ads
ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް ލޯކަލް ގަވަރމެންޓް އޮތޯރިޓީން ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ
ކޮންމެހެން ކުރަންޖެހޭ ހަރަދެއް ނޫނީ ނުކުރަން ކައުންސިލުތަކަށް އަންގައިފި
ކޮންމެހެން ކުރަންޖެހޭ ހަރަދެއް ނޫނީ ނުކުރުމަށާއި ހަރަދުތައް ކުޑަކުރަން ދަތުރުތަކާއި މުބާރާތްތައް ނުބާއްވަން ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް ކައުންސިލްތަކަށް މިއަދު އަންގަވައިފި އެވެ.
Advertisement

ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް ސޮއި ކުރައްވައި ސިޓީ ކައުންސިލްތަކަށާއި އަތޮޅު ކައުންސިލްތަކަށާއި އަދި ރަށު ކައުންސިލްތަކަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރާއްޖޭގެ ދަރަނި ބޮޑުވުމުގެ ސަބަބުން މި ވަގުތު އިގުތިސޯދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ.

އެހެންވެ، ކައުންސިލްތަކުގެ ރިކަރަންޓް ނުވަތަ ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް ހާއްސަ އިސްކަމެއް ދިނުމަށް ދަންނަވާ ކަމަށް އެ ސިޓީގައި ބުންޏެވެ.

"އަދި މިވަގުތު ކޮންމެހެން ކުރައްވަންޖެހޭ ހަރަދުތައް ނޫނީ ނުކުރެއްވުމަށާއި ކޮންމެހެން ކުރައްވަންޖެހޭ ދަތުރުތައް ނޫނީ ނުކުރެއްވުމަށާއި މުނާސަބަތަކާ ގުޅިގެން ކޮންމެހެން ބާއްވަންޖެހޭ ޖަލްސާއެއް ފިޔަވައި އެއްވެސް ހަރަކާތެއް ނުބޭއްވުމަށާއި އެއްވެސް ހަފުލާއެއް ނުވަތަ ކުޅިވަރު މުބާރާތެއް މިދުވަސްވަރު ނުވޭއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދެންނެވިން،" އެ ސާކިއުލާގައި ބުނެފައިވެ އެވެ.

އެކަންކަމުގެ އިތުރުން ލޯކަލް ގަވަމެންޓު މިނިސްޓަރީން ނެރުނު ސާކިއުލާގައި އެދިފައި ވަނީ ސަރުކާރުގެ ވުޒާރާތަކާ ބައްދަލު ކުރުމަށް މި ދުވަސްވަރު މާލެ އައުމުގެ ބަދަލުގައި ޓެކްނޮލޮޖީގެ ބޭނުން ހިފައި އޮންލައިންކޮށް ބައްދަލުވުންތައް ރޭވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށެވެ.

އަދި ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ އެހެން ދަތުރުތައް ނުކުރެއްވުމަށް ވެސް ސާކިއުލާގައި އެދިފައިވެ އެވެ.

އެ ސާކިއުލާގައި ވަނީ ސަރުކާރު ވުޒާރާތަކާއި ކުންފުނިތަކުގެ ފޯކަލްޕޮއިންޓުތަކުގެ ފޯކަލް ޕޮއިންޓުންގެ ލިސްޓު ވެސް ހިމަނައިފަ އެވެ.

ދައުލަތުގެ ހަރަދު ކުޑަ ކުރުމަށް ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމުގެ އިތުރުން މިނިވަން ދުވަހުގެ ކުޅިވަރުތައް ވެސް މިއަހަރު ނުބޭއްވުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް