ޔޫތް މިނިސްޓަރު އިބްރާހީމް ވަހީދު މިކަން ހާމަކުރެއްވީ މީޑިއާ ޕްރޮގްރާމަކަށް މައުލޫމާތު ދެއްވަމުންނެވެ.
އާޓްސް ސެކްޓާ އެހެން ހަރުފަތަަކަށް ގެންދިއުމުގެ ގޮތުން ރައީސް ޑރ. މުއިއްޒު، 25 މިލިއަން ރުފިޔާ ޔޫތް މިނިސްޓްރީގެ ބަޖެޓުގައި ހިމަނުއްވާނެކަމަށް ވިދާޅުވެފައިވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އޭގެ ސަބަބުން އެ ސިނާއަތަށް ބޮޑު ތަރައްގީއެއް އަންނާނެކަމަށެވެ.
އާޓް ސެކްޓާގައި މަސައްކަތް ކުރާ ފަރާތްތަކަށް އިތުރު ތަނެއް ބޭނުންވާކަމަށް އެދުމުން ރައީސް އެކަންތައް ހަމަޖައްސާދޭނެކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
އާޓިސްޓުނަށް ހަމަޖައްސައްސާދޭން ނިންމާފައިވާ އާ ތަނަކީ ހުޅުމާލޭގައި އެސްޓީއޯ ހޮޓާ މިވަގުތު ހުރިތަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީޑިއާތަކުގެ އޮފީސްތަކަށް ހުޅުމާލެއިން ބިމެއް ހަމަޖެހިފައިވާކަން ފުރަތަމަ އިއުލާންކުރީ ޕީއެސްއެމްގެ އަހަރީ ދުވަހާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދެއްވި އިންޓަވިއުއެއްގަ އެވެ.
އެ އިންޓަވިއުގައި ނައިބު ރައީސް ވަނީ ނޫސްވެރިންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އަމިއްލަ މީޑިއާތަކުގެ ހަރަދު ދެކޮޅު ނުޖެހުމުގެ ސަބަބުން ހިންގުމަށް ހުރި ހުރަސްތައްކަން ފާހަގަކޮށްފައެވެ. އަދި ބޮޑު އަގުގައި އޮފީސްތައް ކުއްޔަށް ނަގައިގެން މަސައްކަތް ކުރުމަކީ ވެސް ދަތިކަމެއް ކަން ނައިބު ރައީސް އެ އިންޓަވިއުގައި ވިދާޅުވި އެވެ.
މީޑިއާ ވިލެޖުގައި ކެފޭ އާއި ޖިމްތައްވެސް ގާއިމްވެގެނދާނެކަމަށް ފާހަގަކޮށް ޔޫތް މިނިސްޓަރު ވިދާޅުވީ ފުރިހަމަ މީޑިއާ ވިލެޖެއް ރައީސް މުއިއްްޒުގެ މިދައުރުގައި ގާއިމްވެގެންދާނެމަަށެވެ.