ads
ފުވައްމުލަކު އެއާޕޯޓު
ރީޖަނަލް އެއާޕޯޓްސްއިން ހިދުމަތްތައް ރަނގަޅު ކުރަން ކުރެވޭ މަސައްކަތް ބައިވަރު
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއަކީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ހުރި ގިނަ އެއާޕޯޓު ތަކެއް ބަލަހައްޓާ، މެނޭޖް ކުރާ ކުންފުންޏެކެވެ. ދާދި ފަހުން ސަރުކާރާ އެކީ އެކުންފުނީގެ މެނޭޖްމަންޓްވެސް ވަނީ ބަދަލުވެފަ އެވެ. މި ބަދަލާ އެކީ ރީޖަނަލް އެއާޕޯޓްސް އިން ވަނީ އެމީހުންގެ މަސައްކަތުގެ ސްކޯޕް ވަރަށް ބޮޑަށް ފުޅާ ކޮއްފަ އެވެ.
Advertisement

ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑައިރެކްޓަރު، އަހުމަދު މުބީން، ވަނީ "ސީއެންއެމް" އަށް ދިން އިންޓަވިއުއެއްގާ ވަރަށް ތަފްސީލްކޮށް މިހާރު އެކުންފުނިން ކުރަމުން އަންނަ މަސައްކަތްތައް ކިޔާދީފަ އެވެ. މި ކުންފުނިންވެސް އެހެން ސަރުކާރު ހިއްސާވާ ކުންފުނި ތަކެކޭ އެއްގޮތަށް ސެލްފް ސަސްޓެއިނިންގް މޮޑަލް އަކަށް ހިންގުމަށް މަސައްކަތް ކުރާ ކަމަށް ބުންޏެވެ.

"އާމެނޭޖްމަންޓުން ހަވާލުވިއިރު ރީޖަނަލް އެއާޕޯޓްސްއިން ބަލަހައްޓަމުން ދިޔައީ 7 އެއާޕޯޓް. ނަމަވެސް މިހާރު ލ.ކައްދޫ އެއާޕޯޓުވެސް ވަނީ އެމްއެންޑީއެފްއިން ރީޖަނަލް އެއާޕޯޓްސްއާ ހަވާލުކޮއްފަ. ކުރިން ހުރި އެއާޕޯޓުތަކުގާ ބައިވަރު މަރާމާތުތަކެއް ކުރަން ހުރި" މުބީން ވިދާޅުވި އެވެ.

މިވަގުތު އެންމެ ބޮޑަށް އިސްކަންދެނީ މި މަރާމާތުތަކަށް ކަމަށް މުބީން ބުންޏެވެ. ސިވިލް އޭވިއޭޝަންއިން ފާހަގަކޮއްފާވާ ބައެއް މައްސަލަ ރަނގަޅު ކުރަން މަސައްކަތް ކުރެވޭ ކަމަށް އޭނަ ބުންޏެވެ. މީގެ ތެރޭގައި ބައެއް އެއާޕޯޓު ތަކުގެ ފާހަނައާއި، މުށިތަކާއި، ފެންސްތަކުގެ މަރާމާތު ހިމެނެއެވެ. ށ.ފުނަދޫ އެއާޕޯޓުގާ ފުރާ އަންނަ މީހުން މަޑުކޮއްލާނެ ތަނަކާއި ކެފޭ ރެސްޓޯރަންޓް ކަހަލަ ތަނެއް ނެތްކަން ފާހަގަކޮށް މިކަން ހައްލުކުރުމުގެ ގޮތުން ވެއިޓިން އޭރިއާ އަކާއި ކެފޭ އެއް ހަދަމުން ދާކަމަށް މައުލޫމާތު ދިނެވެ.

މީގެ އިތުރުން ދެން އެންމެ ބޮޑަށް އިސްކަން ދޭ ކަމެއް ކަމަށް އޭނާ ބުނީ ހދ.ހަނިމާދޫ އިންޓާނޭޝަނަލް އެއާޕޯޓަށެވެ. މިއެއާޕޯޓުގެ އާ 1.3 މިލިއަން މީހުންގެ ޖާގައިގެ ޓާމިނަލް ދަނީ އިންޑިއާގެ ކަލްޕަތޫރު ކިޔާ ކުންފުންޏަކުން ހަދަމުންނެވެ. 

މި ޕްރޮޖެކްޓުގެ އަގަކީ 130 މިލިއަން ޑޮލަރެވެ. މިޓާމިނަލް އާ އެކީ ހަނިމާދޫ ހަބަކަށް ވެގެން ދާނެ ކަމުގެ އުންމީދު ކުރާކަމަށް ބުންޏެވެ. މިއަހަރުގެ ފަހުކޮޅަށް ނިންމަން އޮތް މިޕްރޮޖެކްޓް ދަނީ ތާވަލު ކުރެވިފާ ވާވަރަށް ވުރެން އަވަހަށް ދާކަމަށްވެސް ބުންޏެވެ. އަދި އިންޑިއާ އާއި ލަންކާގެ އެއާލައިން ތަކުން މި އެއާޕޯޓަށް ދަތުރުފައްޓަން މަޝްވަރާ ކުރާކަމުގެ މައުލޫމާތުވެސް އޭނަ ދިނެވެ. މިސަރަހައްދުގާ ޓުރިސްޓުންނަށް އެނދު އިތުރުކުރުމަށް ޓޫރިޒަމް މިނިސްޓްރީއާ މަޝަވަރާ ކުރެވޭ ކަމަށްވެސް ބުނެފާވެއެވެ.

އިތުރަށް އޭނާ ބުނެފާވަނީ ގދ.މާވަރުލު އެއާޕޯޓުގެ މަރާމާތުވެސް ކުރެވޭކަމަށެވެ. މާވަރުލުއެއީ އެހެން ރަށްރަށާ ދުރުގެ އިންނަ ރަށަކަށް ވުމާގުޅިގެން މީގެ ކުރިން އެމްބިއުލަންސްވެސް ނެތް ކަމަށް ބުންޏެވެ. މިހާރު ރީޖަނަލް އެއާޕޯޓްސްގެ ފަރާތުން އެމްބިއުލަންސް ގެނެސްފާ ވާކަމަށް ވެއެވެ. މިފަހުން އެއާއެމްބިއުލަންސްގެ ހިދުމަތް ފެއްޓިގެން ދިޔައިރު ބަނދަރާ ހަމައްށްވެސް ކުރިން ބަލި މީހުން ގެންގޮސް ހެދީ ޕިކަޕުގަ ކަމަށްވެއެވެ. 

your imageރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިންގް ޑިރެކްޓަރު، އަހުމަދު މުބީން

އެއާޕޯޓުތައް ކައިރީގަ ހުރި ހުސް ބިންތައް ކޮމާޝަލް ކަންކަމަށް ބޭނުން ކުރަން ނިންމާފަވެއެވެ. މިގޮތުން މާވަރުލުގާ ދަނޑުވެރިކަމުގެ ޕްރޮޖެކްޓެއް ފެށުމުގެ މަސައްކަތްވެސް ކުރިއަށް ދެއެވެ. މި ޕްރޮޖެކްޓު ވަރަށް އަވަހަށް ފެށޭ ވަރު ވާނެ ކަމަށް އުންމީދު ކުރާ ކަމަށް މުބީން ބުންޏެވެ. މީގެ އިތުރުން 100 ކޮޓަރީގެ ޓޫރިސްޓް ޒޯނެއް ފަރެސްމާތޮޑާގާ ހަދަން ގަސްތުކުރާކަމަށް ބުންޏެވެ. ފަރެސްމާތޮޑާ އެއާޕޯޓުގެ ރަންވޭ ބްޑު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެތިން މަސްތެރޭ ފެށޭ ވަރުވާނެ ކަމަށްވެސް ބުންޏެވެ.

މިހުރިހާ ކަންކަމުގެ އިތުރުންވެސް ރީޖަނަލް އެއާޕޯޓްސްއިން އެބަ މަސައްކަތްތަކެއް ކުރިއަށް ދެއެވެ. ހޯރަފުށި އެއާޕޯޓުގެ ރަންވޭ ކައިރިން ބިން ގިރާތީ އެމައްސަލަ ހައްލު ކުރުމުގެ ގޮތުން ބިން ހިމާޔަތްކުރުމާއި، ސަރުކާރުން ހަދަން ނިންމާފަވާ 19 އެއާޕޯޓުތަކުން ބައެއް އެއާޕޯޓު ހަދަން އިންވެސްޓަރުން ހޯދާ އިކޮނޮމިކް ކައުންސިލަށް ޕްރޮޕޯޒަލް ފޮނުވިފާ ވާކަމަށްވެސް މުބީން ބުންޏެވެ. ކުރިއަށް އޮތްތާގަ ރީޖަނަލް އެއާޕޯޓްސްއިން ބަލަހައްޓާ އެއާޕޯޓުތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެކަމަށް ބެލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް