު ތަކަށް ޖަވާބުދެވޭ މެސެޖުތަކަށް ރިޕްލައި ދެވޭ ފަދަ އެމްޕީއަކަށް ވެވޭތޯ ވަރަށް ބަލަން، މިދްހަތު ބައްލަވާ އަޅުގަނޑުގެ ފޯނު، މި ގުޅީ މި ގުޅީ، ފޯނުން ބެޓެރި ދަންދެން އެބަ ގުޅާ ހުއްޓާ ނުލާ، އެހީ ހޯދަން، ފައިސާ އަށް ދަތިވެގެން، ތެދަށް ވާހަކަ ދައްކަމާ މި ވެސް ނިމެން ޖެހޭ ކަމެއް ނޫންތޯ" އޭނާގެ ފޯނު މޭޒުގައި އަޅުގަނޑު އިންފަޅިއަށް ޖައްސާލައްވަމުން ވިދާޅުވި އެވެ.

އޭނާ އިތުރަށް ކިޔައިދެއްވި ގޮތުގައި ދާއިރާގެ ބައެއް ޒުވާނުންގެ ފަރާތުން ފެންނަނީ އަދި މުޅިން އެހެން ހަޔާތެއް ކަމަށެވެ. އެމީހުންނަށް ވިސްނިފައި މިއޮންނަނީ އެމީހުންގެ ސިގިރޭޓް ފޮށިވެސް ގަނެދޭނެ މީހާއަކީ މެންބަރުކަމަށެވެ. މަޖިލިސް މެންބަރުންނާއި މެދު ރައްޔިތުން އުންމީދު ކުރާގޮތް ނުވަތަ ދެކޭ ގޮތް ބަދަލުކޮށްގެން މެނުވީ ތާހިރު މަޖިލީހެއް ނުފެނި ދާނެކަމުގެ ބިރު އެބައޮތްކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އަދި ގައުމަށާއި ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތަކެއް ކުރެވިގެން ދާތަން މެންބަރުންގެ ފުށުން ފެންނާނީ މެންބަރުންނަކީ "ވެލްފެއާ" ފަންޑު ކަމަށް ގިނަ ރައްޔިތުން ގަބޫލުކުރާ ގަބޫލުކުރުން ދޫކުރި ދުވަހަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

" މެންބަރެއް ގާނޫނީ މަސައްކަތަކީ ދާއިރާގެ ކޮންމެ އާއިލާއަކަށް އާސަންދަ ފޯމު ފުރައިދީ، އިންޑިއާ ދަތުރުގެ ދެކޮޅު ޓިކެޓް ދިނުން ކަމަށް ގަބޫލުކުރެވޭނަމަ އަދި ވޯޓު ލާ މީހާގެ ޝަރުތުވެސް ފުރިހަމަ ނުވީ ނޫންތޯ" މެންބަރުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބޭ ފައިސާއިން ރައްޔިތުންނަށް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަން ފާހަކޮށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ދެކުނުން ދާއިރާއެއް ތަމްސީލު ކުރައްވާ މަޖިލިހަށް އަލަށް އިންތިހާބުވި މެންބަރަކު ވިދާޅުވީ ނިމުނު ބޮޑު އީދުގައި ދާއިރާ އަށް މިލިއަނަކާއި ގާތަށް ހަރަދުކުރަން ޖެހުނު ކަމަށާއި ބައެއް ޖަމިއްޔާތަކަށް ހީވެފައި އޮތީ އާއިލާގެ މީހުން ވިޔަފާރީގައި އުޅެ ރަށުގައި ވެސް ބައެއް ވިޔަފާރިތަށް ހިންގާތީވެ އަހަރެން މީ ވަރަށް ފޯރާ މީހެއް ކަމަށެވެ. އޭނާ ބުނީ އެއީ މުޅިން ރަނގަޅު ވިސްނުން ނޫން ކަމަށާއި އިންތިހާބުގެ ކެންޕެއިނަށް މީހުން އަތުން ނެގި ފައިސާ އަދި ނުދެއްކި ހުރި ކަމަށެވެ. ނަމަވެސް އޭނާގެ ދާއިރާއިން ބައެއް ރައްޔިތުންގެ ފަރާތުން ތަޖުރިބާ ކުރަން މި ޖެހުނީ ވަރަށް ދެރަ ހާލަތެއް ކަމަށެވެ. ބޮޑު އީދަށް ދާއިރާގެ ކުޅިވަރު ހަރަދު ބަލަހައްޓަމުން އީދަށް ޗުއްޓީއާއި ދިމާކޮށް މާލެ އަށް އަދި ބޭރު ގައުމުތަކަށް ދާއިރާގެ ރައްޔިތުން ކުރި ދަތުރު ތަކުގެ ހަރަދު ބަލަހައްޓަން ވެސް ޖެހުނު ކަމަށެވެ. 

"މަޖިލިސް އަށް ނުނިކުމެ ދާއިރާގެ ރައްޔިތުންގެ ހައްގުގައި މިސަރުކާރުގެ ސިޔާސީ ސްލޮޓެއްގައި އާސަންދަ އެމްޑީ ކަން ހޯދަން އުޅެވުނު ނަމަ އޭ ވެސް ހިތަށް އެބަ އަރާ، އާސަންދަ އަށް އެދުނު މީހަކަށް އެހީ ނުލިބުމުން އަޅުގަނޑު މިހުރީ މިހާރު އޭނާ ކުރިމަތީ ފެއިލް ވެފައި" ރައްޔިތުންގެ ވިސްނުމަށް ބަދަލުގެންނަން ޖެހޭ ކަން ފާހަގަކޮށް މެންބަރު ވިދާޅުވި އެވެ.

ބޭރު ހޮސްޕިޓަލަކުން ދިމާވި މެންބަރަކު ދެއްކެވީ އަދި މުޅިން އެހެން ޒާތެއްގެ ތަފާތު ވާހަކަ އެކެވެ. އާއިލާ މީހަކު ހޮސްޕިޓަލުގައި އޮތުމުން ގޮވާލަން ގޮސް އަޅުގަނޑުވެސް ކޮޅުނބު ހޮސްޕިޓަލެއްގެ ހުއްޓާ ދިމާވީ ވަރަށް ފަރިތަ ސިޔާސީ މޫނެކެވެ. ސިޔާސީ ސުރުހީތަކުން އަބަދުވެސް އެ ބޭފުޅެއްގެ ހަބަރު ވެސް ހަދަން ޖެހިފާ އޮންނަ "ނިއުސް މޭކާ" އެކެވެ. އަނެއްކާވެސް މަޖިލީހަށް ވަޑައިގެންނެވީ ކަމަށާއި ސިޔާސީ މަސައްކަތުގެ އަޕްޑޭޓަކަށް އަހާލީމެވެ. ސިޔާސީ ވެރިންގެ ސިޔާސަ "ސަކަ" މިޒާޖަކަށް ވިދާޅުވީ ވާހަކައެއް ދެއްކޭނީ ވެސް ފުރަތަމަ ކޮފީ އަކަށް އޯޑަރު ދިނުމަށް ފަހު ކަމަށެވެ 

އެކުގައި ހޮސްޕިޓަލް ތެރެއިން ނިކުމެ ކައިރި ބަރިސްތާއަކަށް މިސްރާބު ޖެހީމެވެ. 15 މިނެޓްގެ ދަތުރަކަށް ފަހު ވަދެވުނު ކެފޭގެ މޭޒުގައި ރަނގަޅަށް ހަމަޖެހިނުލެވި އުޅެނިކޮށް އަޅުގަނޑަށް ބަވަން ފެށި އެވެ. އޭނާގެ ހުރީ ހުސް ޝަކުވާ އެވެ. ރާއްޖޭގެ ދިރިއުޅުމުގެ ހާލަތު ބަދަލު ނުވާ ވާހަކަ އެވެ. ރައްޔިތުންގެ "ވިސްނުން" ބަދަލު ނުވާ ވާހަކަ އެވެ. ސިޔާސީ މީހުން ރަނގަޅު ކުރަން ނުވަތަ އިސްލާހު ކުރަން ރައްޔިތުން ބޭނުން ނުވާ ވާހަކަ އެވެ. މަޖިލިސް މެންބަރަކަށް ވުމުން ގާނޫނު އަސާސީން މަޖިލިސް މެންބަރަކަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާ އިން ބޭރުން މަސައްކަތް ކުރުމަށް ރައްޔިތުން އޭނާ ގެ ފަރާތުން އެދޭ ވާހަކަ އެވެ. ކައިވެންޏަށް ބަޖެޓެއް ހޯދަން ގުޅާ ވާހަކަ އެވެ. ފްލެޓަށް ފޯމު ލާން އުޅޭ ވާހަކަ ބުނަން މެސެޖް ކުރާ ވާހަކަ އެވެ. 

ފޯނު ބިލު ނުދެއްކިގެން ރައްޔިތުން މެންބަރަށް ގުޅާ ވާހަކަ އެވެ. އާސަންދައާއި އެންސްޕާ އެއީ މަޖިލިސް މެންބަރުގެ "ފެހި ބަޓަން" ކަމަށް ރައްޔިތުން ގަބޫލުކުރާ ވާހަކަ އެވެ. ބޮޑެތި އަދަދު ތަކުން ފައިސާއަށް އެދޭ ވާހަކަ އެވެ. ނުހައްގު މުއްސަދިކަމާއި ހިޔާނާތަކީ އެއް ވެސް މައްސަލައެއް ނޫން ކަމަށް ބައެއް ގަދަރުވެރި ރައްޔިތުން ވިސްނައިދޭން މަސައްކަތް ކުރާ ވާހަކަ އެވެ. ސަރުކާރުގެ ވަޒީފާ ދެނީ މެންބަރު ކަމަށް ގަބޫލުކުރެވިފާ އޮންނަ އޮތުމުގެ ވާހަކަ އެވެ. މުބާރާތަށް އެފްއޭއެމްއިން ރެފްރީއެއް ހޯދަން ގުޅާ ވާހަކަ އެވެ. އަދި މިއިން ކަމެއް ނުވެއްޖެ ނަަމަ މެންބަރަކީ "އިސްރާފެއް ކަމަށް" ރައްޔިތުން ބުނާ ވާހަކަ އެވެ.

އަޅުގަނޑު ދެންނެވީމެވެ. އިއްޒަތްތެރި މެންބަރު އެވެ. ތިޔަހުރީ ހުސް "ޝަކުވާ" ނޫން ހެއްޔެވެ. ތިޔަ މައްސަލަތަކުގެ ހައްލު ދެން ވިދާޅުވެ ބައްލަވާށެވެ. ވިދާޅުވީ ހަދިޔާ އަށް ރައްޔިތުން ވިކިއްޖެ ކަމަށެވެ. ރިޝްވަތުގެ ކެމްޕެއިން ވަރުގަދަ ވެއްޖެ ކަމަށެވެ. "ހައްލު" އުނދަގޫ ކަމަށެވެ. 

އަޅުގަނޑު ދެންނެވީމެވެ. ނޫނެކެވެ. ތިޔަ ހުރިހާ ޝަކުވާއެއްގެ އަސްލަކީ ގިނަ ޕާޓީތައް އެކުލެވޭ ނިޒާމެއް އައިފަހުން ރައްޔިތުން މަޖިލިސްތައް ފެނިގެން ދަނީ "ރައްޔިތުން" ތަމްސީލުކުރާ ބާރަކަށް ވުރެ ބޮޑަށް ޕާޓީތަކުގެ ސިޔާސަތާއި ފިކުރު ތަމްސީލުކުރާ ބާރެއްގެ ގޮތުގައި ވުމެވެ. 

މަޖިލީހުގެ ސިޔާސީ ނިންމުންތަށް ގޯސް ވުމުގެ އާހިރު ނަތީޖާއަކީ ރައްޔިތުން ނިކަމެތި ވުމެވެ. ވޯޓަށް ފަހު ފަސް އަހަރަށް އެ ރައްޔިތުންގެ ބޭނުން ކެޑުމެވެ. ނަތީޖާ އަކީ ފަސް އަހަރުން އެއް ފަހަރު ދިމާވާ "ސިޔާސީ މީހާ" ކިބައިން ރައްޔިތުން އެދޭ ކަންކަން ގިނަވުމެވެ. ގިނަ ދުވަސް ކޮށްފައި ދިމާވާ ދެމީހެއްގެ މެދުގައި ވާހަކަ ގިނަ ވާ ފަދައިންނެވެ. 

ދުވަސްކޮށްފައި ދިމާވުމުން އަޅުގަނޑުމެން ދެމީހުންގެ ވާހަކަ ވެސް ގިނަ ވެއްޖެ ނޫން ތޯ ބުނެ އަޅުގަނޑު ދެންނެވީމެވެ. ތިހުރީ ޝަކުވާއެއްގެ ހައްލު އޮތީ މާދުރަކު ނޫނެވެ. ފެހި ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށި ފަހުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއް ޕާޓީއަކަށް ގާނޫނުއަސާސީ ބަދަލުކުރެވޭ ވަރުގެ ބޮޑު ބާރެއް ރައްޔިތުން ދިނީ ނަވާރަ ވަނަ މަޖިލީހަށެވެ. މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން 65 ގޮނޑި އެމްޑީޕީ މެންބަރުންނަށް ދިނެވެ.
 
ވީކަމެއް ހަރާމުން ހަރާމެވެ. ކީހަން ޅެން ވީ ފަރިއްސަށެވެ. 

އަނެއްކާވެސް އެދުވަސް - ގާނޫނުއަސާސީ ބަދަލުކުރެވޭ ވަރުގެ ބޮޑު ބާރެއް ރައްޔިތުން ހަވާލުކޮށްފައި މި އޮތީ ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށެވެ. ވެރިކަމުގައި އޮތް ޕީއެންސީ ކޮންގްރެސް މެންބަރުން ނަށެވެ. ގާނޫނު އަސާސީއަށް ބަދަލު ގެންނަން ބޭނުންވާނަމަ އެކަން ދާދި ފަސޭހަ އިން ކުރެވޭނެ ފަދަ ވަރުހުރި ތަނަވަސް މެޖޯރިޓީ އެކެވެ. 

ދިވެހި ގައުމުގައި ހުރި ގިނަ މައްސަލަތަކުގެ ހައްލަކީ ތަރައްގީ އާއި ތަހުޒީބުގެ ނާރެހަކަށް އާ "އިސްލާހީ އެޖެންޓާ" އެއް އުފަން ކުރުވުމެވެ. ގާނޫނު އަސާސީ އަށް ބަދަލުތަކެއް ގެނެސް ތަރައްގީއަށް ފަހި ގާނޫނީ އޮނިގަނޑެއް އެކުލަވައިލުމެވެ. މިކަން ވާނީ ގާނޫނު އަސާސީގައި ފުރަތަމަ ބަޔާންކުރާ ދައުލަތުގެ ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލިސް ތަޅުމަށެވެ. ވެރިންގެ ގޭދޮށުގައި ރައްޔިތުން މުގޯލި އެޅުން ހުއްޓުވިއްޖެ ނަމަ ތި "އެދޭ ރާއްޖެ" އޮތީ ދިވެހި ބަދަރާއި މާދުރަކު ނޫނެވެ. 

ނޯޓް: މި ރިޕޯޓަށް މައުލޫމާތު ދެއްވި މެންބަރުންގެ ނަން އުނިކުރީ އެބޭފުޅުންގެ ހުއްދައާއިއެކު ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމަށެވެ. ފިތުނަ ފަސާދައަށް ފުރުސަތު ނުދިނުމަށެވެ. ބޭނުމަކީ އެންމެން ގުޅިގެން "ރައްޔިތުންގެ ތަސައްލީ" އަށް ލުޔެއް ހޯދުމެވެ.  


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް