ads
ސާލިމް (ހުދު ގަމީހުގައި) : ފޮޓޯ މިހާރު
މަހުމޫދުގެ މަރުގެ އިސްތިއުނާފު ނިންމަނީ
އދ. ދަނގެތީ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލި މައްސަލައިގެ އިސްތިއުނާފު ހުކުމް ކުރުމަށް ތާވަލުކޮށްފި އެވެ.
Advertisement

މަހުމޫދު އަނިޔާވެރި ގޮތަކަށް ގަސްދުގައި މަރާލި ކަމަށް ސާބިތުވެފައިވަނީ ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމު) ކިޔާ މީހެއްގެ މައްޗަށެވެ. އޭނާ މެރުމަށް ކްރިމިނަލް ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ. 

ޝާ އަލޮމް މިއާ މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް މަހްމޫދުގެ ހުރިހާ ވާރިސުން ކޯޓުގައި ބުނެފައިވާތީ އެވެ.

މި މައްސަލައިގައި ހައިކޯޓުގެ ޝަރީއަތުގައި ޝާ އަލޮމް މިއާ ވަނީ ދަށު ކޯޓުގައިވީ އިއުތިރާފުން ރުޖޫއަވެފަ އެވެ. ހައިކޯޓުގެ އަޑުއެހުމުގައި ޝާ އަލޮމް ވަނީ ދައުވާއަށް އިންކާރުކޮށް މަހްމޫދު މަރާލީ އޭނާ ނޫން ކަމަށް ބުނެފަ އެވެ. 

މީގެއިތުރުން އޭނާ ބުނެފައިވަނީ ދަށު ކޯޓު މަރުހަލާގައި ކުށަށް އިޢުތިރާފް ވެއްޖެނަމަ، ޑީޕޯޓް ކޮށްދޭނެ ކަމަށް އޭނާގެ ވަކީލާއި ތަރުޖަމާނު ބުނެފައިވާ ކަމަށެވެ. މި މައްސަލައިގައި ބުރާސްފަތި ދުވަހު ހައިކޯޓުން ގޮތެއް ނިންމާނެއެވެ.

މަހްމޫދު މަރާލާފައިވަނީ 2022 ވަނަ އަހަރު އެވެ. މި މައްސަލާގައި ޝާ އަލޮމް މިއާ އެދިފައިވަނީ އިއުތިރާފުގެ އެއްބަސްވުމެއް ހަދައި އަދަބު ލުއިކޮށްދިނުމަށެވެ. ނަމަވެސް މަހްމޫދުގެ ހުރިހާ ވާރިސުންވެސް މަރަށް މަރު ހިފަން ބޭނުންވާތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާފައި ވަނީ ޝާ އަލޮމް މިއާއަށް އިއުތިރާފުގެ އެއްބަސްވުމެއް ނުދިނުމަށެވެ.

ޝާ އަލޮމް މިއާގެ މައްޗަށް ގަސްދުގައި މީހަކު މެރިކަމުގެ ކުށް ސާބިތުވުމާ ގުޅިގެން ކްރިމިނަލް ކޯޓުން އޭނާ މެރުމަށް ހުކުމް ކުރީ ފެބްރުއަރީ 27، 2022 ގައެވެ. އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފިކަމުގެ ކުށުގައި އެއް މަހާއި 24 ދުވަހަށް އޭނާ ޖަލަށް ލާން ވެސް ކޯޓުން އެ ދުވަހު ހުކުމް ކުރި އެވެ. ނަމަވެސް އެ މުއްދަތަށް ބަންދުގައި ހުރުމުގެ ސަބަބުން އެ އަދަބު ވަނީ ތަންފީޒުކޮށް ނިމިފަ އެވެ.

 ޝާ އަލޮމް މިއާ މެރުމަށް ދަށު ކޯޓުން ކުރި ހުކުމް އޮގަސްޓް 2، 2022 ގައި ހައިކޯޓުގައި އިސްތިއުނާފް ކުރީވެސް ދައުލަތުންނެވެ. އެއީ މަރުގެ ހުކުމް އަންނަ މީހުންގެ މައްސަލަ އެފަރާތަކުން އިސްތިއުނާފް ނުކޮށްފިނަމަ ދަށު ކޯޓުން ކުރާ ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް އެ މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާތީ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ޝާ އަލޮމްގެ މައްޗަށް އުފުލީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނާއި ހަވާލާދީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި، ގާނޫނުލްއުގޫބާތާއި ހަވާލާދީ މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ އެވެ.

ފުލުހުން ޝާ އަލޮމް ހައްޔަރުކޮށްފައިވަނީ މަހުމޫދު މަރާލާފައި އޮއްވާ ފެނުނު ގޯއްޗާއި 150 ވަރަކަށް ފޫޓް ދުރުގައި ހުރި އެރަށު ނެދުންގެއިންނެވެ. އޭނާ އަކީ އެގޭގައި އުޅޭ އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ގެނެސްފައި ހުރި ބިދޭސީ އެކެވެ. މި މައްސަލާގައި ފުލުހުން ބުނެފައިވަނީ މަހުމޫދު މަރާލީ ފައިސާގެ ދަހިވެތި ކަމުގައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް