ads
ވިލިނގިލި ފެރީ ޓާމިނަލް ތެރޭ ތޮއްޖެހިފައި
ފެރީތައް ތޮށްޖެހެނީ އެންމެ ފަހު ގަޑިއަށް އަންނާތީ: އެމްޓީސީސީ
މާލެ އާއި ވިލިނގިލި ދޭތެރޭ ދަތުރުކުރާ ފެރީތައް ފުރި ބާރުވަނީ ހަވީރު އޮންނަ އެންމެ ފަހު ފެރީގައި ދާން އެންމެން މަޑުކުރާތީ ކަމަށާއި އެންމެންވެސް ފަރުދީ ޒިންމާ އަދާކޮށް، ދަތުރުކުރުން ވީހާވެސް މަދުކުރަންޖެހޭ ކަމަށް އެމްޓީސީސީއިން މިއަދު ބުނެފިއެވެ.
Advertisement

ވިލިނގިލި ފެރީ ޓާމިނަލް ގައި މަޑުކުރަން ތިބޭތަނާއި ފެރީތައްވެސް ފުރި ބާރުވާ ވަރަށް މީހުން އަރުވާކަމަށާއި އިޖުތިމާއީ ގައިދުރުކަމާއި އެއްގޮތަށް ކަންނުކުރެވޭ ކަމަށް ބުނެ މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެމްޓީސީސީގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ނާޒިމް ސީއެންއެމްއަށް ވާހަކަދައްކަމުން މިއަދު ވިދާޅުވީ ފެރީތަކާއި ފެރީ ޓާމިނަލް ފުރިބާރު ވަނީ ހަމައެކަނި ހަވީރު ގަޑީގައި ކަމަށެވެ. 

"އަޅުގަނޑުމެންގެ ދަތުރުތައް އާންމުކޮށް މިދަނީ އިޖުތިމާއީ ގައިދުރުވުމުގެ އުސޫލާ އެއްގޮތަށް. ދުނިޔޭގެ އެހެން ތަންތަނުގައި ޕަބްލިކް ޓްރާންސްޕޯޓް ތަކުގަވެސް އަމަލުކުރާހެން، 50 ޕަސެންޓު ކެޕޭސިޓީގައި. މީހުން ފުރިބާރުވާ ގޮތް ދިމާވަނީ ހަވީރު ގަޑީގަ. އެއީ އެންމެން އެގަޑީގަ ދާން މަޑުކުރާތީ"

ހަވީރު 03:55 އަކުން 04:20 އާ ދޭތެރޭ ކޮންމެ ފަސް މިނެޓަކުން ވިލިނގިލި ފެރީ އޮވެއެވެ. އޭގެ ކުރީ ގަޑިތަކުގައި ކޮންމެ ދިހަ މިނެޓަކުން ފެރީ އޮވެއެވެ.

ހަވީރު ކާފިޔު ހިންގަން ފެށިފަހުން އެމްޓީސީސީ އިން ދިޔައީ ފަހެއް ޖެހުމުގެ ބައިގަޑިއިރު ކުރިން ހިދުމަތް މެދުކަނޑާލަމުންނެވެ. ނަމަވެސް މިއަދުން ފެށިގެން ހިދުމަތް ހުއްޓާލާނީ ހަވީރު 4:20 ގައި ކަމަށް އެކުންފުނިން ޝާއިއު ކޮށްފައިވާ ތާވަލުގައި ވެއެވެ. 

ނާޒިމް ވިދާޅުވި ގޮތުގައި މިބަދަލު ގެނެސްފައި ވަނީވެސް ފަހެއް ޖެހުމުގެ ކުރިން ގެއަށް ދެވޭނެކަން ޔަގީންކުރުމަށެވެ.

"ފެރީ ކުރިން އޮތްގޮތުންވެސް 4:38 އަކަށް ވިލިނގިލި އަށް ދެވޭނެ. އަދި ހިނގާފައި ދިޔަނަމަވެސް ފަހެއް ޖެހުމުގެ ކުރިން ގެއަށް ދެވޭނެ. އެކަމަކުވެސް ބައެއް މީހުން ބޭރުގަ އުޅޭ ސަބަބެއް ކަމަށް ފެރީ ލަސްވުން ދައްކާތީ މިބަދަލު ގެނައީ. މިހާރު 4:30 ވުމުގެ ކުރިން ހުންނާނީ ވިލިނގިލީގައި." ނާޒިމް ވިދާޅުވި އެވެ.

މީގެ އިތުރަށް ނާޒިމް ވިދާޅުވީ އެޗްޕީއޭގެ އެންގުމަށް ބޯލަނބައި ވީހާވެސް ވަރަކުން ގޭގައި މަޑުކުރަންޖެހޭ ކަމަށެވެ. އަދި ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކުރަން ޖެހޭކަމަށާއި ކޮންމެހެން ޒަރޫރީ ބޭނުމަކު ނޫނީ ދަތުރު ނުކުރުން މުހިއްމުކަމަށް ނާޒިމް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް