ކޮވިޑް-19 ފެތުރުން ފިލިޕީންސްގައި ހަމަޔަކަށް އެޅުވުމުގެ ގޮތުން މާޗް މަހުގެ 17 ވަނަ ދުވަހުން ފެށިގެން ލޫޒޯންގައި ގާއިމް ކޮށްފައިވާ ލޮކްޑައުން މި މަހުގެ 30 ވަނަ ދުވަހާއި ހަމައަށް އިތުރު ކުރުމަށް މި ގައުމުގެ ރައީސް ރޮޑްރީގޯ ޑުޓެރްޓޭ ވަނީ މިއަދު ނިންމަވާފަ އެވެ.
ފިލިޕީންސްގެ ލޫޒޯން އައިލެންޑަކީ މި ގައުމުގެ އެންމެ ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުންދާ އަވަށެވެ. އަދި ލުޒޯން އެއްކޮށް ކަރަންޓީން ކުރުމަށް ފިލިޕީންސްގެ ރައީސް ވަނީ މިދިޔަ އަހަރު އަންގާފަ އެވެ. މި ލޮކްޑައުން އިއުލާންކުރީ މި މަހުގެ 12 ވަނަ ދުވަހާއި ހަމަޔަށް ނަމަވެސް އިންޓާ-ގަވަމެންޓުގެ ވޯކިން ގްރޫޕުން ވަނީ ރައީސް އަށް މި ލޮކްޑައުން ގެ މުއްދަތު އިތުރު ކޮށްދިނުމަށް ރަސްމީކޮށް ހުށަހަޅާފަ އެވެ.
އެ ގައުމުގެ ސިވިލް ސޮސައަޓީ ގްރޫޕުތަކުން ވަނީ ލޮކްޑައުންގެ ހަރުކަށިކަން ދަށްކޮށް، ހަމައެކަނި ކޮވިޑް-19 ގެ އަސަރު ބޮޑަށް ކޮށްފައިވާ ހިސާބު ތަކުގައި ލޮކްޑައުން ގާއިމް ކުރުމަށް އެދިފަ އެވެ. މިގޮތަށް އެެދިފައި ވަނީ ލޮކްޑައުން ގާއިމް ކުރުމުން އޭގެ އުނދަގޫތައް ވެފައިވާ މިލިއަނެއްހާ ފަގީރު އާއިލާތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންނެވެ.
މިގޮތުން، ފިލިޕީންސް ގެ ސަރުކާރުން ވަނީ ހޯމަ ދުވަހު 18 މިލިއަން ފަގީރު އާއިލާއަކަށް މަނިޓަރީ އެހީ ފޯރުކޮށްދީފަ އެވެ. އެގޮތުން ކޮންމެ އާއިލާ އަކަށް 160 ޑޮލަރު ވަނީ ސަރުކާރުގެ ފަރާތުން ފޯރުކޮށްދީފަ އެވެ. ފިލިޕީންސްގެ 16 އިންސައްތަ އާބާދީއަކީ ޕޮވަޓީ ލައިންއިން ދަށުގަވާ ބައެކެވެ.
މި ގައުމުގައި 3،660 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އަދި 163 މީހަކު ވަނީ މި ވައިރަހުގެ ސަބަބުން މަރުވެފަ އެވެ.