ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ތައިލެންޑުގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން މިމަހުގެ 15 އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް އިތުރު ލުއިފަސޭހަތަކެއް ތައިލެންޑް ސަރުކާރުން ހަމަޖައްސާފައިވާކަމަށެވެ.
އެގޮތުން ރާއްޖެއާ ތައިލެންޑާ ދެމެދު ހަމަޖައްސާފައިވާ ވިސާ ޕޮލިސީ އަޕްޑޭޓުގައިވާ ގޮތުން ޗުއްޓީއަށާއި، ބޭސްފަރުވާ ނުވަތަ ވިޔަފާރީގެ ބޭނުންތަކަށް ތައިލަންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި 60 ދުވަހު ތައިލެންޑުގައި ހުރެވޭގޮތަށް މިހާރު ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެ އެވެ.
މީގެއިތުރުން 60 ދުވަހުގެ ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ ހާލަތެއް މެދުވެރިވެއްޖެނަމަ، ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ތައިލެންޑް އިމިގްރޭޝަން ޑިޕާޓްމަންޓަށް އެކަން ހުށަހެޅުމުން އިތުރު 30 ދުވަހަށް ވިސާގެ މުއްދަތު ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް އިތުރުކޮށްދޭގޮތަށް ހަމަޖެހިފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ރާއްޖޭން ބޭރަށް އެކި ބޭނުންތަކުގައި ދަތުރުކުރާ ދިވެހިން ދަތުރަށްފެށުމުގެ ކުރިން ޓްރެވަލް އިންޝުއަރެންސްއެއް ހޯދުމުގެ މުހިއްމުކަމާއި،ރާއްޖެއިން ބޭރުގައި އުޅުއްވާއިރު އެގައުމެއްގެ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރެ އެވެ.
އާސަންދައިގެ ދަށުން ތައިލެންޑް އަދި ޔޫއޭއީއަށް ބޭހަށް ދެވޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން މޭ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާސަންދައިގެ ސީއީއޯ އާމިނަތު ޒީނިޔާ ވިދާޅުވެފައިވެ އެވެ.
ޒީނިޔާ އެއިރު ވިދާޅުވީ، ރާއްޖެއިން ލިބެން ނުހުންނަ ފަރުވާ ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތާއި އެއްގޮތަށް ސްރީލަންކާ އަދި އިންޑިއާއަށް ބަރޯސާ ނުވެ އެހެން ގައުމުތަކަށް ފޮނުވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށެވެ.