މި ބަދަލުތަކާއި އިތުރު ބަަދަަލުތައް ގެންނަން ނިންމާފައިވާކަން މިފްކޯގެ ބޯޑުން އެ ކުންފުނީގެ މުވައްޒަފުންނަށް އިއްޔެ ފޮނުވި މެމޯއެއްގައި ވަނީ އަންގާފަ އެވެ.
މި މެމޯގައި ބުނެފައިވަނީ ފިނޭންސް މިނިސްޓްރީއާއި ފިޝަރީޒް މިނިސްޓްރީ އަދި މިފްކޯ ގުޅިގެން އެ ކުންފުނީގެ ހިންގުން ހަރުދަނާކުރަން ކުރިއަށްގެންދާ މިފްކޯ އެފިޝަންސީ އެކްސަސައިޒް'' ގެ ދަށުން ބައެއް ފިޔަވަޅުތައް އަޅަން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިދިޔަ ބުދަދުވަހު ނިންމާފައިވާ ކަމަށެވެ.
އެގޮތުން އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި މިފްކޯގެ ސީއީއޯއިން ފެށިގެން މެނޭޖަރުންގެ ރޭންކްގައި ހިމެނޭ މުވައްޒަފުންނާއެކު ސީނިއަރ އަދި މެދު ފަންތީގެ މެނޭޖްމަންޓްގެ ވެރިންގެ މުސާރައިން 20 ޕަސެންޓް އުނިކުރުން ހިމެނެ އެވެ.
އަދި މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގައި ހުރި ފަރަގުތައް ކުޑަކުރުމަށް އޮނިގަނޑަށް އިސްލާހު ގެނައުމާއި ޕާފޯމަންސް ދަށް މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ޕްރޮބޭޝަންގައި ތިބި މުވައްޒަފުންގެ ތެރެއިން ކޮންމެހެން ކުންފުންޏަށް ބޭނުންވާ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން ވަކިކުރުން ހިމެނެ އެވެ.
މީގެއިތުރުން 65 އަހަރުވުމަށްފަހު ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި ތިބި މީހުންނަށް 3 މަހުގެ ނޯޓިސް ދިނުމަށްފަހު ވަކިކުރުމާއި ޚާއްސަ ހާލަތްތަކުގައި މެނުވީ ކޮންޓްރެކްޓް މުވައްޒަފުން ނުނެގުމާއި އިތުރުގަޑީގައި ކޮންމެހެން މަސައްކަތްކުރަން ޖެހިގެން ނޫނީ މަސައްކަތް ނުކުރުވުމާއި ކޮންޓްރެކްޓް މުވައްޒަފުންގެ ތެރެއިން ކުންފުންޏަށް ކޮންމެހެން ބޭނުންވާ މުވައްޒަފުން ފިޔަވައި އެހެން މީހުންގެ ކޮންޓްރެކްޓް މި މަހުގެ ފަހުން އާ ނުކުރުން ހިމެނެ އެވެ.
އަދި އަމިއްލަ އިޚުތިޔާރުގައި ވަޒީފާއިން ވަކިވާން ބޭނުންވާ މީހުންނަށް ތިން މަހުގެ ޕެކޭޖަކާއެކު ވަކިވުމުހެ ފުރުސަތު ދޭން ހުޅުވާލުން ވެސް ހިމެނެ އެވެ.
އެލަވަންސް ދިނުމުގެ އުސޫލަށް އިސްލާހު ގެނައުމަށް ޑެޕިއުޓީ ހެޑް އެލަވަންސާއި ރިސްކް އެލަވަންސާއި އިންޖިނިއަރިން އެލަވަންސާއި ކޭން ޕްރޮޑަކްޝަން އެލަވަންސާއި އަދި ނަން ޕްރެކްޓިކްސް އެލަވަންސް ދިނުން ހުއްޓާލުމާއި ވިލިމާލެ ފެރީ އެލަވަންސް ފިޔަވައި އެހެން ހުރިހާ ފެރީ އެލަވަންސްތައް ދިނުން ހުއްޓާލުން ވެސް މީގެތެރޭގައި ހިމެނެ އެވެ.