
ގިނަ އަދަދެއްގެ ފެމުނުމިޔަރު ފެންނަ ފުވައްމުލަކުގެ "ޝާކް ޕޮއިންޓް" އަކީ މިހާރު މުޅި ދުނިޔެ އަށް ވެސް މަޝްހޫރު ތަނެކެވެ. ހަމައެކަނި އެ ތަނުގައި ފީނާލަން ބޭނުންވެގެން ރާއްޖެ އަންނަ ޓޫރިސްޓުން ވެސް ވަރަށް ގިނަ އެވެ. އެއީ މިހާރު ދުނިޔޭގައި ފެމުނުމިޔަރުގެ އެންމެ ބޮޑު އާބާދީއެއް ވެސް އޮތް ތަނެވެ.
ފުވައްމުލަކުގެ ޝާކް ޕޮއިންޓް ފީޗާކޮށްފައިވަނީ ނެޓްފްލިކްސް އިން އިއްޔެ ސްޓްރީމް ކުރަން ފެށި ޝޯއެއް ކަމަށްވާ "އޯލް ދަ ޝާކްސް"ގަ އެވެ.
މި ޝޯގައި ތަޖުރިބާކާރުންގެ ހަތަރު ޓީމަކުން، ކަނޑުގެ ދިރުންތައް އެންމެ ގިނައިން ފެންނަ ހަ ސަރަހައްދެއްގައި އެންމެ ގިނަ ބާވަތްތަކެއްގެ މިޔަރުގެ ފޮޓޯ ނެގުމުގެ ވާދަވެރި މުބާރާތެއް ކުރިއަށްގެންދެ އެވެ. އެ މުބާރާތުން މޮޅުވާ ޓީމަށް 50،000 ޑޮލަރުގެ އިނާމެއް ދެ އެވެ.
މި ޝޯގައި ފުވައްމުލަކުގެ މަންޒަރުތައް ހިމެނުމާއެކު އެ ސިޓީގެ މޭޔަރު އިސްމާއީލް ރަފީގް ވަނީ ފޭސްބުކްގައި މިކަމާ ގުޅިގެން ޕޯސްޓެއް ކުރައްވައިފަ އެވެ. މި ޕޯސްޓުގައި ވަނީ، މިއީ ޑައިވަރުންނާއި ފަތުރުވެރިންނާއި ގުދުރަތީ މާހައުލުދެކެ ލޯބިވާ އެންމެންގެ ސަމާލުކަން ހޯދަން އެރަށަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ.
މި މުބާރާތުގެ ފުރަތަމަ އެޕިސޯޑުގައި ފެންނަނީ ފުވައްމުލަކުގެ ކަނޑުގެ މާހައުލު ކަމަށްވާއިރު، ފުވައްމުލަކަށް ނިސްބަތްކޮށް ކިޔަނީ "ޝާކް އައިލެންޑް" އެވެ.
ފުވައްމުލަކުގެ ޝާކް ޕޮއިންޓަކީ ފަތުރުވެރިންގެ މެދުގައިވެސް ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ތަނެކެވެ. ވޭތުވެދިޔަ ހަ އަހަރު ފުވައްމުލަކުގެ "ޝާކް ޕޮއިންޓް"އިން ތަފާތު 239 ފެމުނު މިޔަރު ފެނިފައި ވާކަމަށް މައުލޫމާތު ލިބިފައި ވެއެވެ.