އެ ކޮމެޓީން މިގޮތަށް ނިންމާފައިވަނީ ފްލެޓް ލިބުނު ބައެއް ފަރާތްތަކުން ހުށައަޅާފައިވާ ޕެޓިޝަނާއި ގުޅޭ ކަންކަން ބެލުމުގެ ތެރެއިންނެވެ.
ކޮމެޓީންވަނީ މި މައްސަލާގައި ހައުސިން މިނިސްޓްރީގެ އިސްވެރިންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަންވެސް އެ ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައެވެ. ފްލެޓް މައްސަލާގައި ކޮމެޓީން މީގެ ކުރިން ވަނީ ކުރީ ސަރުކާރުގެ ފްލެޓް ކޮމެޓީގެ ވެރިންވެސް ހާޒިރުކޮށްފައެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރި ފްލެޓްތައް ލިބުނު މީހުން ކަނޑައަޅާ އެ ލިސްޓް ދައުރު ހަމަވުމުގެ ކުރިން މިދިޔަ ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ. އެހެންނަމަވެސް އެ ލިސްޓަށް ފްލެޓްތައް ދިނުން އޭސީސީން ހުއްޓުވާ ޝަރުތު ހަމަނުވާ މީހުންނަށް ފްލެޓް ދީފައިވާކަމަށް ވަނީ ބުނެފައެވެ. އަދި ލިސްޓުގައި ހިމެނޭ ޝަރުތު ހަމަވާ މީހުންނަށް ފްލެޓްތައް ދޫކުރުމަށްވެސް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއަށް އެސީސީން ވަނީ އަންގާފައެވެ.
އެހެންނަމަވެސް މި ސަރުކާރުން ވަނީ އެ ލިސްޓުތައް އަލުން ބަލާ މުރާޖާކުރަން ނިންމާފައެވެ. އަދި މިކަމަށްޓަކައި ހާއްސަ ކޮމެޓީއެއްވެސް ވަނީ އެކުލަވާލާ އެ މަސައްކަތް ވަނީ ފަށާފައެވެ.
4000 ފްލެޓްތައް ހައްގުވެރިން ނޫން ބަޔަކަށް ނުދޭނެކަމަށް ގެދޮރުވެރިކަމާއި ބެހޭ ވަޒީރުު ޑރ. އަލީ ހައިދަރު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. އަދި ހުޅުމާލެ ފޭޭސް ފޭއްގައި ހަދަމުންދާ 4000 ފްލެޓްްގެ މަސައްކަތް އެއްކޮށް ނިމޭނީ އަންނަ އަހަރުގެ މެދުތެެރޭގައިކަމަށްވެސް ވަޒީރު ހައިދަރު ވަނީ ވިދާޅުވެފައެވެ.