ads
މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް
އޭސީސީން ދައްކަނީ އެއް ވާހަކަ އެއް. ވާ ކަމެއް ހަރާން: ނާޒިމް
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން އަބަދުވެސް ދައްކަވަނީ އެއް ވާހަކައެއް ކަމަށާއި އެ ކޮމިޝަނަށް "ވާ ކަމެއް ހަރާމް" ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ ބަހުގެ ހޫނު ހަމަލާތަކެއް އެ ކޮމިޝަނަށް މިއަދު އަމާޒު ކުރައްވައިފި އެވެ.
Advertisement

ނާޒިމް މިފަދައިން ވިދާޅުވީ ދައުލަތުގެ ކުންފުނިތަކުގެ ހިންގުމުގެ ނިޒާމުގެ ތެރެއިން ފާހަގަކުރެވިފައިވާ މައްސަލަތަކާ އެ މައްސަލަތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މައުލޫމާތު އޮޅުންފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް މިއަދު ހާޒިރުކުރުމުން އެ ކޮމިޝަނުގެ މެންބަރުން ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވަމުން ނެވެ.

ކޮންމެ ފަހަރަކު އޭސީސީގެ މެމްބަރުން ބަދަލު ކުރިޔަސް، އެއްވެސް ނަތީޖާއެއް ނުނެރެވޭ ކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ، ގާނޫނުތައް ބައްޓަންވެފައި އޮތް ގޮތުން ކޮރަޕްޝަނާއި ފަސާދައިގެ މެންޑޭޓް ނުވަތަ އެ މައްސަލަތައް ބެލުމުގެ ބާރު ދީފައި އޮންނަނީ އޭސީސީ އަށް ކަމަށެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއި ބައެއް ކޯޓުތަކުން ކޮށްފައި ހުރި ބައެއް ހުކުމްތަކުން އެނގޭ ގޮތުގައި އޭސީސީގައި މައްސަލައެއް އޮއްވައި އެ މައްސަލައެއް ފުލުހުންނަށް ނުބެލޭނެ ކަން ސާފުވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.  

"ތި ބޭފުޅުން ކޮންމެ ދައުރެއްގައި ވެސް ހަމަ އެއް ވާހަކަ ދައްކަވަނީ އިނގޭތޯ. ވާ ކަމެއް ހަރާން އިނގޭތޯ. ދެން އަނެއްކާވެސް އަޅުގަނޑުމެން ވީ ތި ބޭފުޅުން ބަދަލުކުރަން. އަނެއްކާވެސް އަނެއް ފަސް މީހުން އައިސްގެން ވެސް މިހެން،" ނާޒިމް ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ދައުވާ ކުރެވެން އަށް އަހަރު ދުވަހުގެ މުއްދަތެއް އޮންނަ އިރު، އޭސީސީގެ މައްސަލަތައް ކޯޓާ ހަމައަށް ދާއިރު އޮންނަނީ އަށް އަހަރު ވާން ކައިރިވެފައި ކަމަށް ނާޒިމް ވިދާޅުވިއެވެ. އަށް އަހަރުވާ ދުވަހު ކޯޓުން އެ މައްސަލައެއް ބޭރުވާ ކަން ނާޒިމް ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން ގާނޫނުއަސާސީ މީގެ 15 އަހަރު ދުވަސް ކުރިން ހަދައިގެން ތިޔަބޭފުޅުންނަށް 15 އަހަރު ދުވަސް ބެލިއްޖެ. ތިޔަބޭފުޅުން އަދިވެސް ގަބޫލު ކުރައްވަންތޯ މިއޮތް މޮޑެލްގައި ތި ކުރައްވާ ގޮތަށް މަސައްކަތް ކުރައްވައިގެން ރާއްޖޭގައި ކޮރަޕްޝަން ނައްތާލެވޭނެ ކަމަށް؟ ނޫނީވިއްޔާ ރައްޔިތުން އެދޭ ގޮތަށް ކޮރަޕްޝަން ނެތް މުޖުތަމައުއަކަށް ނޫނީ މަދު ކުރެވޭނެ - މުޖުތަމައުއަކަށް ބަދަލުކުރެވިދާނެ ކަމަށް؟" އޭސީސީގެ ރައީސް އާދަމް ޝާމިލް އާއި އެ ކޮމިޝަންގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ނާޒިމް ވިދާޅުވިއެވެ. 

ނާޒިމް ވިދާޅުވީ ކަމެއް ނުވީމަ، އަނެއްކާ ވެސް ކޮމިޝަންގެ މެމްބަރުން ބަދަލުކޮށް އާ މެމްބަރުން އައްޔަން ކުރެއްވީމަ ވެސް ވަނީ އެއްގޮތެއް ކަމަށެވެ. އެހެންވެ، މިކަމަށް ހައްލެއް އަންނަން ޖެހޭ ކަމަށް ނާޒިމްގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ އެ ކޮމިޝަނުން ދެ މަރުހަލާއަކަށް ބަހާލައިގެން މައްސަލަތައް ބަލާ ކަމަށެވެ. އެއީ ފުރަތަމަ "ޕްރިލިމިނަރީ" މަރުހަލާއާއި އިތުރަށް މައްސަލަ ބެލުމުގެ މަރުހަލާ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ޕްރިމިލަނީ މަރުހަލާގައި ސަރުކާރުގެ ކުންފުނިތަކާ ގުޅުންހުރި 316 މައްސަލައެއް އޮތް ކަމަށާއި އިތުރަށް ތަހުގީގު ކުރާ މަރުހަލާގައި 580 މައްސަލަ އޮތް ކަމަށެވެ.

"މިއީ ކަންބޮޑުވާން ޖެހޭ ވަރުގެ އަދަދެއް. މީގެ ތެރެއިން އަދި އަޅުގަނޑު ޚާއްސަކޮށް ފާހަގަކޮށްލަން ފާއިތުވެ މިދިޔަ ފަސް އަހަރު ތެރޭގައި އަޅުގަނޑުމެންނަށް، ވަކިން ޚާއްސަކޮށް އަޅުގަނޑުމެން މި މަސައްކަތާ ހަވާލުވި ފަހުން މި ހޭދަވި ވަގުތުގައި އެބައޮތް ވަރަށް ހައްސާސީ ދެ ވަގުތެއް އައިސްފައި،" ޝާމިލް ވިދާޅުވި އެވެ.

އެއީ ނިމިދިޔަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބޭއްވުންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އިންތިހާބުގެ ދުވަސްވަރު އޭސީސީއަށް ވަރަށް ގިނަ މައްސަލަތައް ލިބުނު ކަމަށާއި އެއީ އާންމުކޮށްވެސް އިންތިހާބުތަކާ ގުޅިގެން ފެންނަ ކަމެއް ކަމަށެވެ. އެ ދުވަސްވަރު އޭސީސީއަށް ފަސޭހައިން މައްސަލަތައް ހުށަހެޅޭނެ ނިޒާމެއް ގާއިމުކުރި ކަމަށާއި، އޭގެ ސަބަބުން ވެސް މައްސަލަތައް ހުށަހެޅުން އިތުރުވި ކަމަށް ޝާމިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭސީސީގެ މައިގަނޑު ދައުރަކަށް އޮންނަނީ މައްސަލަތައް ތަހުގީގު ކުރުން ކަމަށާއި އެއަށް ފަހު ދައުވާ ކުރެވޭނެ ކަމަށް ބެލެވޭ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅާ ކަމަށެވެ.

އޭސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުން އެ އަހަރު އެ ކޮމިޝަނަށް ޖުމްލަ 1151 ޝަކުވާ ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ދައުލަތުގެ ފައިސާއާއި ތަކެތި ބޭނުން ކުރުމާ ގުޅުން ހުރި 112 މައްސަލައާއި ޕްރޮކިއުމަންޓާ ގުޅޭ 115 މައްސަލަ ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް