އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފެށި "ދަ ނޭޝަނަލް ހައި ލެވެލް ކޮންފަރެންސް އޮން ޕީސް އެންޑް ސެކިއުރިޓީ" ގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިނު ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ އަމާންކަމާއިމެދު ދުނިޔެއިންކުރާ އިތުބާރަށް ދެގޮތެއްވިޔަނުދިނުން، އެންމެންގެ ގައުމީ މޮޓޯއެއްކަމުގައި ހަދަންޖެހޭކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން އިގުތިސޯދު ވަރުގަދަކުރެވި، ތަރައްގީގެ ދުވެލި ބާރުކުރެވި، ދިވެހީން އެދޭ ތަމައްދުނާއި ކުރިއެރުން ހާސިލްކުރެވޭނެކަމަށެވެ.
އަދި ވިދާޅުވީ ދުނިޔެމަތީގެ ސުވަރުގޭގެ ނަމުން، މި ރާއްޖެ މަޝްހޫރުކަން ހޯދާފައި ވަނީ، ގުދުރަތީ ރީތިކަމާ، ދިވެހީންގެ ކިބައިގައި ލައްވަވާފައިވާ ހިތްހެޔޮކަމާ، ކެތްތެރިކަމާ، އެއްބައިވަންތަކަމުގެ އާދަކާދަތައް ދަމަހައްޓާފައިވާތީކަމަށެވެ.
"މި ކޮންފަރެންސްގެ ބޭނުމަކީ، ދައުލަތުގެ އެންމެހާ މުއައްސަސާތައް ގުޅިގެން، ރާއްޖޭގެ އަމާންކަމާ، މުޖުތަމައުގެ ބަދަހިކަމާ، ވިލުންވެރިކަން ވަރުގަދަކޮށް ދެމެހެއްޓުމަށްޓަކައި، އެންމެން އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިއްމުކަން ދެނެގަނެ، ސަލާމަތާ، ރައްކާތެރިކަމުގެ ހާލަތު އޮތްގޮތް ތަސައްވުރުކުރުން.." ކޮންފަރެންސްގެ ބޭނުމަށް ވެސް އަލިއަޅުއްވާލައްވާ އެމަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސް ވަނީ ރަނގަޅު ތަޢުލީމުގެ ތެރެއިން ދަރިވަރުންގެ ވިސްނުމާއި ފިކުރު ތަރައްގީކުރުމަށް ބާރުއަޅުއްވާފަ އެވެ. އަދި އިސްލާމްދީނުގެ ސައްހަ މައުލޫމާތު ދީ އާންމުން ހޭލުންތެރިކުރުމަށް ތަފާތު ހަރަކާތްތައް ރާވަންޖެހޭކަމަށާއި، މިކަންކަން ކުރިއަށް ގެންދިއުމުގައި މުޖުތަމައުގެ ހުރިހާ ފަންތިއަކާ ގިންތިއެއްގެ އެއްބާރުލުން ހޯދުމަށްވެސް އެމަނިކުފާނު ގޮވާލެއްވި އެވެ.
ރާއްޖެއަކީ ފަތުރުވެރިކަމަށް ދުނިޔޭގައި މަޝްހޫރު ގައުމަކަށްވާއިރު، މި ގައުމު ވާންވާނީ މެހެމާނުންނަށް އަމާންތަކެއްގެ ގޮތުގައި ކަމަށް ވެސް ނައިބް ރައީސް ވިދާޅުވި އެވެ. އެހެންކަމުން، ރާއްޖޭގެ އަމާންކަމާމެދު ދުނިޔޭން ކުރާ އިތުބާރު ދެމެހެއްޓުމަކީ މޮޓޯއަކަށް ހެދުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ ދަރީންގެ ހިތްތަކާ ފިކުރިއްޔާތުގައި އިސްލާމީ ރިވެތި އާދަތައް ބިންވަޅު ނަގުވައި، ކެތްތެރިކަމާ ތަހައްމަލުކުރުމުގެ ރިވެތި އާދަ ހުންނަ، ޤައުމު ދެކެ ލޯބިވާ، އެއްބައިވަންތަ، އަދި އެއްބައެއްވަންތަ ދިވެހި މުޖުތަމައެއް އުފެއްދުމަކީ ދުރާލާ މަސައްކަތްކޮށްފިނަމަ، ހާސިލްކުރެވޭނެ ލަނޑުދަނޑިއެއްކަމުގައެވެ. އަދި މި އަމާޒަށް ވާސިލުވުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވި އެވެ.