ads
ދޫކޮށްފައި ނުދާށޭ.. - 23 ވަނަ ބައި
އެޕިސޯޑް 23

ހޯމަ ދުވަހުގެ އަދަދާއި ގުޅޭ

ފަތިސްނަމާދުން ފައިބައިގެން އައިސް އައިޝާ ހުއްޓުނީ އަލީޒީގެ ކޮޓަރީގެ ކުރިމަތީގަ އެވެ. ވިސްނާލުމަށްފަހު މަޑުމަޑުން ތަޅުގައި ހިފައި އަނބުރާލި އެވެ. 

އެތެރެއަށް ނުވަދެ، ކޮޓަރީ ތެރެއަށް ނަޒަރު ހިންގާލަމުން ބަލައިލި އެވެ. އަލީޒީ ފެންނާކަށް ނެތެވެ. ކިޔަވަން ގެންގުޅެފައިވާ ހަތިމް އަދި އަރައިގެން ހުރި އިސްޓާކީނު އެނދުމަތީގައި އޮތެވެ. ދެ ބުމަ ގާތްކޮށްލާފައި އައިޝާއަށް ވިސްނައިލެވުނެވެ. ހަތިމް އެނދުމަތީގައި ބާއްވާފައި ބޭރު ކުނިކަހަން އަލީޒީ ނުނިކުންނާނެކަން ޔަގީނެވެ. ރޭގައި އަލީޒީގެ ހާލަތު އެންމެ ގާތުން ދެކެފައިވަނީވެސް އައިޝާ އެވެ.

ރޭގައި ހިރިލާނެވަރުވެސް ނެތެވެ. މިވަގުތު، އަލީޒީ ކޮބައި ހެއްޔެވެ؟ އަމިއްލަ ނަފްސަށް ކުދިކިޔަމުން، ބޭރު ބަލައިލުމުގެ މަގްސަދުގައި އައިޝާ ދޮރުލައްޕާލަން އުޅުނު ވަގުތު، އެތެރެއިން އަޑެއް އިވުނުހެން ހީވެގެން އަވަސް އަވަހަށް އެތެރެއަށް ދެމިގަތެވެ. 

"އަލީޒީ...!؟  އެބައުޅެންތަ؟" ހައިރާންވެފައި އައިޝާ ސުވާލުކޮށްލި އެވެ.

އަޑެއްބަޑެއް ނީވި އިރުކޮޅެއް ހޭދަވި އެވެ. ކޮޓަރިތެރެއަށް ވަދެފައި ދޮރު ލައްޕާލި އެވެ. 

"އަލީޒީ...!؟" އަނެއްކާވެސް އައިޝާ ގޮވައިލި އެވެ. 

ކުރިން އިވުނުއަޑަކީ ހީވިގޮތެއްކަމަށް ގަބޫލުކުރަން އައިޝާގެ ނަފުސު އެއްބަހެއް ނުވި އެވެ. 

ހައިރާންވެފައި އުނގަނޑުގެ ދެފަރާތުގައި އަތް ވިއްދާލި އެވެ. ވިސްނާލަމުން ދެބުމަދޭތެރެއަށް ރޫއަރުވާލި ވަގުތު، މީހެއްގެ އޯކާ ދެމުމުގެ އަޑަށް އައިޝާއަށް ތެޅިގަނެވުނެވެ. ކަރުގެ އެންމެ ބުޑުން އެ ނިކުތީ ބިރުވެރި އަޑެކެވެ. ފުލުފުލުގައި ތިން ހަތަރު ފަހަރު ހަމަ އެބާރުމިނުގައި އޯކާދެމިގަތްފި އެވެ. ހުރިފިޔަވަޅުމަތީ ގަނޑުވެފައި ހުރެވުނުކަން އައިޝާއަށް އިހްސާސްވީ މީހަކު، މަރަށް ތެޅޭހެން ހީވަފަދަ ގަދަ ވޭނީ އަޑެއްގެ ބިރުވެރިކަމުގެ ސަބަބުންނެވެ.

އިހްތިޔާރެއް ނެތި އޮހޮރެންފެށި ކަރުނައިގެ ލޮނުރަހައާއެކު މާބޮޑަށް ތެޅިގަނެވުނެވެ. ފާހާނާގެ ދޮރުގެ ތަޅުގައި ހިފާފައި އަނބުރައިލެވުނީ ކިހައި ބާރަކަށް ކަމެއް ނޭގުނެވެ. އަތަށް އައީ ތަޅުގެ ތޮށިގަނޑެވެ. ކުރިއަށްވުރެން ބޮޑަށް އައިޝާ ބިރުގަތެވެ. ޔަގީނުންވެސް ދޮރު ހުޅުވުމުގެ އިހްތިޔާރު އައިޝާގެ ކިބައިގައި ނެތުނީއެވެ. އަތުގައި ހުރި ބާރެއްލާފައި ދޮރުގައި ތަޅަންފެށި އެވެ. ތަޅުލާފައި ހުރި ދޮރު ހުޅުވަން އެދި އާދޭސްކުރެވުނީ ގިސްލަމުންނެވެ. އެއީ ހިތްދަތިކަމުގެ ގިސްލުމެއްކަން ނުވަތަ ބިރުން ރޮވުނު ރޮވުމަކުން ގިސްލެވެންފެށީކަމެއް އައިޝާއަކަށް ނޭގެ އެވެ. 

"އަލީޒީ.. ދޮރުހުޅުވަބަލަ ...! ޕްލީޒް..! ޕްލީޒް.. ޕްލީޒް ދޮރުހުޅުވަބަލަ..!!" އަތްތިލާގައި ހުރި ބާރެއް ލާފައި އައިޝާ ދޮރުގައި ތަޅަމުން އާދޭސްކުރި އެވެ. 

އެތެރެއިން ތަޅު ހުޅުވުނު އަޑަށް އައިޝާ އަވަސް އަވަހަށް މޫނު ފޮހެލި އެވެ. ހަނި ގޮތަކަށް ހުޅުވާލި ދޮރުން އެތެރެއަށް އައިޝާއަށް ދެމިގަނެވުނު ގޮތް އޭނާއަށްވެސް ނޭގެ އެވެ. 

"ސުބުހާނަﷲ.." ދުލުން ބޭރުވީ ހަމަ އެންމެ ލަފްޒެކެވެ. 

އައިޝާގެ ދެފައި ދަށުން ބިންގަނޑު ދެމިގަތްހެން ހީވި އެވެ. މުޅި މީހާ ދާހިއްލަން ފަށައިފި އެވެ. ދެ ލޯ ފުސްވެ ކަންފަތް ބައްވިހެން ހީވުމުން ބޮލަށް އެނބުރުން އެރި އެވެ. 

ވަށައިގެން ހުދު މުށިޖަހާފައިވާ ފާހާނާގައި  ދިރޭ ފުރާނައެއް ޒަހަމްކޮށްލާފައިވާ ފަދަ އެވެ. ލެއަކީ ރަތް އެއްޗެއްކަން އައިޝާއަށްވެސް އެގެ އެވެ. އެކަމަކު ލޭގައި މިހުރިހައި ކުލައެއް އެކުލެވޭކަން އައިޝާއަށް އަންދާޒާކުރެވުނު މިއީ ފުރަތަމަ ފަހަރެވެ. 

ގަތްބިރުން އަނގަމަތީގައި އަތް އެޅުނެވެ. މޫނު ދޮންނަ ތަށީގައި ދެއަތް އަޅުވައިގެން ގުދަށް އޮތް އަލލީޒީ އައިޝާގެ ލޮލުގައި އަޅައިގަތީ ވޭނީ އާހެއްގެ އަޑު އެތަނުގެ ތެރެއިން އިވުމުންނެވެ. އޭރު އަލީޒީ އަރިއަޅައިލައިފި އެވެ. ތެޅިގަތްފައި އަލީޒީގެ މެދުހަށީގައި އައިޝާއަށް ބައްދައިގަނެވުނު ވަގުތު އައިޝާ އަރިއަޅައިލައިގެން ގޮސް ފްލަޝްޓޭންކްގެ އަރިމަތީގައި ވަރަށް ބާރަށް ބޯ ޖެހުނެވެ.

ނަމަވެސް ގަދަފަދަ ހިތްވަރެއް ލިބުނު ގޮތެއްވެސް ނޭގުނެވެ. ނުވެއްޓި ދެ ހަށިގަނޑު ސަލާމަތްކުރި އެވެ. މުޅި ފާހާނާގައި ވަނީ ލެ އެވެ. ކައްސާލައިގެން ވެއްޓުނަނުދީ، އަލީޒީވެސް ގައިގައި ލަފިކޮށްގެން ފާހާނާގެ ދޮރާ ހަމައަށް އާދެވުނެވެ. މުސްލިމް ޝަވަރުން ދެމީހުންގެ ފަޔަށް އައިޝާ ފެންޖެހީ އެ ހުރި ހާލުގައި ކޮޓަރި ތެރޭގައި ފައި އެޅެން ނެތީމަ އެވެ. 

އުނދަގުލުން ގެނެސް، އެނދުމަތީގައި އަލީޒީ ބާއްވާފައި އައިޝާ އަވަސްވީ، އަލީޒީގެ އަތާއި އަނގަމަތި ސާފުކުރާށެވެ. އަމިއްލަ ލޮލުން އޮހޮރެމުންދިޔަ، ކަރުނައިގެ ހަބަރެއް އައިޝާއަށް ވާހެނެއް ހިޔެއް ނުވެ އެވެ. ގަތްފައިވާ ބިރުން މުޅިމީހާ ތުރުތުރު އަޅަ އެވެ. 

...................

ބަލަމުންދިޔަ ފިލްމު ނިމިގެން، ފިލްމުގެ ތަރިންނާއި މަސައްކަތްތަކާގުޅޭ ހުރިހައި ތަފްސީލެއް ބަރިއަކަށް އަރަމުންދިޔަ އެވެ. ފިލްމުގައި ހިމާނާފައިވާ ހިތްގައިމު ލަވައެއްގެ ހަމަހިމޭން މިއުޒިކް ސިޓިން ރޫމްތެރޭގައި ހިފާލާފައިވަނީ ދެ ހިތަކަށް އަރާމް އިހްސާސްކުރުވަމުންނެވެ. 

ސިޓިންގރޫމްގެ "ރަގް" މަތީގައި ބާއްވާފައިވާ ބީންބޭގް ތެރެއަށް ގުޅަވެގެން އަޔާން އޮތީ އަތެއް ފައެއް ތަޅުވާލަން ބޭނުންނުވާތީއެއް ނޫނެވެ. އެކަމަކު، އެ އޮތްގޮތް ނޫން އެހެން ގޮތަކަށް ކިރިޔާ ހިރިލިޔަސް، އަމީރާގެ އަރާމް ނިންޖަށް ތުރާލެއް ވެދާނެކަމަށްޓަކަ އެވެ. 

ފިލްމް ނިމިގެން ފަސްމިނެޓް ދިޔައިރުވެސް ފެންނަމުންދިޔަ ކަޅު ސްކްރީންގެ މަންޒަރަށް ބަދަލެއް ނާދެ އެވެ. އުނަގަނޑާއި ދެފައި އަދި ބުރަކަށި އައްސިވިތާ ކިތަންމެ އިރެކެވެ. މާދަމާ ހެނދުނު އަމީރާގެ ޑިއުޓީ އޮތަސް އެހައި ލަސްގަޑިއެއްގައި އަޔާންއާއި ބައްދަލުކުރަން އެ އައީ ކީއްވެކަން ހިތައް އެރުމުން އަޔާން ހިނިތުންވި އެވެ. އާންމު ގަޑިތަކަށްވުރެން ބުރަކޮށް ހޮސްޕިޓަލުގައި އަޔާން ވަގުތު ހޭދަކޮށްފިނަމަ އެކަމެއްގެ ހަބަރު އަމީރާ އޮޅުންފިލުވާނެކަން އަޔާންއަށް އިގެ އެވެ. އިއްޔެގެ އޮޕަރޭޝަންގައި ބަލިމީހާގެ ފުރާނަ ސަލާމަތްނުކުރެވި، އަޔާންގެ ޓީމަށް ލިބުނު މާޔޫސްކަމުގައި އަމީރާ ބައިވެރިވަނީ އެވެ.

އަޔާން  އެކަންކަމާއިމެދު ވިސްނާ ފިކުރުކުރަން ފުރުސަތު ނުދިނުމަށް އަބަދުވެސް އަމީރާކުރާ ހިތްވަރަށް އަޔާން ޝުކުރުވެރިވެ އެވެ. 

މަންމައާއި ވަކިން ހޭދަކުރެވުނު ދިގު މުއްދަތުގައި ކިޔެވީ އިންތިހާއަށް ބުރަކޮށެވެ. އަދި ތައުލީމުގެ ހުރިހައި މަރުހަލާއެއް ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު އިނގިރޭސިވިލާތުގެ އެންމެ ހައިބަތު ބޮޑު ހޮސްޕިޓަލްތަކުގެ ތެރެއިން އެއް ހޮސްޕިޓަލުގައި މަސައްކަތްކުރަން ލިބުމަކީ އަޔާންއަށް ގަބޫލުކުރަން ދަތިވި، ބޮޑު ކާމިޔާބެކެވެ.

މަންމައާއި ވަކިން ހޭދަކުރަން މިޖެހޭ އިތުރު ތިނެއް ނުވަތަ ހަތަރު އަހަރުގެ ތައުލީމާއި ތަޖުރިބާގެ މި ދުވަސްވަރަކީ މުޅިން ތަފާތު، އުނދަގޫ ދަތުރެއްކަން އަޔާންއަށްވެސް އިގެ އެވެ. ލިބެމުންދާ ފައިސާއާއި މަގްބޫލްކަމާއި ތަނަވަސްކަމަކީ އަޔާންއަށް މުހިއްމުކަންކަމެއް ނޫނެވެ. މަންމަގެ ހިޔާލްތަކުން އަޔާންގެ ސިކުނޑި ހުސްވާ ވަގުތެއް ދުނިޔެއިން ފާއިތުނުވެ އެވެ. ކަންކަން މުޅިން ރަގަޅު ނޫންކަން އަޔާންއަށް އިހްސާސްކުރެވެ އެވެ. މަންމަގެ މިޒާޖާއި މަންމަގެ ނިންމުންތައް ހުންނާނެގޮތް އަޔާންއަށް އެހެން މީހަކު ކިޔައިދޭކަށް ނުޖެހެ އެވެ. 

އިތުރު ތަކުލީފެއް ނުދިނުމަށްޓަކައި ބޮޑުދައިތައާއި އަންކަލް ގާތުގައި ސީދާސީދަލަށް އަޔާން ނޭހިޔަސް، މަންމަގެ ހާލަތު އެ މަންމަގެ އަޑުންވެސް އަޔާންއަށް ޔަގީންވެ އެވެ. ކަށަވަރުނުވަނީ، އެންމެ ކަމެކެވެ! އެއީ ޖަވާބު ނުލިބޭނެ ސުވާލެކެވެ. އަޔާންއަށް އޮތީ އެންމެ ގޮތެކެވެ. މަންމަގެ އުއްމީދުތައް ފުރިހަމަކޮށްދިނުމަށްފަހު ވީ އެންމެ އަވަހަކަށް މަންމަގެ ގާތަށް ދިއުމެވެ. އެކަމަށް ކެތްތެރިކަން ބޭނުންވަނީ އިންތިހާއަށެވެ. 

އެކަނިވެރިވެ، ފިކުރުބޮޑުވާނެ ހުސްވަގުތުތައް، އަޔާންގެ ހަޔާތަށް ކުރިމަތިވެދާނެކަމަށް އުފެދުނު ބިރު ފިލައި ދިޔައީ، ދުވަހުގެ ބްރީފިންގެ ތެރެއިން އަމީރާއާއި ދިމާވި ދުވަހުން ފެށިގެންނެވެ. އޭރުންސުރެން ދެމީހުންގެ ދެމެދުގައި އުފެދިފައިވަނީ ހާއްސަ ގުޅުމަކާއި ގާތްކަމެކެވެ. 

.................

ވައި މަޑު، އުޑުމަތި ބަނަ ދުވަހެކެވެ. ކަނޑުގެ ރާޅުތަކުގެ ހިމަކޮޅުން ހުދުފޮނު ފެނިލަ އެވެ. މުންޝިރް ޗެކްކުރަމުންދިޔައީ އެންމެ ފަހުގެ ތައްޔާރީތަކެވެ. ސަލާމަތީގޮތުން ފަތުރުވެރިންނާއި ފަޅުވެރިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ހުރިހައި ފިޔަވަޅެއް ފުރިހަމަކަން ޔަގީންވުމުން އެކަމާބެހޭ ލިޔުމުގައި ސޮއެކުރި އެވެ. ކުރިއަށް އޮތް ފަނަރަ މިނެޓްތެރޭގައި  މިއަދުގެ މަންޒޒިލަށް ދަތުރު ފަށަންވީ އެވެ.  ކަނޑުއަޑީގެ ހިތްގައިމުކަމާއި ރާއްޖޭގެ ފަރުތަކުގެ ނަލަ ކުލަތަކާއި ދިރުންތައް ދެކިލުމަށް އެ މަންޒިލްތަކަށް ދަތުރުކުރުމަކީ ވަޒީފާއަކަށްވުރެން ބޮޑަށް، އެކަމަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުން މުންޝިރް ދޫކޮށްނުލި ޒިންމާއެކެވެ. އެއީ އޭނާއަށް އެތައް ގޮތަކުން ހިތްހަމަޖެހުން ގެނުވާ މަސައްކަތެކެވެ. ޑައިވިން ދޯންޏަށް ފަތުރުވެރިން އަރައި ހަމަވުމާއެކު މުންޝިރްވެސް މިސްރާބްޖެހީ އޮޑިއަށެވެ.

ހަމައެވަގުތު މުންޝިރްގެ ފޯނު ރިންގްވި އެވެ. ސްކްރީނަށް ބަލައިލާފައި ހައިރާންވެފައި ހުރެވުނެވެ. ސްކްރީނުން ފެންނަން އޮތް ނަމަށްވުރެން ބޮޑަށް މުންޝިރަށް ބަލައިލެވުނީ ގަޑިއަށެވެ. ދަތުރުގެ ވަގުތުތައް އައިޝާއަށް އިނގޭނެ އެވެ. އެގަޑިތަކުގައި އައިޝާ ކޯލް ކުރުމަކީ އާންމުކަމެއްނޫނެވެ. މިގަޑީގައި ގުޅަނީ ކީއްވެތޯ ސުވާލުއުފެދުނެވެ. ރޭގައި ނިދަމުން ބުނެފައިވަނީ ދަތުރު ނިންމާފައި އައިސް މުންޝިރުގެ ހުސްވަގުތުގައި އައިޝާއަށް ގުޅާލުމަށެވެ. ސުވާލުއުފެދިފައިހުރެވެސް ކަންފަތުގައި ފޯނު  ޖައްސާލި އެވެ. އެއްޗެއް ނުބުނެވި އުޅެނިކޮށް އިވުނީ އައިޝާގެ އަޑެވެ.

ވަށައިގެން އޮތް މަސިންގާ ކަނޑުގެ ބިޔަ ރާޅެއް މުންޝިރްގެ ބޮލަށް ބިންދާލިފަދަ އެވެ. ލިބުނު ހަބަރުން އޮއްދާހިއްލައި ތުރުތުރު އަޅަންފެށި އެވެ.

..........

ނިދުނީ ކޮންކިއަރު ކިހިނެއްކަމެއް ނޭގެ އެވެ. އަޔާންއާއެކު އަމީރާވެސް އޮތީ ފިލްމް ބަލާށެވެ. ހީޓަރުޖައްސާފައި ހުއްޓަސް، މެންދަމުގެ ފިނިކަން އަމީރާގެ ހަށިގަނޑު ކަންނެއްކޮށްލި އެވެ. ދުވާލުގެ ވަރުބަލިކަން ހަނދާންނެތުނީ އަޔާންގެ މަޑުމަޑު ހިއްގައިމު އިނގިލިތަކުން އަމީރާގެ ބޯ މަސާޖުކޮށްލަން ފެށުމުންނެވެ.

ދެމީހުންވެސް ތިބީ އަޔާންގެ ފޭވަރިޓް ބީންބޭގް ތެރޭއަށް ބޮނޑިވެލައިގެންނެވެ. މަޑުމަޑު ބްލޭންކެޓެއް ގައިގައި އޮޅާލައިގެން ކުރިއަށްވުރެން އަޔާންއާއި ގާތަށް އަމީރާ ޖެހެލި އެވެ. ހީޓަރުގެ އަރާމަށްވުރެން އަޔާންގެ ހަށިގަނޑުގެ ހޫނުކަން އަބަދުވެސް އަމީރާއަށް ހިތްގައިމުކަން ލިއްބައިދޭތީ އެވެ. ރާއްކާތެރި ދެއަތުގެ ތެރޭގައި އަމީރާ ބޮނޑިވެލި އެވެ. ފިލްމުން ފެންނަމުންދިޔަ ލޯބީގެ މަންޒަރު ދެ ހިތުގެ ހިއްސުތަކާއި ގޯނާކުރަމުންދާކަން، އެކަކަށްވެސް ބުނާކަށް ނުކެރުނެވެ. ސްކްރީނުން ނަޒަރު އެއްފަރާތް ނުކުރެވެ އެވެ. އެކަމަކު ކޮންމެ ވަގުތެއްގައި ކޮންމެ ވާހަކައެއް ދައްކަންވެސް އަޔާންގެ ހުއްދައަކަށް އަމީރާ ބޭނުމެއް ނުވާނެ އެވެ. ކުޑަކުއްޖެއް ފަދައިން އަޔާންގެ އުނގުތެރެއަށް ބޮނޑިވެލީ އިހްތިޔާރަކު ނޫނެވެ. 

ގަދަ ނިދީގެ ތެރެއަށް ދަތުރުކުރެވުނުކަން ނޭގުނަސް، ލޯތްބާއެކު މަޑުމަޑުން އަމީރާގެ ހަށިގަނޑު އަޔާން އުފުލާލިވަގުތު ހޭލެވުނެވެ. ކަންނެއްކަމާއެކު އެސްފިޔަތައް ހުޅުވާލަން މަސައްކަތްކުރި އެވެ. އެވަގުތަކީ އަޔާންގެ އަތުގެ ތެރޭގައި އަރާމްކޮށް އަމީރާ ހަމަޖައްސާލި ވަގުތެވެ. ކުރެވުނު އހްސާސްގައި އަޔާންގެ ކަނދުރާގައި އަމީރާގެ ދެއަތް އޮޅައިލި އެވެ. 

ޓްރިމްނުކޮށް ދެދުވަސްވެފައިވާ ތުނބުޅީގެ އިސްތަށިތައް ތުނިތުނި މޫނުގައި ދޭތެރެއަކުން ބީހިލަ އެވެ. ކުރެވެމުންދިޔަ އިހްސާސްތައް ބަޔާންކުރާން އަމީރާ ނުކުޅެދުނެވެ. 

ފަރުވާތެރިކަމާއެކު މަޑުމަޑުން ހިނގާލާފައި އައިސް، އަޔާންގެ ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވާލާފައި އަމީރާ ގޮވައިގެންވަނެވެ.

ހޭލެވިދާނެކަމަށް ނުހަނު ސަމާލުވެގެން މަޑުމަޑުން، އަޔާންގެ އެނދުގައި އަމީރާ ބާއްވާލި އެވެ. ހޭލެވިފައިވާކަމުގެ އިޝާރާތެއް އަމީރާ ނުދެ އެވެ. މެހެމާނުންގެ ކޮޓަރިއަށް އަމީރާ ނުގެންދިޔައީ އެތަން ފޮޅައި ސާފުނުކޮށް އޮތުމުންކަން އޭނާއަށް އެގެއެވެ. 

"ވެލް... ޑޮކްޓަރ ޕްރިންސެސް އަމީރާ! އައި ޑޯންޓް ހޭވް އެނީ އެކްސްޓްރާ ރޫމް ޓު ގޯ، ސޯ ޔޫ ހޭވް ޓު ޝެއަރ ދިޒް ބެޑް ވިތް މީ!" އަމީރާގެ ނިއްކުރީގައި ކިސްކޮށްލަމުން މަޑުމަޑުން އަޔާންބުނީ ހިނިތުންވަމުންނެވެ. ފަހަރަކު ކޮލެއްގައި އަދި ނޭފަތު ކުރީގައި އަޔާން ކިސްކޮށްލި އެވެ. 

"ވިތް ޕްލެޝަރ ޑޮކްޓަރ ހޭންޑްސަމް އަޔާން.." ލޯތްބާއެކު ނިދިއަޑަކުން އަމީރާ ބުނެލި އެވެ.

ބަރުގޮތަކަށް އަމީރާ އެސްފިޔަތަށް ހަލުވާލި އެވެ. ސީދާ އަޔާންގެ ލޮލަށް ނަޒަރު ހުއްޓާލީ ތަފާތު އިހްސާސަކާއެކު އެވެ. ތިރީ ތުންފަތުގައި ދަތް އަޅައި ބާރުކޮށްލަމުން އަމީރާއާއި ގާތަށް އަޔާން ޖެހިލި އެވެ. މަޑުކަފަކޮޅެއްގައި ލޯތްބާއެކު ފިރުމާލާފަދައިން އަމީރާގެ ކޮލުގައި އަޔާންގެ ބޮޑުވައި އިނގިލިން ފިރުމާލި އެވެ. ލިބުނު އަރާމުން އިތުރަށް އަމީރާ ގާތްވެލީ ވަގުތުގެ އަސަރުގަ އެވެ. 

"ޔޫ އަރ ސޯ ބިއުޓިފުލް ޕްރިންސެސް" އެސްފިޔަ ޖަހައިނުލައި އަޔާން ބުނެލީ އަމީރާގެ ކުލަބަދަލުވަމުންދިޔަ ޖަންބުކުލައިގެ މޫނަށް ބަލަމުންނެވެ. ލަދުވެތިކަމާއެކު އަމީރާގެ އެސްފިޔަތައް ތިރިކޮށްލި އެވެ. 

...........

ވަރުބަލިކަމާއެކު އެސްފިޔަތައް ތިރިކޮށްލައިގެން އޮތް އަލީޒީގެ ވަރުދެރަވެފައިވާ މޫނަށް އައިޝާ ބަލައިލި އެވެ. ސައިޑްޓޭބަލްމަތިން ތަށި ހިއްލާލާފައި އަލީޒީގެ އަރިމަތީގައި އައިޝާ ހަމަޖެހިލި އެވެ. ބަތްޕެންކޮޅު ހިހޫ ކޮށްލުމަށްޓަކައި ކުޑަކޮށް، ސަމްސަލުން ތަޅުވާލާފައި އައިޝާ އެނބުރެލީ ޓިޝޫއެއް ނަގާށެވެ.

ނަމަވެސް ޓިޝޫފޮށި ހުރީ ހުސްވެފަ އެވެ. ދެން ބަލައިލެވުނީ އެންމެ ތިރީ ވަތްގަނޑަށެވެ. އަބަދުވެސް އިތުރަށް ޓިޝޫ ފޮއްޓެއް އަލީޒީ ގެންގުޅޭނެކަން އައިޝާއަށް ޔަގީންވާތީ އެވެ. ދެ ވަތްގަނޑަށް ވާގޮތަށް ހަދާފައިވާ ސައިޑްޓޭބަލްއަކީ ހަމައެކަނި އަލީޒީއަށް ހާއްސަ ދެ ވަތްގަނޑެވެ. ތަޅުލާފައި ނެތަސް، އެއީ ތަފާތުގޮތަކަށް އަލީޒީ ބަލަހައްޓާ ދެ ވަތްގަނޑުކަން އައިޝާއަށް އެގެ އެވެ. އެއިން ވަތްގަނޑެއް ހުޅުވަން، ނުވަތަ އެއިގެ ހަގީގަތެއް ހޯދަން އައިޝާ ދުވަހަކުވެސް ހިތަކަށް ނާރަ އެވެ. އަލީޒީއަށް އިހްތިރާމްކުރުމުގެ ގޮތުންނެވެ. 

ނަމަވެސް މިއަދު އެތަން ނުހުޅުވާ އައިޝާއަށް އެހެން ގޮތެއް ނެތުމުން ހިތް އެދުނު ވަތްގގަނޑު ހުޅުވާލި އެވެ. ފެނުނީ ޓިޝޫ ފޮއްޓެއް ނޫނެވެ. ލޯ ކުރިމައްޗަށް ފެންނާން އޮތް ބަނޑޭރިގަނޑަށް އައިޝާގެ ނަޒަރު ހުއްޓުނެވެ.

-ނުނިމޭ-

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް