ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓްވާ ކުޅުންތެރިން އިއުލާން ކުރާނީ ސެޕްޓެމްބަރު މަހުގެ ހަތަރުވަނަ ދުވަހުއެވެ. އަދި އެވޯޑް ދިނުން އޮންނާނީ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ފްރާންސްގެ ޕެރިހުގައެއެވެ.
ވިނިޝިއަސް ޖޫނިއާ (ރެއާލް މެޑްރިޑް، ބްރެޒިލް)
ނިމުނު ފުޓްބޯޅަ ސީޒަންގައި ބްރެޒިލްގެ ވިނިޝިއަސް ޖޫނިއާވަނީ ކްލަބު އަދި ގައުމީ ޓީމާއެކު ޖުމްލަ 49 މެޗު ކުޅެފައެވެ. ވިނީ ވަނީ އެ މެޗުތަކުގައި 26 ލަނޑު ޖަހައި، އަދި 11 އެސިސްޓް ހަދާފައެވެ. މި ދިޔަ ސީޒަންގައި ބްރެޒިލްގެ ގައުމީ ޓީމާއެކު ހުސް އަތާ ވިނީ ނިންމާލިއަސް ކްލަބުގައި މިދިޔަ ސީޒަންގައި އޭނާވަނީ ތިން ތަށި ނަގާފައެވެ. އެއީ ލަލީގާ، ސްޕެނިޝް ސުޕަ ކަޕް އަދި ޗެމްޕިއަންސް ލީގެވެ. އޭނާ ސީޒަން ނިންމާލީ ރެއާލް މެޑްރިޑްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިގެންނެވެ.
ބްރެޒިލްއަށް ކޮޕާ އެމެރިކާ ލިބުނު ނަމަ ވިނީއަށް މި މަގާމު ލިބޭނެ ކަމާމެދު އިތުރު ސުވާލެއްވެސް ނެތެވެ. އެކަމަކު ކުއާޓާ ފައިނަލުން އުރުގުއޭ އަތުން ބްރެޒިލް ބަލިވި ބަލިވުމަކީ 2007 ވަނަ އަހަރުގެ ފަހުން ބްރެޒިލްގެ ކުޅުންތެރިއަކަށް މި އެވޯޑް ލިބެން އެޅުނު އެންމެ ބޮޑު ހުރަހަށެވެ.
އެ މެޗުގައި ސަސްޕެންޝަންގައ ހުރުމުން ވިނީއަށް ނުކުޅެވުނު އިރު، އެ މެޗުން ޕެނަލްޓީ ޖަހައިގެން ބްރެޒިލްވީ ބައްޔެވެ. 2007 ވަނަ އަހަރު އެވޯޑް ނެގީ ބްރެޒިލްގެ ކަކާއެވެ. އޭގެ ފަހުން ބްރެޒިލްއަކަށް ބެލަންޑޯއެއް ނުލިބެއެވެ.
ރޮޑްރީ (މެންޗެސްޓާ ސިޓީ، ސްޕެއިން)
ރޮޑްރީވެސް ސީޒަން ނިންމާލީ ކާމިޔާބުކޮށެވެ. ޔޫރޯގެ ރަން މެޑަލްއާއެކު ރޮޑްރީ ސީޒަން ނިންމާލިއިރު، މިދިޔަ ސީޒަންގައި ޖުމްލަ 63 މެޗު ކުޅެ، 12 ލަނޑު ޖަހައި 14 އެސިސްޓް ރޮޑްރީ ހަދާފައިވެއެވެ. ޕްރިމިއާ ލީގާ، ޔުއެފާ ސުޕާ ކަޕް އަދި ކްލަބު ވޯލްޑްކަޕް ހޯދި ރޮޑްރީގެ ފަހު ތަށްޓަކީ ޔޫރޯއެވެ. އެފްއޭކަޕްގެ ފައިނަލު ޔުނައިޓެޑު އަތްދަށު ނުވި ނަމަ ރޮޑްރީއަށް ބެލަންޑިއޯ ލިބުން ހައްގު ކަމަށް ބުނެވޭނެއެވެ. ޔޫރޯގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ ރޮޑްރީއެވެ.
މެންޗެސްޓާ ސިޓީގެ އެއްވެސް ކުޅުންތެރިއަކަށް އަދި މިހާތަނަށް ބެލޮންޑިއޯ ލިބިފައިނުވާ ނުވުން ނިންމާލާ ކުޅުންތެރިއަކަށް ރޮޑްރީ ވުމަކީ އެކަށީގެންވާ ކަމެކެވެ.
ޖޫޑް ބެލިންހަމް (ރެއާލް މެޑްރިޑް، އިނގިރޭސިވިލާތް)
އިގިރޭސި ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާކަމަށްވާ ޖޫޑް ބެލިންހަމް މިދިޔަ ސީޒަންގައި 54 މެޗު ކުޅުނެވެ. އޭނާވަނީ 27 ލަނޑު ޖަހައި، 16 އެސިސްޓް ހަދައިދީފައެވެ.
ޔޫރޯގެ ފައިނަލުން ބަލިވެ ސީޒަން ނިންމާލި ނަމަވެސް ޗެމްޕިއަންސް ލީގާ، ލަލީގާ އަދި ސްޕެނިޝް ސުޕަރ ކަޕް ބެލިންހަމް ހޯދިއެވެ.
ބެލިންހަމްއަށް އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބިއްޖެ ނަމަ އޭނާ ވެގެންދާނީ 2001 ވަނަ އަހަރުގެ ފަހުން އެ އެވޯޑް ހޯދާ ފުރަތަމަ އިގިރޭސި ކުޅުންތެރިޔާއަށެވެ. 2001 ވަނަ އަހަރު އެ އެވޯޑް ހޯދީ މައިކަލް އޮވެންއެވެ.
ޑާނީ ކަރްވަހާލް (ރެއާލް މެޑްރިޑް، ސްޕެއިން)
އުމުރުން 32 އަހަރުގެ ޑިފެންޑަރު ސީޒަން ނިންމާލީ ހަތަރު ތަށްޓާއެކުއެވެ. 54 މެޗުން ހަތް ގޯލް ޖަހައި، އަށް އެސިސްޓް ހެދި ކަރްވަހާލްވަނީ ބެލަންޑިއޯގެ ފޭވަރިޓުންގެ ތެރޭގައި ކަރްވަހާލް ފާހަގަ ނުކުރެވުނަސް، އެއް ސީޒަނެއްގައި ޗެމްޕިއަންސް ލީގާއި ޔޫރޯ ކާމިޔާބު ކުރި މަދު ކުޅުންތެރިންގެ ތެރެއިން އޭނާއަކީ އެކަކެކެވެ.
އޭނާވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ބޮރޫޝިއާ ޑޯޓްމަންޑް އަތުން މޮޅުވި މެޗުގައި ރެއާލް މެޑްރިޑުން ފުރަތަމަ ލަނޑު ޖަހާފައެވެ. އަދި ޔޫރޯގައި ކްރޮއޭޝިއާ އަތުން މޮޅުވި މެޗުގައި ވެސް ސްޕެއިންއަށް ލަނޑު ޖަހައިދިނެވެ. ކަރްވަހާލްއަށް ބެލަންޑިއޯ އެވޯޑް ލިބިއްޖެ ނަމަ އޭނާ ވެގެންދާނީ އެ އެވޯޑް ހޯދާ ފުރަތަމަ ފުލްބެކަށެވެ.
ލަމީން ޔަމަލް (ބާސެލޯނާ، ސްޕެއިން)
ޔަމާލްއަކީ މި ވަގުތު އެންމެ މަޝްހޫރު އެއް ކުޅުންތެރިޔާއެވެ. އުމުރުން އެންމެ 17 އަހަރުގެ ޔަމާލް އެ މަޝްހޫރުކަން ހޯދީ އާދަޔާ ހިލާފު މޮޅު ކުޅުމަކާއެކުއެވެ.
ނިމުނު ސީޒަންގައި 64 މެޗު ކުޅެ، 10 ލަނޑު ޖެހިއެވެ. މީގެ އިތުރުން 14 އެސިސްޓް ދީފައިވާއިރު، އޭނާގެ ކެބިނެޓްގައި އިނީ ޔޫރޯގެ ތަށްޓެވެ. އޭނާ ބޮޑަށް މަޝްހޫރުވީ ޔޫރޯގައެވެ.
ޔޫރޯގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ކުޅެ، ފްރާންސް ކޮޅަށް ޖެހި ހިތްގައިމު ލަނޑާއެކު ބެލަންޑިއޯގެ ލިސްޓަށް އޭނާވެސް އެރިއެވެ. އޭނާ ވެފައިވަނީ ޔޫރޯގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާއަށެވެ. އަދި ޔޫރޯގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔަކީވެސް ޔަމާލްއެވެ.
ޔަމާލްއަށް ބެލަންޑިއޯ އެވޯޑް ލިބިއްޖެނަމަ އޭނާ އެ މުގުރާލަނީ ބްރެޒިލްގެ ރޮނާލްޑޯގެ ރެކޯޑެވެ. ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯ އަކީ 1997 ވަނަ އަހަރު އުމުރުން 21 އަހަރުގެ ބެލަންޑިއޯ އެވޯޑް ލިބުނު އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.
ލިއޮނަލް މެސީ (އިންޓާ މިއާމީ، އާޖެންޓީނާ)
ޔޫރަޕުގެ ފުޓްބޯޅައިގައި ނެތް ނަމަވެސް މެސީގެ ނަން މި ލިސްޓަށް މި ފަހަރުވެސް އަރައެވެ. މެސީގެ ނަން މި ލިސްޓަށް އަރާ މައިގަނޑު ސަބަބަކީ ކޮޕާ އެމެރިކާ ކާމިޔާބު ކުރުމެވެ.
މިދިޔަ ސީޒަންގައި 39 މެޗު ކުޅެ، 28 ލަނޑު ޖަހައި 17 އެސިސްޓް މެސީ ހެދިއެވެ. ބެލަންޑިއޯ އެވޯޑަށް ގުނާ މުއްދަތުގައި މެސީ ހޯދި ހަމަ އެކަނި ޓްރޮފީއަކީ ކޮޕާ އެމެރިކާއެވެ.
އުމުރުން 37 އަހަރުގެ މެސީ އަކީ ބެލޮންޑިއޯގެ ތާރީހުގައި އެންމެ ކާމިޔާބު ކުޅުންތެރިޔާއެވެ. އޭނާވަނީ އަށް ފަހަރު އެ އެވޯޑް ހޯދާފައެވެ. އެކަމަކު މި ފަހަރު މެސީއަށް އެ އެވޯޑް ލިބުމަށްވުރެ ގާތީ ނުލިބުމެވެ.