ކަފާލާތުގެ އުސޫލުތަކާއި ބަންދާމެދު ގޮތް ނިންމުމުގެ ކަންކަމަށް އިސްލާހުތަކެއް ހިމެނޭހެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ، މަނަދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނީ މުބާރާކެވެ. ހުސްނީގެ ސްޕޮންސަޝިޕްގެ ދަށުން ، މަޖިލީހަށް ހުށަހަޅާފައިވާ ކަފާލާތުގެ އުސޫލުތަކާއި ބަންދާމެދު ގޮތް ނިންމުމުގެ ކަންކަމަށް އިސްލާހުތަކެއް ހިމެނޭހެން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އިސްލާހުތައް މިއަދު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށްވަނީ ފުރަތަމަ ކިޔުން އިއްވުމަށް އެޖެންޑާކޮށްފަ އެވެ.
ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ކަފާލާތުގެ ފުރިހަމަ ގާނޫނެއް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި އެކުލަވާލުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ކަފާލާތަކީ ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި ވެސް އަމަލުކުރާ އުސޫލެއް ކަމަށާއި، ކުށުގެ ތުހުމަތުކުރެވޭ މަރުހަލާގަޔާއި، އިސްތިއުނާފު މަރުހަލާގައި ކަފާލާތު ލިބުމަކީ ހައްގެއްކަމަށާއި، އެއީ ދުނިޔޭގެ ޑިމޮކްރެޓިކް ގައުމުތަކުގައި ވެސް އަމަލުކުރާ އުސޫލުކަން ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޑރ. މުއިއްޒުވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ކަފާލާތުގެ އިތުރުން ވާނުވާ ބަންދު ނިމުމަކަށް ގެނެސް ނުހައްގުން ބަންދުކުރާ މީހުންނަށް ލިބޭ ގެއްލުމުގެ ބަދަލު ދެވޭނެ ގާނޫނެއް އެކުލަވާލުމަކީވެސް ރިޔާސީ ވައުދެކެވެ. އެކަމާ ގުޅޭ ގާނޫނީ މަސައްކަތްތައްވެސް ބަންޑާރަ ނާއިބުގެ އޮފީހުންވަނީ ފަށާފަ އެވެ.
ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމުގެ ޤާނޫނަކާއި، ނުހައްގުން ޖަލުގައި ބަންދުކުރާ މީހުންނަށް ލިބޭ ގެއްލުމުގެ ބަދަލު ދެވޭނެ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތަކީ، ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ދައުރުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ "ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާ 2023-2028" ކަނޑައެޅިފައިވާ ގާނޫނުތަކެކެވެ. އެ އެޖެންޑާ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާވަނީ ނިންމަވާފަ އެވެ.
ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާއަކީ، އެއިރެއްގައި ވެރިކަމަށް އަންނަ ސަރުކާރަކުން، އެ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ދައުރުގައި ފުރިހަމަކުރާނެ ކަމަށް ބަޔާންކޮށްފައިވާ ވައުދުތަކާއި ކުރިއަށް ގެންދަން ނިންމާފައިވާ އިސްލާހީ މަސައްކަތްތަކާ ގުޅިގެން އަދި ދައުލަތް ހިންގުން ހަރުދަނާކުރުމަށާއި ގައުމާއި ރައްޔިތުންގެ ރައްކާތެރިކަމާއި ކުރިއެރުމަށްޓަކައި އެންމެ އިސްކަމެއްދީގެން ތައާރުފުކުރަން ނިންމާ ގާނޫނުތަކާ ގުޅޭ ބިލުތައް އަންގައިދޭ އެޖެންޑާއެކެވެ.
ކަފާލާތުގެ އިތުރުން ވާނުވާ ބަންދު ނިމުމަކަށް ގެނެސް ނުހައްގުން ބަންދުކުރާ މީހުންނަށް ލިބޭ ގެއްލުމުގެ ބަދަލު ދެވޭނެ ގާނޫނު ހިމެނޭހެން ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގައި 15 މައުލޫއަކާ ގުޅޭ ޖުމްލަ 213 ބިލެއް އެކުލެވިގެންވެއެވެ. އޭގެތެރޭގައި މުޅިން އަލަށް އެކުލަވާލަންޖެހޭ 78 ގާނޫނަކާގުޅޭ ބިލާއި، މިހާރު އަމަލުކުރެވޭ ގާނޫނުތަކުގެ ތެރެއިން އިސްލާހު ގެންނަންޖެހޭ ނުވަތަ އުވާލަންޖެހޭ ގާނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި ހުށަހަޅަން ގަސްދުކުރާ 135 ބިލެއް ހިމެނޭ ކަމަށް ސަރުކާރުންވަނީ ބުނެފަ އެވެ.