ނޭޝަނަލް ޑްރަގް އޭޖެންސީގެ ފުރަތަމަ ބޯޑު ބައްދަލުން މިއަދު ބާއްވާފަވާއިރު އެ ބައްދަލުވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެންޑީއޭގެ ބޯޑުގެ ޗެއާމަން، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބުނާ މުހައްމަދު ޒާހިރު ވިދާޅުވީ މިއަދުގެ ޖަލްސާއަށް 10 ބޯޑު މެމްބަރުންވެސް ވަޑައިގެންނެވި ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި މަސްތުވާތަކެތީގެ ފަރުވާ ދިނުމުގައި ލާޒިމްވެފައިވާ ކަންތައްތަކާއި ފަރުވާއިން ރަނގަޅުކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެވިގެން ދިޔަަކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެ އެވެ.
މިއަދުގެ ބައްދަލުވުމުގައި އެންޑީއޭގެ ޕާފޯމަންސް އިވެލުއޭޝަނެއްގެ ގޮތުން މެނޭޖްމަންޓް އޮޑިޓް ކުރުމުގެ މަސައްކަތް ބޯޑުން ކުރިއަށްގެންދެވި ކަމަށް ލުބުނާ ވިދާޅުވި އެވެ.
މީގެއިތުރުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އެންމެ އެކށީގެންވާ ގޮތަށް މަސައްކަތްކޮށްފައި ނުވުމުގެ ސަބަބުން އެކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރުމަށް ބޯޑުގެ ހުރިހާ މެމްބަރުން އިއްތިފާގުވާތީ ކޮންމެ މެމްބަރަކަށްވެސް ވަކި ހާއްސަ ޓާސްކްތަކެއް ނަންގަވާފައިވާކަމަށް ލުބްނާ ފާހަގަކުރެއްވި އެވެ.
ލުބްނާ ވިދާޅުވީ އެންޑީއޭގެ ބޯޑު ބައްދަލުވުން ހާފްތާއަކު އެއް ދުވަހު ބާއްވަން ނިންމަވާފައިވާ ކަމަށާއި ބޯޑުގެ ގަވާއިދު އިސްލާހު ކުރުމަށް މިހާރު ބޯޑުގެ ހުރިހާ މެމްބަރުން އިއްތިފާގުވެވަޑައިގަންނަވާ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން މަސްތުވާތަކެތީގެ ގާނޫނު ތަންފީޒު ކުރުމުގައި އަދި ފަރުވާ ދިނުމުގަ އެންޑީއޭއާއެކު މަސައްކަތް ކުރުމުގަ ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނުކަމަށްވެސް އެންޑީއޭއިން ބުނެ އެވެ.
މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީ، ޔޫތު މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީންވެސް ވާހަކަ ދެއްކިކަމަށް ސްޓޭޓް މިނިސްޓާ ލުބުނާ ވިދާޅުވެފައިވާކަމަށް އެންޑީއޭއިން ބުނެ އެވެ. އަދި ކަސްޓަމްސްގެ ފަރާތުން ޑްރަގް ސަޕްލައިއާ ދެކޮޅަށް މަސައްކަތް ކުރުމަށް ހަރުދަނާ ކަންތައްތަކެއް ކުރިއަށް އޮތްތަނުގަ ކުރުމަށް ބޯޑުން ނިންމާފައިވާނެކަމަށްވެސް އެންޑީއޭއިން ބުނެ އެވެ.
މިކަންކަމުގެ އިތުރުން ޑްރަގު ސަޕްލައި މަދު ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނުކަން ލުބްނާ ފާހަގަކުރެއްވި އެވެ.
ލުބްނާ ވިދާޅުވީ ބޯޑުގެ މެމްބަރުންގެ މެދުގައި މަސްތުވާތަކެތީގެ އިތުރު ފަސް ފަރުވާއެއް އިތުރުކުރުމަށް ނިންމާފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގަ އެ ފަރުވާ ފެށިގެން ދާނެ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ސިވިލްސޮސައިޓީގެ ފަރާތުން ޖާނީގެ މެންބަރު އަހުމަދު އަބްދުއްސައްތާރު ވިދާޅުވެފައިވަނީ އެންޑީއޭއަށް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކަށް ވުރެ ނުކުރެވޭ މަސައްކަތްތައް ގިނަ ކަމަށެވެ.
ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ބޯޑު އަލުން އެކުލަވާލައި ޗެއާމަނަކަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުހައްމަދު ޒާހިރު ހުސައިން އައްޔަނުކުރީ މިދިޔަ މަހުގައެވެ. އަލަށް އެކުލަވާލި ބޯޑުގައި ހިމެނެނީ ޖުމްލަ 10 މެންބަރުންނެވެ. ޗެއާމަން ލުބުނާ ބޯޑަށް އައްޔަންކޮށްފައިވަނީ ހޯމް މިނިސްޓްރީ ތަމްސީލުކުރާ ފަރާތެެއްގެ ގޮތުގަ އެވެ. އޭގެ އިތުރުން ނުވަ ފަރާތެއް އެކި ވުޒާރާތަކާއި އޮފީސް އަދި އިދާރާތައް ތަމްސީލުކުރާ ގޮތަށް ބޯޑަށް އައްޔަންކޮށްފައިވެ އެވެ.
ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން ވެރިކަމާ ހަވާލުވެ، ކުރިން ހެލްތު މިނިސްޓްރީގެ ދަށުގައި އޮތް އެންޑީއޭ ވަނީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ. މި އެޑްމިނިސްޓްރޭޝަނުން މަސްތުވާތަކެތީގެ މައްސަލަ ބަލަނީ ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައެއްގެ ގޮތުގަ އެވެ.