ads
ކުރީގެ ޕީޖީ މުހުތާޒް މުހުސިން--
ފަނޑިޔާރުން ހައްޔަރު ކުރި މައްސަލާގައި ޔާމީންގެ މައްޗަށް ވެސް ދައުވާ ކުރެވިދާނެ: މުހުތާޒު
ރައީސް ޔާމީންގެ ވެރިކަމުގައި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހައްޔަރުކުރި މައްސަލައިގައި، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ އުފުލަން ޖެހޭ ކަމަށް ވިދާޅުވެ، މި ސަރުކާރުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު މުހުތާޒު މުހުސިން ވަރުގަދަ އިންޒާރެއް ރައީސް ޔާމީނަށް ދެއްވައިފި އެވެ.
Advertisement

ޔާމީންގެ ވެރިކަމުގެ އެންމެ ފަހު އަހަރު، ފެބްރުއަރީ މަހު ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި އޭރު ބަންދުގައި ތިބި ސިޔާސީ ގިނަ ބޭފުޅުންތަކެއް ދޫކޮށްލުމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިތަކެއް ނުގެއްލޭ ކަމަށް ކަނޑައެޅި އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ބޮޑު އަމުރު ތަންފީޒު ކުރުމާ ދެކޮޅު ހަދައި، ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިއެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސުޕްރީމް ކޯޓު ތެރެއަށް ފުލުހުންނާއި ސިފައިން ވަދެ، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ބަންދުކުރި އެވެ. އަދި ހަމަ އެރޭ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވެސް ހައްޔަރުކުރި އެވެ.

މި ކަންތަކަށް އިޝާރާތް ކުރައްވައި، ޔާމީންގެ ވެރިކަމުގައި ޖަލަށްލީ، ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަދި ޑރ. މުއިއްޒުގެ އެޑްވައިޒަރު މުހްތާޒު މުހްސިން ރޭ، "އަސްލު ޓީވީ"ގެ ޕްރޮގްރާމެއްގައި ދައްކަވަމުން ވިދާޅުވީ ސުޕްރީމް ކޯޓަށް ސިފައިންނާއި ފުލުހުން ވެއްދި ކަމަށް ޔާމީން ވަނީ އިއުތިރާފުވެވަޑައިގެންފައި ކަމަށާއި އެއީ މަޖަލަކަށް ދެއްކިގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދައުވާކުރި ފަދައިން ޔާމީންގެ މައްޗަށް ވެސް ދައުވާ ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަޝީދުގެ މައްޗަށް ދައުވާ ކުރީ ކްރިމިނަލް ކޯޓުގެ އޭރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައެވެ.

"ހަމަ ރައީސް ނަޝީދަށް ދައުވާ ކުރެވޭ ކަމަށްވާ ނަމަ، ރައީސް ޔާމީންގެ މައްޗަށް ވެސް އެ ދައުވާ ހިންގެން ޖެހޭނެ. އެ ޕަބްލިކަލީ އެއަށް އެއްބަސްވެފައި އަމިއްލަފުޅަށް އެބަ ވިދާޅުވެސް ވޭ ތިމަން މަނިކުފާނު ވެސް އެގޮތަށް އެކަން ކުރެއްވީމޭ. އޭރު ރައީސް ނަޝީދު ވެސް ވިދާޅުވި އަބްދުﷲ ގާޒީ ކައިރިވިޔަ ނުދޭނަމޭ. އޭރު ތަހުގީގުކޮށް ދައުވާ ވެސް ކުރި ރައީސް ނަޝީދުގެ މައްޗަށް،" މުހުތާޒު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި މައްސަލާގައި ފިޔަވަޅު އެޅުމުގެ ކަންކަން ތަންފީޒު ކުރަން މަސައްކަތް ކުރައްވާނެ ކަމުގެ އިޝާރާތެއް ވެސް މުހުތާޒު ދެއްވި އެވެ. މުހުތާޒު އިތުރަށް ވިދާޅުވީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުން ހައްޔަރު ކުރުމަކީ މާ ގަޓުހުރި ކަމަކަށް ހަދައިގެން އެ ވާހަކަ ދެއްކުމަކީ ވަރަށް ފިނޑިކަމެއް ކަމަށެވެ.

ޔާމީންއަށް ދައުވާ ކުރަން ޖެހޭ ކަމަށް މުހުތާޒު ވިދާޅުވިއިރު، ރައީސް ޔާމީން ގެންދަވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް