ގަތަރުގެ ދޯހާގައި މިއަދު ފަށަން ހަމަޖެހިފައިވާ އެ މަޝްވަރާތަކުގައި މިސްރާއި އެމެރިކާގެ ޖާސޫސީ ވެރިންނާއެކު ގަތަރާއި އިސްރާއީލުގެ ވަފުދުތައް ބައިވެރިވާނެ ކަމަށް މިސްރުގެ ދައުލަތާ ގުޅުން ހުރި އަލް ގާހިރާ ނިއުސް ޓީވީން ވަނީ ބުނެފަ އެވެ.
ދޯހާގައި ކުރިއަށްދާ މަޝްވަރާތަކުގައި މިސްރު ތަމްސީލު ކުރައްވާނީ އެ ގައުމުގެ ޖާސޫސީ އިދާރާގެ ވެރިޔާ އައްބާސް ކާމިލެވެ. ނަން ހާމަ ކޮށްފައި ނުވާ މިސްރުގެ އޮފިޝަލަކު ބުނީ, މަޝްވަރާތަކުގައި ދެ ފަރާތުގެ ދެމެދުގައި އޮތް ހިޔާލު ތަފާތުވުންތަކަށް ހައްލެއް ހޯދަން ކާމިލް މަސައްކަތް ކުރައްވާނެ ކަމުގަ އެވެ.
އިސްރާއީލާއި ގާޒާގެ ވެރިކަންކުރާ ހަމާސްއާ ދެމެދު ކުރަމުންދާ ހަނގުރާމައަށް ނުވަ މަސް ދުވަސްވެފައިވާއިރު، މިސްރާއި ޤަތަރު މެދުވެރިވެގެން ހަނގުރާމައި ހުއްޓައިލުމުގެ މަޝްވަރާތައް އެތައް ފަހަރަކު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ނަމަވެސް މަޝްވަރާތަކަށް މިހާތަނަށް ވެސް މާ ބޮޑު ކުރިއެރުމެއް އައިސްފައެއް ނުވެ އެވެ. ހަނގުރާމަ ހުއްޓައިލައި ދެ ފަރާތުން ހިފަހައްޓަފައިވާ ރަހީނުން ދޫކޮށްލުމަކީ ވެސް މަޝްވަރާތައް ކުރަމުން އަންނަ ކަމެކެވެ.
މީގެ ނުވަ މަސް ކުރިން އިޒްރޭލުން ދޭން ފެށި ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް މިހާތަނަށް ކުރި މަޝްވަރާތަކުން އެއްވެސް ހައްލެއް ނުފެނި މިހާތަނަށް ފަލަސްތީނުން 38300 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި 25000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, އިޒްރޭލު ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެ އެވެ. އދން ބުނީ, ގާޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ އަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގަ އެވެ.
ސުލްހައިގެ މަޝްވަރާތައް އަލުން އާ ހުށަހެޅުންތަކާ އެކު ފަށާފައި ވަނިކޮށް ހަމާސްއިން ނެރުނު ބަޔާނުގައި ބުނީ މަޝްވަރާތަކަށް ހުރަހަކަށްވާ ގޮތަށް ނަތަންޔާހޫ އަމަލުކުރަމުން ދިއުން އަދިވެސް ނުހުއްޓޭ ކަމަށެވެ.
ހަމާސް އިން ބުނީ ވާހަކަތައް އަލުން ފެށުމާ ދިމާކޮށް މިފަހަރު ވެސް އިޒްރޭލުގެ ހަމަލާތައް ޣައްޒާގައި ވަރުގަދަކޮށް ފަލަސްތީނުގެ އާންމުން ބައެއް ސަރަހައްދުތައް ދޫކޮށް ދާން އަންގައި ބިރު ދައްކަމުންދާ ކަމަށެވެ.
އިޒްރޭލުން ބުނަމުން ދަނީ ކޮންމެ އެއްބަސްވުމެއް ހެދި ނަމަވެސް އިޒްރޭލުގެ ރަހީނުން މިނިވަންކުރުމާ އެކު ހަމަލާތަކުގެ މަގްސަދު ހާސިލްކުރުން ހުއްޓާނުލާނެ ކަމަށެވެ. އިޒްރޭލުން ބުނާ ގޮތުގައި ހަމަލާ ދެނީ ހަމާސް ނައްތާލުމަށެވެ.