ads
ދޫކޮށްފައި ނުދާށޭ.. - 24 ވަނަ ބައި
އެޕިސޯޑް 24
Advertisement

ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ

އައިޝާއަށް އެހެން ގޮތެއް ނެތުމުން ހިތް އެދުނު ވަތްގަނޑު ހުޅުވާލި އެވެ. ފެނުނީ ޓިޝޫ ފޮއްޓެއް ނޫނެވެ. ލޯ ކުރިމައްޗަށް ފެންނާން އޮތް ބަނޑޭރިގަނޑަށް އައިޝާގެ ނަޒަރު ހުއްޓުނެވެ.

މަޑުމަޑުން ބަތްޕެންތަށި ބަހަށްޓާލާފައި އެ ފޮތް  އުފުލާލި އެވެ. ފޮތުގެ ބަނޑޭރިގަނޑަކީ އަލީޒީގެ އުފެއްދުމެއް ކަމާއިމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ. ފަށުވީގެ ރީތި ކުލަތަކުން އެ ފޮތް ހާއްސަކޮށްފައިވަނީ އަޔާންއަށެވެ. 

ފޮތުގެ ބަނޑޭރިގަނޑުގައި އައިޝާ ފިރުމާލި އެވެ. ލޮލުން ކަރުނަ ވިދާލިކަން އެނގުނީ ކޯތާފަތް ތެމޭކަން އިހްސާސްވުމުންނެވެ. ފޮތް ގެނެސް މޭގައި ޖައްސައި ބާރުކޮށްލެވުނެވެ. މަޑުމަޑުން އަޔާންގެ ނަން އައިޝާގެ ދުލުން ބޭރުވީ އިހްތިޔާރަކާއި ނުލަ އެވެ.

"ތިއީ ހަމައެކަނި އަޔާންގެ ހައްގެއް!" ބަލި އަޑަކުން އަލީޒީ ބުނެލި އެވެ. އައިޝާއަށް ތެޅިގަނެވުނެވެ. މަނާކަމެއް ކުރެވިއްޖެކަން އެނގުމުން ކުޑަކުއްޖަކުވެސް ތެޅިގަންނާނީ އެފަދަ ގޮތަކަށެވެ. 

"ވަރަށް މައާފުކުރޭ... މީ ކޯންޗެއްތޯ ބެލުމުގެ މަގުސަދު އޮވެގެނެއް ނޫން މި ނެގީ..! އެކަމަކު މި ބަނޑޭރިގަނޑު ހަދާލާފައި އޮތްލެއް ރީތިކަމުން މީގައި އަޅައިގަތީ.. ވަރަށް ބޮޑަށް ސޮރީ! އަހަރެން އުޅުނީ ޓިޝޫ ފޮއްޓެއް އިންތޯ ބަލަންވެގެން" އައިޝާ އަވަސް އަވަހަށް ވާހަކަދައްކަމުން ސަބަބު ބުނެދީ، މައާފަށްވެސް އެދުނެވެ.

އަލީޒީ އިޝާރާތްކޮށްލީ އެންމެ މަތީ ވަތްގަނޑަށެވެ. ޓިޝޫ ފޮށިނަގައި، ކަނޑާލާފައި ދެތިން ޓިޝޫ އަލީޒޒީއަށް އައިޝާ ދިއްކޮށްލި އެވެ. އޭރުވެސް އަތް ތުރުތުރު އަޅަ އެވެ.

"ހާސްނުވޭ...! މާ ޝާ ﷲ، އަހަރެންގެ ވަގުތުޖެހުމުގެކުރީން ތިޔަ ފޮތް ތިއޮތީ ފުރިހަމަކުރެވިފައި..! ރޭގައި އައިޝާއާއި ތި ފޮތް ހަވާލުކުރަން އަހަރެން ހުރީ ވަރަށް ތައްޔާރުވެގެން.. އެކަމަކު އެވަރުގެ ހިތްވަރެއް ނުލިބުނު.." އަލީޒީ ބުނި އެއްޗެއް ދޭހަނުވި ގޮތަކަށް އައިޝާ ބަލައިލި އެވެ. އައިޝާއަށް ފަހުމުނުވާ، ތަފާތު އިހްސާސެއް އެބުނެލުމުގައި ވާކަން ޔަގީނެވެ.

"ތިއީ އަޔާން އަށް ރައްދުކޮށްދިނުމަށް، އައިޝާއާއި ހަވާލުކުރަން ތައްޔާރުކޮށްފައި އޮތް އަމާނާތެއް.." ހަމަހިމޭންކަމާއެކު އަލީޒީ ބުނެލީ، ދެ ލޯމަރައިލަމުންނެވެ.  ބުނާނެ އެއްޗެއް ނޭގި އައިޝާގެ އަނގަހުޅުވި، ދެ ލޯ ބޮޑުވި އެވެ. އަލީޒީ މިދައްކަނީ ކޮންފާޑެއްގެ ވާހަކައެއްތޯ ސުވާލުކުރާން އަނގަ ހުޅުވާލާފައިވެސް ހިމޭންވި އެވެ. 

"އަޔާންގެ މުސްތަގްބަލަށް ބޭނުންވާނެ ހުރިހައި ކަމެއްގެ ޖަވާބު ތި ފޮތުން ލިބޭނެ.. އެ ދަރިފުޅުގެ މަންމައާއި މަންމަގެ އާއިލާއާބެހޭގޮތުން އިތުރު ސުވާލެއް އުފައްދަން ނުޖެހޭނެ މިންވަރަށް ތި ފޮތުގައި ބުނެދީފައި ހުންނާނެ.!." އަލީޒީ ވާހަކަދައްކަމުން ދިޔައީ ލޯ މަރައިގެން އޮވެ އެވެ. ނަމަވެސް ދެ ލޮލުގެ ހިމަކޮޅުން އޮހޮރެމުންދިޔަ ކަރުނަ، އަލީޒީގެ ބާލީސް ތެއްމަމުން ދިޔަ އެވެ. 

"އަހަރެންގެ ލޯބިވާ ދަރިފުޅަށް ތި ފޮތް ހަވާލުކުރުމުގެ އުފާ އަހަންނަށް ނުލިބިދާނެ...! އެހައި ވަގުތު އަހަންނަށް މި ދުނިޔޭގައި އޮތްކަން އިހްސާސެއް ނުކުރެވޭ! މި އަމާނާތް މިވަގުތުން ފެށިގެން، އައިޝާއާއި މި ހަވާލުކުރީ އެ ސަބަބަށްޓަކައި..! އެކަމަށް އެންމެ ހައްގުކަންބޮޑު އިންސާނަކީވެސް ތިއީ..! އެދުވަހަކުން، އަރިއަޅައިނުލައި އަޔާން ކޮޅަށް ހުންނާނެ ހިތްވަރުދޭން ތިބޭނީ ހަމައެކަނި ތި ދެމަފިރިން..! އުއްމީދުކުރަނީ މިދުނިޔޭގައި އަހަރެންފަދަ އެކަނިވެރިއަކަށް އެ ދަރިފުޅު ނުވާނެކަމަށް" ކަރުނައިގެ ތެރެއިން އައިޝާއަށް އަލީޒީ ބަލައިލި އެވެ.

ރަތްވެފައިވާ ދެ ލޮލުގައި ޝަކުވާއާއި ބިރު ނޫން އެއްޗެއް ނުވެ އެވެ. ދެފަރާތަކަށް ބޯ ތަޅުވާލަމުން އައިޝާ އިޝާރާތްކޮށްލީ، އެއީ އޭނާއަށް ފަސޭހަކަމަކަށް ނުވާނެ ޒިންމާއެއްކަމެވެ. 

"ޔާ ﷲ... އަޅަމެންގެ އަޔާންއަށް ދުނިޔޭގެ ހުރިހައި އުފަލެއް މިންވަރު ކުރައްވާށި.. މި އަޅާނެ އެކުވެރިޔާގެ ވޭން ލުއިކޮށްދެއްވާށި!" ދެ ލޯ މަރައިލަމުން އައިޝާ މަޑުމަޑުން ބުނެލަމުން ހަމްދު އެޅި އެވެ. ރިހެމުންދިޔަ ހިތުގައި އަޅަމުންދިޔައީ ގަދަވެގެންވާ ވޭނެކެވެ. 

.........................

ހެނދުނުގެ ނާސްތާއަށްފަހު އަޔާން ހޮސްޕިޓަލަށް ނިކުތީ އަމީރާ ގޮވައިގެންނެވެ. ދަތުރު ތަންކޮޅެއް ދދިގުވިޔަސް، އަމީރާ ގެއަށް ލާފައިނޫނީ އަޔާން ހޮސްޕިޓަލަކަށް ނުދާނެ އެވެ. 

"ޕްރިންސެސްގެ ކާރު މިކޮޅަށް ގެންނާނީ މިރޭ ދޯ..! ތާޒާވެލައިގެން، ހޮސްޕިޓަލަށް އަންނައިރު ޑްރައިވަރު ގޮވައިގެން އަންނާތި އިނގޭ.. ހޮސްޕިޓަލަށް ދާ ކާރު ޑްރައިވަރާއެކު ފޮނުވާލާ..! އޭރުން ނިންމާފައި ގެއަށް އަންނައިރު ދެމީހުންނަށް އެކުގައި ދެވިދާނެ ދޯ..؟" މަގުމައްޗަށް ސަމާލުކަން ދީގެން ދުއްވަމުން އަޔާން ބުންޏެވެ.

އަމީރާއަކީ މަޝްހޫރު، ތަނަވަސް  ވިޔަފާރިވެރި އާއިލާއެއްގެ ހަމައެކަނި ވާރުތަވެރިއާ އެވެ. ނަމަވެސް ބޮޑާކަމެއް ނުވަތަ ކިބުރުވެރިކަމުގެ އެއްވެސް ސިފައެއް އަމީރާގެ ކިބައިގައި ނުވެ އެވެ. 

"އަޔާން ބޭނުންވާ ކޮންމެ ގޮތެއް އެއީ އެންމެ ރަގަޅު ގޮތް..!" ކިޔަމަންތެރި ލޯބިވެރިޔަކު ބޯ ލަނބާފަދައިން އަޔާންގެ ލޮލަށް ބަލައިލަމުން އަމީރާ ބުނެލި އެވެ. ލަދުން އިސްޖަހައިލީ އަމީރާއެއް ނޫނެވެ. އަޔާން އެވެ. 

"އަމީރާގެ މަންމައާއި ބައްޕަ އަޔާންއާށް އަބަދު ތައުރީފުކުރަނީ ސަބަބެއް ނެތިއެއް ނޫން.. ކުރިން ގަބޫލެއް ނުކުރަން..! އެކަމަކު މިހާރު ގަބޫލުކުރަން، ތިއަށްވުރެން ފުރިހަމަ އިންސާނަކު އަމީރާގެ ދިރިއުޅުމަކަށް ދުވަހަކުވެސް ނުލިބޭނެ.. ޔޫ އާރ ވެރީ ސްޕެޝަލް ޓު މީ..!" ސީޓުގައި ބޮލުގެ ފުއްކިބަ ޖައްސާލައިގެން ހަމަޖެހިލާފައި އަމީރާ ބުނެލީ އަޔާންއަށް ބަލަންއިނދެ އެވެ.

"ވީ އާ ޖަސްޓް ފްރެންޑްސް.." އެއްބުމަ އަރުވާލަމުން އަޔާން ބުނެލީ އަމީރާއަށް ކަމެއް ހަނދާންކޮށްދޭ ފަދައިންނެވެ. 

"ވަޓް އެވަރ..!" އަމީރާގެ ސަމާސާ ބުނެލުމާއެކު ދެމީހުން އެކުގައި ހޭންފެށި އެވެ.

.................

"އިންސާނުންގެ ބުއްދި ބޭނުންކޮށްގެން ތަޅު އުފައްދަނީ ތަޅުދަންޑިއެއްގެ ބޭނުންކުރަންޖެހޭ ގޮތަށް.. ކުޅަދުންވަންތަ މާތް ﷲ ވުޖޫދުގައި ލެއްވި ކޮންމެ މައްސަލައަކަށް ހައްލެއްވެސް މެދުވެރިކުރެއްވި...! އަހަރުމެން އިންސާނުންނަށް އޮތީ ކެތްތެރިވުން.. ކޮންމެ ކަމަކަށް އެކަމުގެ ހައްލު ހޯދަން މަސައްކަތްކުރުން...! ބަލިވީމައި ފަރުވާކުރުން..! ބުނަން މިއުޅެނީ ކޮންމެ ބައްޔަކަށްވެސް ފަރުވާއެއްވާނޭ... މި ރަށަށް އަންނަ ކޮންމެ ޑޮކްޓަރެއްގެ އާދޭހަކީ އެންމެ ދުވަހެއްވެސް ފަސްނުކޮށް، ފުރިހަމަ ފަރުވާއެއް ލިބެން އޮތްތާކަށް އަލީޒީ ގެންދިއުން.. ކިތަށް ޑޮކްޓަރުން އާސަންދައިގެ ލިޔުން ދީފައި އެބައޮތް..؟! މި ރަށުން ދެވޭނެ އެއްވެސް ފަރުވާއެއް މިހާރަކު ނެތް.. މާލެއިން ނޫނީ، މުންޝިރް ރައްޓެހިން މެދުވެރިކޮށް ބޭރުން ބޭސް ގެނެސްގެން ކާނީ ކިހައި ދުވަހެއް ވަންދެން..؟؟!!"  އައިޝާ މަސައްކަތްކުރީ އަލީޒީގެ ހިޔާލް ބަދަލުކުރެވޭތޯ އެވެ. 

"ހެޔޮނުވާނެ، ހުއްޓާލާ..! ތިނޫން ކޮންމެ ވާހަކައެއް ދެއްކިޔަސް ހެޔޮ...! އަހަރެން މިހާލުގައި އޮތަދީ..! މި އަޅާ ވޭނާ، ތަހަންމަލް މިކުރާ ހިތްދަތިކަމުން އަހަންނަށް ލިބޭ އިތުރު ރިހުމެއް ނެތް.. ގާތުގައި އަޔާން ނެތުމުގެ ހުސްކަން ފޫބެއްދޭނެ އެއްގޮތެއްވެސް ނޯންނާނެ...! އެ ނޫނީ އަހަރެން ބޭނުން އެއްވެސް ކަމެއް ނެތް..! އަޔާންއަށްޓަކައި އަހަރެންކުރި އުއްމީދު މިއަދު މިއޮތީ ފުރިހަމަވެފައި.. އަހަރެން ޔަގީންކުރަން، މިކަމުގައި ކޮންމެވެސް ދުވަހަކުން އަޔާން، އަހަންނަށް މައާފުކުރާނެކަމަށް..! މިއަދު ލޯ މަރައިލާން ޖެހުނަސް އުފަލުން، އެކަމަށް އަހަރެން ތައްޔާރު..!" އަލީޒީގެ އަޑު ބެދުނެވެ. ބުނަމުންދަނީ ދުލުގެ އަޑެވެ. އެއީ ހިތުގެ އަޑު ނޫންކަން އައިޝާއަށްވެސް އެގެ އެވެ. އިރުކޮޅަކު ގިސްލުމަށްފަހު އަނެއްކާވެސް ވާހަކަފެށީ އަލީޒީ އެވެ.

"އެކަނިވެރިކަމަށްވުރެން ފުން ހިތާމައެއް މި ދުނިޔޭގައި ވުޖޫދުކުރެއްވިބާއޭ ހިތަށްއަރާ..! ތިޔަ ދެމަފިރިން ދުނިޔޭގައި ތިބިހައި ހިނދަކު އަހަރެންގެ އަޔާން ހުންނާނީ އުފަލުގައި!" ޔަގީންކަމާއެކު ފަހު ޖުމުލަ ބުނެލީ  އަލީޒީގެ ތުންފަތް  ތުރުތުރުއަޅުވާލާފަ އެވެ. ކިތަންމެ ސިއްރުކުރާން އުޅުނަސް، މައިވަންތަ ހިތުގައި އުފެދިފައިވާ ބިރުވެރިކަމާއި ލޯބި ސިއްރެއް ނުވި އެވެ.

.........................

"ފްރެންޑް ސަރކަލްގައި ފިރިހެންކުއްޖަކު ހިމެނޭތޯ ބައްޕަ އަބަދު ސުވާލުކުރާނެ.. އެހެން އުޅެނިކޮށް އަޔާންގެ ވާހަކަ ބުނެވުނީ... ހުރިހައި ކަމެއް ދޫކޮށްލާފައި މަންމައާއި ކާފައާއި މާމަވެސް ގޮވައިގެން ދެ ދުވަސްތެރޭގައި ބައްޕަ ތެޅެމުންފޮޅެމުން އައިގޮތް މިހާރުވެސް ހަނދާންހުރޭ.." ހިޔާލްގެތެރެއަށް ގެއްލިފައި އިނދެ އަމީރާ ބުނެލި އެވެ.

ދޮޅުއަހަރެއްހައި ދުވަސްކުރިއަށް އަމީރާގެ ހަނދާންތައް ދަތުރުކޮށްލި އެވެ. ހިނިތުންވުމުގެ ތެރެއިން ރީތި ހަނދާންތަކެއް ވަށައިލީ އެވެ. އަމީރާގެ ބައްޕަ ނާދިފް ޝައްޔާންގެ ކޮންމެ ނޭވާއެއް ހާއްސަވެފައިވަނީ ލޯބިވާ އަނބިމީހާ މިޒްރާ އަދި ލޮލުގެ ނޫރު ފަދައިން ލޯބިވާ ދަރިފުޅު އަމީރާއަށެވެ.

"ހާދަހައި ބިރެއް ގަތްދުވަހެކޭއެއީ.. ކުރީބައިގައި އަންގާލުމެއްނެތި ދިން ސްޕަރައިޒްގެ ސަބަބުން އއަހަރެން އައި ސީ ޔޫ އަށް ލާންޖެހުނުނަމަ، ޕްރިންސެސް ކިހިނެއް ހަދާނީ..؟" އެދުވަސް ހަނދާންކުރަމުން އަޔާން ސުވާލުކޮށްލި އެވެ.

"މުޅިން ރަގަޅުވެ، ފުރިހަމަ ސިއްހަތަށް އެނބުރި ނާންނަނީސް ދުރަށްވެސް ޖެހިނުލާނަން..! އަޔާންގެ ލޯބިވާ މަންމައަށް ނުތަނަވަސްކަމެއް ލިބިދާނެ ކުޑަވެސް ކަމެއް އަހަރެން ނުކުރާނެދޯ..!" ޔަގީންކަމާއެކު އަމީރާ ބުނެލީ ތަފާތު ރާގެއްގަ އެވެ. 

އަޔާން މަންމަގެ ނަމާއެކު ދެން ވެރިވީ ހިމޭން ވަގުތުކޮޅެކެވެ. 'މަންމަ' މިއީ އަޔާންއަށް ކިހައިވަރެއްގެ ލަފްޒެއްކަން އެންމެ ރަގަޅަށް އެނގޭނީ އަމީރާއަށެވެ. ދެދުވަސް ކުރީން މަންމައަށް ގުޅިފަހުން، އަޔާން ނުގުޅާކަން އަމީރާއަށް ޔަގީންވެ އެވެ. ކޮންމެ ދުވަހެއްގައިވެސް ހެނދުނު ހޭލާފައި، އަދި ރޭގަނޑު ނިދުމުގެ ކުރީން މަންއަށް ފޮނުވާފައި އޮންނަ މެސެޖް އަމީރާ ބަލައިލަ އެވެ. ފާޅުނުކުރިޔަސް، އެ މެސެޖްތަކުގެ ރިހުން އަމީރާއަށް އިހްސާސްކުރެވެ އެވެ. 

...........

"އަހަރެން އުއްމީދުކުރަން އެ ދުވަހަކުން އަޔާން، އަހަންނާއި މުންޝިރަށް ނަފްރަތު ނުކުރާނެކަމަށް..!" ވަރަށް އުދަގުލުން އައިޝާ ބުންޏެވެ. އެބުނި ޖުމްލައިގެ ތަފްސީލް އަލީޒީއަށް ބޭނުންނުވާނެކަން އައިޝާއަށް އެގެ އެވެ.

"ތި ދެ މީހުންނަށް އަޔާންކުރާ އިހްތިރާމް އެދުވަހަކުން އެތައް ގުނައަކަށް ގަދަރު އުފުލޭނެ" ޔަގީންކަމާއެކު އަލީޒީ ބުންޏެވެ. 

"އެދުވަހަކުން ވާނެގޮތެއް ހިތައް ގެންނާކަށް ހަގީގަތުގައި މިއަދު ބޭނުމެއް ނޫން.. ހިތައް އަރަނީ އަހަރެން ވަރުގެ ބަދު ނަސީބު މީހަކު މި ދުނިޔޭގައި މާތްﷲ ލެއްވިބާއޭ... އަހަރެންގެ ކުރިމަތީގައި، އަހަރެންގެ އެކުވެރޔ.." އައިޝާއަށް ރޮވިއްޖެ އެވެ.

ހިނިތުންވުމަކީ ފަހަކަށްއައިސް އައިޝާ ދައްނަ އިހްސާސަކަށް ނުވިޔަސް، އަލީޒީގެ ކުރިމަތީގައި ނުރޯން  އެތައް މަސައްކަތެއް ކުރެ އެވެ. އެހާލުގައި އަލީޒީ އުޅޭތާ އެތައް އަހަރެއް ފާއިތުވީ އެވެ. އެއްދުވަހު ރަގަޅިއްޔާ ޖެހިގެން އަންނަ ދެތިންދުވަހު އުޅޭނީ ތަހަންމަލް ނުކުރެވޭވަރު ގަދަ ވޭނުގަ އެވެ. 

"އިން ޝާ ﷲ ސުވަރުގޭގެ އެންމެ މާތް ދަރަޖައިން ތިޔަ ދެމަފިރިންނަށް މާތް ﷲ ނިއުމަތްތައް މިންވަރު ކކުރައްވާށި..! އަހަރެންގެ ދުއާއަކީ، ދެދުނިޔޭގެ ހުރިހައި އުފަލެއް އައިޝާއަށް މިންވަރުކުރެއްވުން..! ނިކަމެއްޗަކަށް މުޅި އުމުރު ހިބަކުރި އެކުވެރިޔަކު، މި ދުނިޔޭގައި ހިއްދަތިވާކަށް ނުޖެހޭނެ..! އިން ޝާ ﷲ އުފާވެރި ދުވަސްތައް އަދި އޮތީ ކުރިއަށް...!" 

ވާހަކަދެއްކުމާއި ހިއްސާކުރުމުން މުޅިން އެކަހެރިވެ، އެތައް ދުވަހަކު ހިމޭންކަން އިހްތިޔާރު ކުރުމަށްފަހު އަލީޒީ މިއަދު ވާހަކަދައްކަން ނުހަނު ބޭނުންވެފައިވާކަން  އެނގުމުން އައިޝާ  އުފާވި އެވެ. ނަމަވެސް ދެކެވެމުން މިދާ ވާހހަކަ އަޑުއަހަން ފަސޭހައެއް ނޫނެވެ. ފާއިތުވި ދުވަސްތަކުގައި، ކޮންމެހެން ބުނަންޖެހޭ އެއްޗެއް ފިޔަވައި އިތުރު ލަފްޒެއް އަލީޒީގެ ދުލުން ބޭރުވަނީ މަދު ފަހަރަކު އެވެ. 

......................

"ބައި ދަ ވޭ..، އަޅުގަނޑުގެ މުޅި އާއިލާގެ ފޭވަރިޓް ތިއީ...! އެންމެ ހަފްތާއެއްހައި ދުވަހު އަހަރެންގެ އާއިލާއާއެކު އުޅެލާފައި އެންމެންގެ ފުރިހަމަ  ލޯތްބާއި އިތުބާރު ހޯދައިގެން ތި ހުރީ.. މަންމައާއި މާމަ އޯކޭ ވިޔަސް، ކާފައާއި ބައްޕަ އިމްޕްރެސްކުރުމަކީ އާދައިގެ އިންސާނަކަށް ކުޅަދާނަވަރުކަމެއް ނޫން..  ބަޓް.. ޔޫ ޑިޑް އިޓް..! އެކަމަށް އެއްވެސް މަސައްކަތެއް ކުރުމެއްނެތި އެވަރުގެ ކާމިޔާބެއް ހޯދުމަކީ ފަސޭހަކަމެއް ނޫން.. ވެލް ޑަން ހޭންޑްސަމް..!" އަތްތިލަބަޑި ޖަހައިލަމުން އަމީރާ ބުނެލި އެވެ. 

އަޔާންގެ ގިރުވާނުގެ ކަން އުފުލައިލަމުން އެއް ލޯ މަރައިލި އެވެ. ދެމީހުން  އެކުގައި ހީލީ މާހައުލުގައި ލޯތްބާއި އަމާންކަން އެކުވެފައިވާތީ އެވެ.

ގެއާއި ދާދި ގާތްވެފައި ވަނިކޮށް ވާރޭ ވެހެން ފަށައިފި އެވެ. ފަހަތު ސީޓުގައި އޮތް ކުޑައަށް ބަލައިލަމުން އަޔާން ހީލި އެވެ. ލަންޑަންގެ ވިއްސާރައަކީ އަންދާޒާކުރާން ފަސޭހަކަމެއް ނޫނެވެ. ކާރުގައި އަބަދުވެސް ކުޑައެއް ބާއްވަންފެށީ އަމީރާ ވާރެއާއި ތެމެން ބޭނުންވެފައި ހުންނާތީ، އެކަމުން ސަލާމަތްކުރަންވެގެންނެވެ. 

ގުނަމުންދަނީ ފިނިމޫސުމުގެ ދުވަސްތައް ނޫނަސް، މިއީ ފިނިދުވަސްވަރެއްގެ ގޮތުގައި ބުނެވިދާނެ އެވެ. ވާރެއާއި ތެމިއްޖެނަމަ، އަމީރާ ބަލިވެދާނެކަމަށް އަޔާން އަބަދުވެސް ސަމާލުކަންދެ އެވެ. ހިނިތުންވެފައި އިނދެ އަމީރާ ބަލަމުންދިޔައީ ކަނާތްފަރާތުން ފެންނަމުންދިޔަ ޕާކްތެރެއިން މަޑުމަޑު ހިނގުމުގައި ކުޑައަޅައިގެން ހިނގަމުންދާ މީހުންނަށެވެ.  

ދާދިގާތުން ފެންނަމުންދިޔަ  ގަނޑުވަރެއްފަދަ ބިނާއަކީ ލަންޑަންގެ މެދުތެރޭގައިވާ އަގުބޮޑު ސަރަހައްދުން އަމީރާގެ އަށާރަވަނަ އުފަންދުވަހު މާމަ ދެއްވި  ހަދިޔާ އެވެ. ހޮސްޕިޓަލާއި ގާތުން ތަނެއް ބޭނުންވިޔަސް، އެ ގެ ނޫން އެހެންތަނެއއްގައި ދިރިއުޅެން އަމީރާ ބޭނުންނުވީ އެފަދަ ބޮޑު ހަރަދެއްކޮށްގެން މާމަ، ދެއްވި ހަދިޔާއަށް ޝުކުރުވެރިވުމުގެ ގޮތުންނެވެ. 

މާ ބުރަކޮށް މަސައްކަތްކޮށް، ގިނަވަގުތު ހޮސްޕިޓަލުގައި އުޅެންޖެހޭ ދުވަސްވަރެއްނަމަ، އަމީރާގެ ބައެއް ސާމާނާއެކު އެފަދަ ދުވަސްކޮޅަކަށް އަޔާންގެ އެޕާޓްމެންޓަށް ބަދަލުވަނީ އެވެ. އެކަމަކީ މަންމައާއި ބައްޕަ އަދި މާމައާއި ކާފަގގެ ފުރިހަމަ އެއްބަސްވުމާއެކު އަމީރާ ނިންމާ ނިންމުމެކެވެ. 

......................

"އެމީހެއްގެ މާޒީގެ ތެރެއަށް އެ މާޒީ ދޫކޮށްނުލާހާ ހިނދަކު، އެމީހެއްގެ މުސްތަގްބަލް ދާނީ ހަލާކުވަމމުން.. ދިރިހުންނާންވީ މިއަދު އެމީހަކަށްޓަކައި މިންވަރުކުރެއްވި އެއްޗެއްގެ މައްޗަށް ޝުކުރުވެރިވަމުން...! އިއްޔެގެ މާޒީން ނިގުޅައިގެން ހައްގުތަކުގެ ސަބަބުންނެއް ނޫން.. އަހަރުމެން ތިން މީހުންނާއި ދޭތެރޭގައި އަލީޒީ ވިސްނާލަބަލަ..!!" އަލީޒީއާއި ދެކޮޅަށށް ކުޑަވެސް އެއްޗެއް ބުނުމަކީ އައިޝާ ކުރަން ބޭނުންކަމެއް ނޫނެވެ. އެކަމަކު ވަކިކަމަކަށް އެއްބަސްކުރެވޭތޯ ހިތުގައިވާ އަޒުމަށް ދެކޮޅުހެދުމުގެ ބާރެއް އައިޝާއަށްވެސް ނެތީ އެވެ. 

"މައާފުކުރަންޖެހޭ މީހުންނަށް އަހަރެންގެ ހިތުގެ އެންމެ އަޑިން މައާފުކޮށްފިން.. އެކަމަކު މާލެއަށް  ދިއުމަށް، ނުވަތަ މިރަށް ނޫން އެހެން ރަށަކަށް ދިއުމަށް އަހަރެން އެއްބަސް ކުރެވޭނެ އެއްވެސް މީހަކު ނުހުންނާނެ..! އެކަމަށް ހަމައެކަނި އޮތީ އެންމެ ޝަރުތެއް! އެކަން ތިޔަ ތިން މީހުންނަށްވެސް އިނގޭނެ.. އެދުވަސް ދުށުމުގެ ނަސީބު ލިބޭނެކަމަށް ހިތެއް ނުބުނޭ..!" އަލީޒީއަށް ބުނެވުނީ ތަންކޮޅެއް ހަރުކަށި ރާގެއްގަ އެވެ.

"އަހަރުމެން ތިން މީހުންގެ އިތުރުން އަލީޒީގެ މަންމަވެސް ދުނިޔޭގައި އެބަހުރި.. 

 -ނުނިމޭ-

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް