
މިފްކޯއިން މީގެ ކުރިން މަސްކިލޯއެއް ގަންނަމުން އައީ 20 ރުފިޔާއަށެވެ. ނަމަވެސް މިފްކޯއިން ޖުލައި އެއްވަނަ ދުވަހު ބުނެފައިވަނީ ދެން މަސް ގަންނަ އަގު ކަނޑައަޅާނީ ބައިނަލްއަގުވާމީ ބާޒާރުގައި މަހުގެ އަގު ހުންނަ ނިސްބަތަށް ބިނާކޮށް ކަމަށާއި ކޮންމެ ހަފްތާއަކުވެސް ބާޒާރުގެ އަގަށް ރިއާޔަތްކޮށް މަސް ގަންނަ އަގު ކަނޑައަޅާނެ ކަމަށެވެ.
އަދި މިއީ މަސްވެރިންގެ އަތުން ގަންނަ މަހަށް ގަވާއިދުން ފައިސާ ދެވޭނެ ގޮތަށް މިފްކޯގެ ސިޔާސަތު ބައްޓަންކުރުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ. އެގޮތުން ޖުލައިގެ ފުރަތަމަ ހަފުތާގައި މަސް ކިލޯއެއް ގަނެފައިވަނީ 16 ރުފިޔާއަށެވެ.
މަސްވެރިން މި ދުވަސްވަރު މަސްވެރިކަމަށް ނުނުކުންނަކީ މަހުގެ އަގު ދަށްކުރީމާތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
މިފްކޯގެ އޮފިޝަލަކު މިއަދު ''ސީއެންއެމް'' އަށް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ދިރާސާކުރާ ކަމުގެ މާހިރުންނާއި މަސްވެރީންނާއި ކެޔޮޅުންގެ ވާހަކަތަކުން އެނގުނު ގޮތުގައި މަސްވެރިކަން ދަށްވުމާއި، އަގާއި ގުޅުމެއް ނެތް ކަމަށާއި މޫސުމީ ހާލަތު ބަދަލުވާން ވަގުތުކޮޅެއް ނަގާނެ ކަމަށެވެ.
މިއަހަރުގެ ކުރީކޮޅުން ފެށިގެން ރާއްޖޭގެ މޫސުމަށް އާދަޔާ ހިލާފު ބަދަލު އަންނަން ފަށާފައިވާ ކަމަށާއި އަދި ކަނޑުމަހުގެ މަސްވެރިކަމުގައި އުޅުއްވާ އިސްކެޔޮޅުންނާއެކު ކުރެވުނު މަޝްވަރާގައި އެބޭފުޅުން ވިދާޅުވަނީ މިހާރު މިދުވަސްވަރު އިހުސާސްވަނީ އިރުވައި މޫސުމުގެ ފަހުކޮޅާ ކަމަށެވެ.
ހޫނުމިން ހުންނަ ވަރާއި އަދި ކަނޑުގެ އުފެދޭ ރާޅު ވެސް ނެތިފައި އެހާ މަޑުކަމަށާ ދޭތެރެއަކުން ރާއްޖޭގެ އުތުރަށް ވާރޭކޮޅެއް ވެހުނު ނަމަވެސް ޖޫންމަހާއި ޖުލައިމަސް ވެސް މިދަނީ ވާރޭނުވެހި ކަމަށާއި ކަނޑުގައި އެތެރެވަރިޔާ އެއްކޮށް ގިނަ އަދަދަކަށް މިޔަރެން ޒާތުގެ އެމެއް އަޅާފައިވާ ކަމަށް މާހިރުންނާ ހަވާލާދީ މިފްކޯގެ އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުން މުޅިއަހަރަށް ބަލާއިރު ވެސް މަސް ބާނާނެ ކަމަށް ގިނަ ކެޔޮޅުން ލަފާކުރަނީ މިދިޔަ އަހަރު ބޭނިވަރުގެ %60 އެވެ. އަދި މިގޮތަށް މަސްވެރިކަން ދަށަށްދަނީ ކޮންމެ 8 އަހަރަކުން ނުވަތަ 7 އަހަރުންނެވެ.