ads
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނާކް: މަގާމުން ވަނީ އިސްތިއުފާ ދެއްވާފައި - ފޮޓޯ: ގެޓީ
ރިޝީ ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފި
އިނގިރޭސިވިލާތުގެ އާންމު އިންތިހާބުގައި ލޭބާ ޕާޓީއަށް ބޮޑު ކާމިޔާބީއެއް ލިބުމުން ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމުން ބޮޑުވަޒީރު ރިޝީ ސުނަކް އިސްތިއުފާ ދެއްވައިފި އެވެ.
Advertisement

އިއްޔެ ބޭއްވި އާންމު އިންތިހާބުގައި ލޭބާ ޕާޓީން 409 ގޮނޑި ކާމިޔާބުކުރިއިރު، އެ ޕާޓީއާ އެންމެ ގާތުން ވާދަކުރި މިހާރު ވެރިކަމުގައި އޮތް ކޮންޒަވޭޓިވްއަށް ކާމިޔާބު ކުރެވުނީ 120 ގޮނޑި އެވެ. އަދި ލިބެރަލް ޕާޓީން ވަނީ 71 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

އިންތިހާބުގައި 650 ގޮނޑިއަށް މެންބަރުން އިންތިހާބުކުރި އެވެ. އޭގެ ތެރެއިން އެސްއެންޕީ، ސިން ފެއިން، ޑީޔޫޕީ، ގްރީން ޕާޓީން ވެސް ވަނީ ގޮނޑިތަކެއް ކާމިޔާބުކޮށްފަ އެވެ.

ގައުމާ މުހާތަބުކޮށް ސުނާކް ވިދާޅުވީ އިނގިރޭސިވިލާތަށް ބަދަލެއް ބޭނުންވާ ކަމަށް އެ ގައުމުގެ ރައްޔިތުން ބުނެފައިވާ ކަމަށާއި އެކަން ހިތުގެ އަޑިން ގަބޫލުކުރާ ކަމަށެވެ.

"އަހަރެންނަށް އަޑު އިވިއްޖެ ރައްޔިތުންގެ އަޑު. ކުރިމަތިލާން ޖެހުނު ބަލީގެ ފުރިހަމަ ޒިންމާ ނަގަން. މި ބައްޔާއެކު ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެން. މިއީ ވަރަށް އުނދަގޫ ދުވަހެއް،" ސުނާކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލޭބާ ޕާޓީގެ ލީޑަރު ކެއިރު ސްޓާމަރު އަށް ގުޅުއްވައި ކާމިޔާބީއަށް މަރުހަބާ ވިދާޅުވި ކަމަށެވެ. ޕާޓީގެ ނާކާމިޔާބީއާ އެކު ސުނަކް އަށް ބޮޑުވަޒީރުކަން ގެއްލުނަސް އޭނާ މެންބަރުކަން އަދާކުރެއްވި ދާއިރާއިން ވަނީ ކާމިޔާބު ހޯއްދަވައި ގޮނޑި ކަށަވަރުކުރައްވައިފަ އެވެ. 

"މިއަދު ވެރިކަން ބަދަލުވާނީ ހުރިހާ ދިމާލަކުން ވެސް ހެޔޮއެދުމާ އެކު ސުލްހަވެރިކަމާއި ތަރުތީބުން. އެއީ އަޅުގަނޑުމެންގެ ގައުމުގެ ހަމަޖެހުމާއި މުސްތަގުބަލަށް އަޅުގަނޑުމެން އެންމެންނަށް އިތުބާރު ލިބެންޖެހޭ ކަމެއް،" ސުނަކް ވިދާޅުވި އެވެ.

ބޮޑުވަޒީރު ރިޝީ ސުނަކު ކެމްޕޭންގައިވެސް މުޅިން ދެއްކެވީ ލޭބާ ޕާޓީގެ ނުރައްކާތެރި ކަމުގެ ވާހަކަ އެވެ. އިދިކޮޅުން ވެރިކަމަށް އަތުވެއްޖެނަމަ އިނގިރޭސިންނަށް ދުނިޔޭގެ އިހުތިރާމު ގެއްލޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ނަމަވެސް 14 އަހަރަށް ފަހު އިނގިރޭސި ރައްޔިތުން މިވަނީ އެ މީހުންނަށް އެންމެ ރަނގަޅު ގޮތް ވޯޓުން ކަށަވަރުކޮށްދީފަ އެވެ. މިއާއެކު އިނގިރޭސިވިލާތުގެ އާންމު އިންތިހާބުން ލޭބާ ޕާޓީއަށް ބޮޑު ކާމިޔާބީއެއް ލިބި، އިދިކޮޅު ޕާޓީގެ ލީޑަރު ކީރް ސްޓާމާ އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރަށް ވަނީ ވެވަޑައިގަންފަ އެވެ.

އުމުރުން 61 އަހަރުގެ ސްޓާމާ ވިދާޅުވީ މުޖުތަމައުއަށް ބަދަލެއް ގެންނަން ރައްޔިތުން ވޯޓު ދީފި ކަމަށާއި މިހާރު މިއީ "އަޅުގަނޑުމެން މަސައްކަތް ފަށަންވީ ވަގުތު" ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުން ތިބީ ބަދަލަކަށް ތައްޔާރަށް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް