ads
ރެޑްވޭވް ޕްލާޒާ
މިއީ ޓެކުހާއި ޑިއުޓީއާއި ފީތައް ގަވާއިދުން ދައްކަމުންދާ ކުންފުންޏެއް: ރެޑްވޭވް
އެ ކުންފުންޏަކީ ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި ޑިއުޓީއާއި ފީތައް ގަވާއިދުން ދައްކަމުންދާ ކުންފުންޏެއް ކަމަށް ރެޑްވޭވް ޕްރައިވެޓް ލިމިޓެޑުން ބުނެފި އެވެ.

ބިދޭސީ މަސައްކަތްތެރިންނަށް ދޫކޮަށްފައިވާ ހުއްދަތަކާ ގުޅިގެން، ވަޒީފާދޭ ފަރާތުން ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ފީތަކާއި ޖޫރިމަނާތަކުގެ އަދަދު 100،000 ރުފިޔާ އަށްވުރެ އިތުރުވާ ފަރާތްތަކުގެ ތަފުސީލް ހޯމް މިނިސްޓްރީން އިއްޔެރޭ ވަނީ އާންމުކޮށްފަ އެވެ.

ބޮޑެތި ކުންފުނިތައް ހިމެނޭހެން 1026 ކުންފުންޏަކުން ފީ ނުދައްކައި އެބަހުރި ކަމަށް ބުނެ ކޮށްފައިވާ އިއުލާނުގައި ރެޑްވޭވް ވެސް ހިމެނެ އެވެ.

your imageމިނިސްޓްރީން ނެރެފައިވާ ލިސްޓް

ރެޑްވޭވްގެ ފަރާތުން ބިދޭސީ މުވައްޒަފުންގެ ވިސާފީއާއި ކޯޓާގެ ފީގެ ގޮތުގައި ނުދައްކާ ފައިސާ ވާކަމަށް އާއްމުކޮށްފައިވާ އިއުލާނާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ކުންފުނީގެ ފަރާތުން ރާއްޖެއަށް ގެންނަ ބިދޭސީ މުވައްޒަފުންނާ ގުޅޭގޮތުން ދައުލަތަށް ދައްކަންޖެހޭ އެންމެހައި ފީއަކީ ކުންފުނީގެ ފަރާތުން އަބަދުވެސް ގަވާއިދުން ދައްކަމުން އަންނަ އެއްޗެއް ކަމަށެވެ. އަދި އެ ކުންފުނީގެ ފަރާތުން ރާއްޖެ ގެންނަ ބިދޭސީންނާ ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ބަލަހައްޓަމުންގެންދާ ފަރާތަކީ ސީވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކަމަށެވެ.

މިނިސްޓްރީން ނެރެފައިވާ އިއުލާނުގައިވާ ގޮތުން ރެޑްވޭވްގެ ފަރާތުން ވޯކް ޕާމިޓް ފީގެ ގޮތުގައި 2800 އާއި ކޯޓާ ފީގެ ގޮތުގައި 167,028 ރުފިޔާ ނުދައްކައި އޮތްކަމަށް ބަޔާންކޮށްފައިވެ އެވެ. 

ރެޑްވޭވްއިން ބުނީ މިކަމާ ގުޅޭ ގޮތުން އެ ކުންފުނިން މައުލޫމާތު ސާފުކުރިއިރު އަދި އެކުންފުނީގެ ލިޔުންތައް ބެލިއިރު، އެކްސްޕެޓް ސިސްޓަމް އިން ޖެނެރޭޓް ކުރާ އެއްވެސް ސްޓޭޓްމަންޓެއްގައި އެ ކުންފުނީގެ ފަރާތުން ދައްކަންޖެހޭ އެއްވެސް ޕޭމަންޓެއް ނުދައްކައި އޮތްކަމަށް ފާހަގަކޮށްފައެއް ނުވާ ކަމަށެވެ.

your imageމިނިސްޓްރީން ނެރެފައިވާ ލިސްޓް

އެހެންކަމުން، މިނިސްޓްރީއާ ގުޅައިގެން އެ ކުންފުނީގެ ފަރާތުން ދައްކަންޖެހޭ ފައިސާގެ ތަފުސީލު ހޯދުމަށް މިއަދު ހެނދުނުން ފެށިގެން ގިނަ މަސައްކަތްތަކެއް ކުރެވިފައިވީ ނަމަވެސް، ޓެކްނިކަލް މުވައްޒަފުން ޗެކް ކުރުމަށްފަހު އަންގާނެ ކަމަށް މައުލޫމާތު ދެއްވައި، މިބަޔާން ނެރުމާ ހަމައަށް ވެސް މިނިސްޓްރީން އިތުރު އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވާ ކަމަށް ރެޑްވޭވްއިން ވަނީ ބުނެފަ އެވެ.

ރެޑްވޭވްއިން އިތުރަށް ބުނީ އެ ކުންފުނީގެ ފަރާތުން ބިދޭސީންގެ ކަންކަން ބަލަހައްޓަމުން ގެންދާ އެޖެންސީގެ ފަރާތުން ދެއްވާފައިވާ މައުލޫމާތަށް ބަލާއިރު، އެކްސްޕެޓް ޕޯޓަލް އިން ޖެނެރޭޓް ކޮށް ނަގާ ސްޓޭޓްމަންޓް އިން އެއްވެސް ފައިސާ އެއް ދައްކަންޖެހޭ ކަމަށް ފެންނަން ނެތް ނަމަވެސް، މެނުއަލްކޮށް ބަލަމުންދާއިރު ބައެއް ޕޭމަންޓްތައް ޕެންޑިންގ ކަމަށް ފެންނަން ހުރި ކަމަށް ސީވޯލްޑް މޯލްޑިވްސްއިން މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި އެ ކުންފުނީގެ ފަރާތުން ދައްކަންޖެހޭ ފައިސާކަމަށް އާންމުކޮށްފައިވާ ފައިސާގެ ތަފުސީލު މިނިސްޓްރީގެ ފަރާތުން ހިއްސާ ކޮށްފައިނުވި ނަމަވެސް، އެ ކުންފުންޏަކީ، އެ ކުންފުނީގެ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެންމެހައި ޓެކްސް އާއި ޑިއުޓީ އާއި އެހެނިހެން ފީތައް ގަވާއިދުން ދައްކަމުން ގެންދާ ކުންފުންޏެއް ކަމަށެވެ.

"ދައުލަތުގެ އިދާރާތަކުން ހަދާފައިވާ ޕޯޓަލްތަކާއި ސިސްޓަމްތަކުގައި ހުންނަ މައްސަލަތަކުގެ ސަބަބުން މިކަން ކުރުމަށް އައްޔަންކޮށްފައިވާ ސީވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުރަންޖެހޭ ކަންކަން ނުކުރެވޭ ގޮތަށް ހުރުމަކީ މި ކުންފުނީގެ ނަން ބަދުނާމުވެދާ ފަދަ ގޮތަކަށް، ކުންފުނީގެ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާކަމަށް ބުނެ އާންމުކުރަންޖެހޭ ކަމެއްކަމަށް މިކުންފުނިން ނުދެކެމެވެ." ރެޑްވޭވްގެ ބަޔާނުގައިވެ އެވެ. 
"ރެޑްވޭވްއިން ބުނީ މިއީ ދާހިލީ ވުޒާރާގެ ފަރާތުން ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކޮށްފައިވާ ކަމެއްކަމުގައި ކުންފުނީގެ ފަރާތުން ދެކޭ ކަމަށެވެ."

your imageމިނިސްޓްރީން ނެރެފައިވާ ލިސްޓް

މީގެ އިތުރުން، ދައުލަތުގެ އިދާރާތަކުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ފައިސާއެއް ނުދައްކައި އޮތްނަމަ އެކަމެއް އެފަރާތަކަށް އެންގުމަކީ އަބަދުވެސް ކުރަމުން އަންނަ ކަމެއްކަމަށްވާއިރު، މިފަދަ އެއްވެސް ނޯޓިސް އެއް ދިނުމެއްނެތި އެއްވެސް އެންގުމަކާ ނުލައި މިފަދަ ޒިންމާދާރުކަން ކުޑަ ގޮތަކަށް އަމަލުކޮށްފައިވާތީ އެކަމާ ވަރަށް ހިތާމަކުރާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އެ ކުންފުނީގެ ފަރާތުން ބިދޭސީ މުވައްޒަފުންނާ ގުޅޭގޮތުން ދައްކަންޖެހޭ ފީއާ ގުޅޭ ކަންކަން މިނިސްޓްރީއަށް ސާފުކޮށްދެވިފައިނުވާތީ، ކުންފުނީގެ ހުރިހާ ބިދޭސީ މުވައްޒަފުންނާ ގުޅޭ ކަންކަން ވަކިވަކިން ޗެކް ކޮށް ބެލުމުގެ ކަންކަން އެކަން ހަވާލުކުރެވިފައިވާ ފަރާތުން ކުރަމުން ގެންދާކަން ރެޑްވޭވްއިން ވަނީ ފާހަގަކޮށްފަ އެވެ. އަދި މިގޮތަށް ދައްކަންޖެހޭ އެއްވެސް ފީއެއް އޮތްކަމުގައިވާނަމަ، އެފީއެއް އެ ކުންފުނީގެ ފަރާތުން ދައްކާނެކަމުގައި ވަނީ ބުނެފަ އެވެ.

"ހަމައެއާއެކު، ބިދޭސީންގެ ޑިޕޮސިޓް ފީއާ ގުޅޭގޮތުން ދައުލަތުގެ ފަރާތުން މި ކުންފުންޏަށް އަނބުރާ ރައްދުކުރަންޖެހޭ ފައިސާ ގެ ގޮތުގައި 198,000 މިކުންފުންޏަށް ނުދައްކައި އޮތްކަން މިފުރުސަތުގައި ފާހަގަކުރަމެވެ." ރެޑްވޭވްގެ ބަޔާނުގައިވެ އެވެ. 

ރެޑްވޭވްއިން އިތުރަށް ބުނީ ގާނޫނު ތަންފީޒުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް މަރުހަބާ ދަންނަވައި ހަމަހަމަކަމާއެކު އެކަން ކުރިއަށް ގެންދިއުމަށް ގޮވާލާ ކަމަށެވެ. 

މިނިސްޓްރީން އާންމުކުރި ލިސްޓުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ބޮޑެތި ކުންފުނިތައް ހިމެނެ އެވެ. މީގެ ތެރެއިން 123 ކުންފުންޏަކުން ދައުލަތަށް ދައްކަން ޖެހޭ އަދަދު އެއް މިލިއަނަށް ވުރެ ގިނައިރު, ބައެއް ކުންފުނިތަކުން ދައްކަން ޖެހޭ ފައިސާގެ އަދަދު އުޅެނީ 26 މިލިއަނަށް ވުރެ މަތީގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް