ސިނަމާލެ ބްރިޖާއި ހައިވޭގައި ޓޯލް ނިޒާކު ގާއިމުކޮށް ފީއެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްް ސަރުކާރުން ހާމަކުރީ މާލެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން އެކުލަވާލާފައިވާ "މާލެފަހި" ޕްރޮގްރާމް, އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައެވެ. އެ ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ރައީސް މުއިއްޒެއެވެ.
ސަރުކާރުން ބްރިޖުން ޓޯލް ނަގަން ނިންމުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. ސަބަބަކީ ޕީޕީއެމް/ ޕީއެންސީ ވެރިކަމުގައި ބްރިޖުން ޓޯލް ފީއެއް ތައާރަފުކުރަން ނިންމާފައިވާކަމަށް މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އޭރުގެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނުމުން އެ ވާހަކަތައް ޑރ. މުއިއްޒު އޭރު ވަނީ ދޮގުކުރައްވާފައި ވުމުންނެވެ.
މިކަމާއި ގުޅިގެން ރައީސް ޑރ. މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބްރިޖް އިން ޓޯލް ނެގުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫންކަމަށެވެ. އަދި ރޭގައި އިއުލާން ކުރި "މާލެފަހި" ޕްލޭންގައި ޓޯލް ނެގުމާމެދު ދިރާސާއެއްކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާ އެމަނިކުފާނަށް އެރުވުމުގެ ނިޔަތުގައިކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން އެކުލަވާލާފައިވާ "މާލެފަހި" ޕްރޮގްރާމް އިފްތިތާހު ކުރި ރަސްމިއްޔާތުގައި އާއްްމުކުރި ވިޑިއޯއެއްގައި ބުނީ ބްރިޖާއި ހައިވޭ ފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ޓޯލް ފީއެއް ތައާރަފުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންކަމަށެވެ. އަދި މި މިކަމަކީ "މާލެ ފަހި" ޕްލޭންގެ ދަށުން ކުރުމަށް ނިންމާފައިވާ މުހިންމު މަސައްކަތެއް ކަމަށްވެސް ވަނީ ބުނެފައެވެ.
މި ފީތައް ތައާރަފުކުރާނީ ކަމާއި ގުޅުން ހުރި އިދާރާތައް މަޝްވަރާކުރުމަށްފަހު ކަމަށާއި އަންނަ މަހު އެ މަޝްވަރާތައް ފަށާނެކަމަށްވެސް ސަރުކށާރުން ބުނިއެވެ.