ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އެ ބައްދަލުވުމުގައި ދެ ގައުމުން މަޝްވަރާ ކުރީ މަސްވެރިންގެ ހައްގުތަކާއި ޑިޖިޓަލް ވިޔަފާރީގެ އިތުރުން ދެމެހެއްޓެނިވި ގޮތުގައި އެއްބާރުލުން ދިނުމަށް ކަމަށެވެ.
އެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މި ސަރުކާރުގެ އިގްތިސާދީ ތަސައްވަރު ހުށަހަޅައި އެކަމަށް އެމެރިކާ ސަރުކާރުގެ އެއްބާރުލުން ދިނުމަށް އެދިލެއްވިކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކޯޗެއާކަން ކުރެއްވި އެ ބައްދަލުވުމުގައި އެމެރިކާއިން ދެކުނު އަދި ސެންޓްރަލް އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނެވި އެސިސްޓެންޓް ޓްރޭޑް ރިޕްރެސެންޓޭޓިވް ބްރެންޑަން ލިންޗްގެ އިތުރުން ދެ ގައުމުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލްވުމުގައި ދެ ގައުމުން ވެސް ވަނީ އިގްތިސާދީ އެކި ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެއްބަސްވެފަ އެވެ. އަދި މުވައްޒިފުންގެ ހައްގުތައް ހިމާޔަތް ކުރުމާއި ތިމާވެށީގެ ރައްކާތެރި ކަމަށް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމާއި އެފަދަ މަސައްކަތްތަކަށް އެހީތެރިވެ އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވެ އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ދިވެހި ސަރުކާރުން އެމެރިކާއާއެކު ރަސްމީ ވިޔަފާރީގެ މަޝްވަރާތައް ކުރައްވަމުންނެވެ. އެގޮތުން، އެމެރިކާގެ ޗެމްބާ އޮފް ކޮމާސް އިން ރޭވި ރައުންޑް ޓޭބަލް މަޝްވަރާއެއްގައި އެމެރިކާގެ ކޯޕަރޭޓް ދާއިރާގެ އޮފިޝަލުންނާއެކު ވެސް ސައީދު ވަނީ ބައްދަލުކުރައްވާފަ އެވެ.
މި ސަރުކާރުން ރާއްޖެއާ އެމެރިކާއާ ދެމެދު އޮންނަ ހާރިޖީ ގުޅުން ބަދަހިކުރަމުންދާއިރު ހާރިޖީ ވަޒީރު މޫސާ ޒަމީރުވެސް ވަނީ މިދިޔަ މަހު އެމެރިކާއަށް ވަޑައިގެންފަ އެވެ. އެމެރިކާއިންވެސް ދަނީ އިސް އޮފިޝަލުން ފޮނުވާ މަޝްވަރާތައް ބާއްވަމުންނެވެ.