ads
އިބްރާހިމް ފަލާހު (އިނގުރައިދޫ ދާއިރާ)
މަޖިލީހުގެ ގެދޮރުވެރިކަމާ ބެހޭ ކޮމިޓީގެ މުގައްރިރަކަށް ފަލާހް
ރައްޔިތުންގެ މަޖިލީހުގައި މުޅިން އަލަށް ގެދޮރުވެރިކަމާ ބެހޭ ކޮމެޓީއެއް އުފައްދައި މުގައްރިރަކު ހޮވައި މަސައްކަތް ފަށައިފި އެވެ.
Advertisement

އެ ކޮމިޓީގެ މުގައްރިރަކަށް ހޮވީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ. ނައިބު މުގައްރިރަކީ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސައިން އިމްރާން ލަތީފެވެ.

ކޮމިޓީގައި 11 މެމްބަރުން ތިއްބަވާއިރު، މެމްބަރުން ކަނޑައެޅުމުގައި މާލޭގެ އިތުރުން ކޮންމެ ސިޓީއަކުން މަޖިލިހުގެ މެމްބަރަކު ކަނޑައަޅަން އިސްކަން ދިނެވެ.

ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން:

  • ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް
  • ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް
  • މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު
  • މާފަންނު މެދު ދާއިރާގެ މެންވަރު އަސްމާ ރަޝީދު
  • ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް
  • ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު
  • އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު
  • ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު
  • ހިތަދޫ އިތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން
  • ގަލޮޅު އިތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް
  • ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

އެ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަޖިލީހުގެ ގަވައިދުގެ 134ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި، ގެދޮރުވެރިކަމާ ގުޅުން ހުރި ކަންކަން ދިރާސާކޮށް، އެ މައްސަލަތައް ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ސަރުކާރަށް ލަފާ ދިނުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އަވަހަށް ނިންމުމަށް ސަރުކާރަށް ބާރުއެޅުން ހިމެނެ އެވެ.

ކޮމިޓީގެ އިތުރު ބައެއް މަސްއޫލިއްޔަތުތައް:

  • ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްދާ ގޮތް ބަލައި، އެ މަޝްރޫއުތަކާ ގުޅޭގޮތުން ފާހަގަވާ މައްސަލަތައް ދިރާސާކޮށް، އެ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރަށް ލަފާ ދިނުން
  • ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ހައްގު ހަމަހަމަކަމާއެކު ލިބޭތޯ ބެލުން
  • ބޯހިޔާވަހިކަމާގުޅޭ ގައުމީ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލެއް އޮތްނަމަ އެކަމެއް ފާހަގަކޮށް، މަޖިލީހަށް ހުށަހެޅުން
  • ގެދޮރުވެރިކަމާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާކުރުން

އެ ކޮމިޓީ އެކުލަވާލުމަށް މަޖިލީހުން ފާސްކުރީ 79 މެންބަރުންގެ ވޯޓުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް