މާޗް 2015 ގައި މުންޑޫގައި ހިންގި މާރާމާރީއެއްގައި ޒިޔަދަމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ އެ ރަށު ހީނާވިލާ މުހައްމަދު ޝަނޫނާއި އެ ރަށު ބީޗްވިލާ އަލީ ސިފާމްގެ މައްޗަށެވެ. އޭގެ ތެރެއިން ޝަނޫންގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެ، މަރުގެ ހުކުމް ކްރިމިނަލް ކޯޓުން އިއްވިއިރު، ސިފާމްގެ މައްޗަށް އިއްވީ އެކަމުގައި ބައިވެރިވުމުގެ ކުށުގައި 25 އަހަރުގެ ޖަލު ހުކުމެކެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ސިފާމްގެ މައްޗަށް އަދަބު ކަނޑައަޅަން ޖެހޭނީ ގާނޫނުލްއުގޫބާތުގެ ދަށުން ކަމަށް އޭނާގެ ފަރާތުން ބުނެފައި ވިޔަސް، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް އަދަބު ކަނޑައެޅި ކަނޑައެޅުން ރަނގަޅު ކަމަށެވެ. އަދި ކުށުގައި ބައިވެރިވުން މާނަ ކުރުމުގައި ދަށު ކޯޓުން ގާނޫނުލްއުގޫބާތަށް ހަވާލާ ދިނަސް، އަދަބު ކަނޑައެޅުމުގައި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނަށް ބެލޭނެ ކަމަށް ހުކުމުގައި ވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ހުޒައިފާ އެވެ.
ހުކުމުގައިވާ ގޮތުން ޒިޔަދަމަށް ހަމަލާދޭން ފެށުމުން ސަލާމަތްވުމަށްޓަކައި އޭނާ ފިލަން ދުއްވައިގަތުމުން އޭނާގެ ގައިގައި ހިފެހެއްޓީ ސިފާމް ކަން ހެކިންގެ ބަހުން އެނގޭތީ ޒިޔަދަމްގެ މަރުގައި ސިފާމްގެ ބައިވެރިވުން އެބައޮތެވެ.