ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ބައްދަލުވުމުގައި 27 އެއާލައިނަކާއި 17 އެއާޕޯޓަކާ އެކު ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ 150 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ހޯސްޓް ކޮށްގެން ބާއްވަ މި ކޮންގްރެސް މިއަދު ޝެރަޓަންގައި ފަށާފައިވާއިރު، މި ހަފްލާގައި ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީންގެ އިތުރުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓާރ އަދި ސީއީއޯ އިބުރާހިމް ޝަރީފް މުހައްމަދު ބައިވެރިވެ ވަޑައިގަތެވެ. އަދި އެމްއޭސީއެލްގެ އިސްވެރިން މި ހަފްލާގައި ބާއިވެރިވެ ވަޑައިގަތެވެ.
އެއާ ސާވިސް ވޯލްޑް ކޮންގްރެސް އަކީ އެ ސިނާއަތުގެ އެކި ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތައް އެއްތަންކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މިއީ މި ކޮންގްރެސް ބާއްވާ ހަތްވަނަ އަހަރެވެ.
ކޮންގްރެސް ފެށުމަށް ޝެރަޓަންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ، އިބްރާހިމް ޝަރީފް ވިދާޅުވީ، މި ކޮންގްރެސްއަކީ އެއާލައިންތަކުން، އެއާޕޯޓްތަކާއި، އަދި ޓޫރިޒަމް އޮތޯރިޓީތަކާއި، އަދި ވައިގެ ހިދުމަތްތަށް ދުނިޔޭގެ ފެންވަރުގައި ތަރައްގީ ކުރުމަށް ކުރިއަށް ގެންދެވޭ ކޮންގްރެސްއެއް ކަމަށެވެ.
ޝަރީފް ވަނީ ރާއްޖޭގައި ޓޫރިޒަމް ދާއިރާ ތަރައްގީކުރުމުގައި އޭވިއޭޝަން ދާއިރާގެ މުހިންމުކަމާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އޭނާ ވިދާޅުވީ މިހާރު ކުރިއަށް ދާ އެއާޕޯޓުގެ ތަރައްގީގެ މަސައްކަތްތަކުގެ އަމާޒަކީ ރާއްޖޭގެ ލަގްޒަރީ ޓޫރިޒަމް ރަމްޒުކޮށްދޭ ފަދަ ތަނަކަށް އެއާޕޯޓު ހެދުން ކަމަށެވެ.
މި ކޮންގްރެސްގެ އެކި ހަރަކާތްތައް ތިން ރިސޯޓެއްގަައި ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. އެގޮތުން:
ކޮންގްރެސްއަށް ބޭރުން އަންނަ މަންދޫބުންނަށް މަރުހަބާ ކިޔުން ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާގައި އޮންނަ އިވެންޓް
ނެޓްވޯކިންގެ ހާއްސަ އިވެންޓެއް ކްރޮސް ރޯޑްސް ސައީ ލެގޫން މޯލްޑިވްސްގައި ކުރިއަށްދާނެ
ކޮންގްރެސްގެ ރަސްމީ ބައިތަކާއި ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ކުރުނބާ މޯލްޑިވްސްގައި
އެއާ ސާވިސް ވޯލްޑް ކޮންގްރެސްއާ އެކު، ރާއްޖޭގެ ކުރިއަރަމުން އަންނަ ވައިގެ ސިނާއަތާ ގުޅޭ މައުލޫމާތު މި ސިނާއަތުގައި މަސައްކަތް ކުރާ އެހެން ގަައުމުތަކުގެ އިސް ފަރާތްތަކަށް ލިބިގެންދާނެ ކަމަށް އެމްއޭސީއެލް އިން ގަބޫލުކުރެ އެވެ. މިއާއެކު، މި ދާއިރާ އިތުރަށް ތަރައްގީކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެކަން އެ ކުންފުނިން ފާހަގަކުރި އެވެ.