އުރީދޫން ބުނީ ބަނޑޭރި ޕޯޓަލަށް އެމް-ފައިސާގެ ހިދުމަތް ތައާރަފްވުމަކީ ސަރުކާރުގެ ހިދުމަތްތަކަށް ބޭނުންވާ ފައިސާގެ މުއާމަލާތްތައް ކުރާއިރު މެދުކެނޑުމެއް ނެތި، ރައްކާތެރިކަމާ އެކު ހަރުދަނާ ގޮތްތަކެއް ކަސްޓަމަރުންނަށް ތަޖުރިބާ ކުރަން ލިބޭ ފުރުސަތެއް ކަމަށެވެ.
ބަނޑޭރި ޕޭ ގެ ޕޭމަންޓް އޮޕްޝަނެއްގެ ގޮތުގައި އެމް-ފައިސާ ބޭނުންކުރަން ފެށުމާއި ގުޅޭ ގޮތުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ޚަމާދީ ވިދާޅުވީ އެމް-ފައިސާ ބަނޑޭރި ޕޭ އަށް ގެނައުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.
މިއީ ކަސްޓަމަރުންގެ ދިރިއުޅުން ކުރިއެރުވުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް ކުރާ މަސައްކަތުގެ ހެއްކެތް ކަމަށާއި އެމް-ފައިސާއާ އެކު، ޑިޖިޓަލް ޕޭމަންޓްތައް އިތުރަށް ފަސޭހަކޮށް ދިނުމުގެ އިތުރުން ޑިޖިޓަލް މޯލްޑިވްސް އެއް ބިނާކުރުމަށް ކުރެވޭ މަސައްކަތް ފުޅާކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އުރީދޫގެ ޑިޖިޓަލް ވޮލެޓު އެމް-ފައިސާ ވެސް އުރީދޫގެ ސުޕާ އެޕް މެދުވެރިކޮށް ބޭނުން ކުރެވެ އެވެ. އެމް-ފައިސާ އަކީ ޓަޗް އައިޑީ އާއި ފޭސް އައިޑީ ފަދަ ނޭޓިވް އޮތެންޓިކޭޝަން މެތަޑްތައް ބޭނުންކޮށްގެން ފައިސާ ދެއްކޭ ވޮލެޓެކެވެ.
މި ވޮލެޓުން އުރީދޫގެ ބިލްތަކާއި ޔުޓިލިޓީ ބިލްތަކާއި އެކި ރެސްޓޯރެންޓްތަކާއި ކެފޭ އަދި ކްލިނިކްތަކާއި ސްކޫލްތަކާއި ޖިމް ފެސިލިޓީތަކާއި ފިހާރަތަކަށް ފައިސާ ދެއްކޭނެ އެވެ. އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާގެ އެކައުންޓެއް ހުޅުވޭނެ އެވެ.
މީގެ އިތުރުން އެމް-ފައިސާއަކީ އެ ހިދުމަތް ބޭނުންކުރާ މީހުންނަށް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ސެކިއުރިޓީ ރަނގަޅު ހިދުމަތެއްކަން އުރީދޫން ފާހަގަކުރެ އެވެ.