މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުކަމުގެ މަގާމަށް އަޙްމަދު މުނައްވަރު ހަމަޖެއްސެވުމާމެދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މި މަހުގެ 22 ގަ އެވެ.
މުނައްވަރަކީ މީގެ ކުރީން މިނިސްޓަރ އޮފް ފައިނޭންސްގެ މަގާމު ފުރުއްވަވާފައި ބޭފުޅެކެވެ. މިހާރު އެމަނިކުފާނު ހުންނެވީ އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފައިނޭންސްގެ މަގާމުގަ އެވެ.
މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީން ވަނީ މުނައްވަރާ އިންޓަވިއުކޮށްފަ އެވެ. އެ އިންޓަވިއުއަށްފަހު މުނައްވަރު އެ މަގާމަށް އައްޔަން ކުރަން 70 އަށް ވުރެ ގިނަ މާކްސް ލިބިފައިވާ ކަމަށް ކޮމިޓީން ނިންމި އެވެ.
އެގޮތުން އެ މަގާމަށް މުނައްވަރު އައްޔަން ކުރަން ފެންނަ ކަމަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ.
މި ހުށަހެޅުން ފާސްވީ ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ގަވަރުނަރުގެ މަގާމުގައި ކުރިން ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކިކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާއަށް މަޖިލީހުން މަޝްވަރާދެއްވާފައިވާތީ އެ މަގާމުން އަލީ ހާޝިމް ވަކިކުރެއްވީ 22 ވަނަ ދުވަހު އެވެ.