ރައީސް މުއިއްޒުގެ ތައުޒީޔާ މެސެޖުގައި އެމަނިކުފާނު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ އާއިލާއަށް ކުރިމަތިވި ހިތާމާގައި ބައިވެރިވާކަން ފާހަގަކުރައްވާ އެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެން ތައުޒިޔާ ވިދާޅުވެފައެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިހްގެ މަންމާފުޅު މުއުމިނާ އަވަހާރަވީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، މިއަދުގެ ވަގުތެއްގަ އެވެ.
އަވަހާރަވީ އިރު އުމުރުފުޅަކީ 80 އަހަރެވެ.
ރައީސް ސާލިހްގެ އިތުރުން ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒަކީ ވެސް މޫމިނާގެ ދަރިކަލެކެވެ. މީގެއިތުރުން މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އާމިނަތު ސާލިހްއި ކުރީގެ ބައެއް ރައީސުންގެ ޕާސަނަލް ސެކްރެޓްރީކަން ކުރެއްވި ފާތިމަތު ސާލިހަކީ ވެސް މޫމިނާގެ ދަރިކަނބަލުންނެވެ.
ރައީސް ސާލިހްގެ މަންމާފުޅު އަވަހާރަވުމުގެ ފުން ހިތާމައިގައި އެމްޑީޕީއިން ވަނީ އެ ޕާޓީގެ އެންމެހައި މެމްބަރުންގެ ފަރާތުން ރައީސް ސާލިހަށާއި ރައީސް ސާލިހުގެ އާއިލާއަށް ތައުޒިޔާ ފޮނުވައިފަ އެވެ. އަދި މަރުހޫމާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވައި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިފަ އެވެ.