ads
ދޫކޮށްފައި ނުދާށޭ.. - 25 ވަނަ ބައި
އެޕިސޯޑް 25
Advertisement

ހޯމަ ދުވަހުގެ އަދަދާއި ގުޅޭ

"އަހަރުމެން ތިން މީހުންގެ އިތުރުން އަލީޒީގެ މަންމަވެސް ދުނިޔޭގައި އެބަހުރި.. މައާފަށް އެދެން ތައްޔާރަށްވެސް ހުރެދާނެ... މާމަދަރިފުޅު ދެކިލަން ބޭނުންވެފައިވެސް ހުރެދާނެ..! މާލެއަށް ގޮސް، މަންމައާއި ބައްދަލުކޮށްލެވިއްޖެއްޔާ ފަހަރެއްގައި އިތުރު ހިތްހަމަޖެހުމެއް ލިބުމަކީވެސް އެކަށީގެންވާ ކަމެއް..! ލޭގެ ގުޅުމަކީ އަހަރުމެން ހީކުރާވަރަށްވުރެން މާ މާތް، ބާރުގަދަ ގުޅުމެއް..!" ވަރަށް ބިރުންހުރެފައި އައިޝާގެ ހިޔާލް އޭނާ ހުށަހެޅި އެވެ.

އެކަމަށް އަލީޒީ ފާޅުގައި ދެކޮޅު ހަދާނެކަން އެނގިހުރެވެސް އައިޝާ ބޭނުންވާ ގޮތް ބުނެލީ އެވެ. އެތައް ދުވަހެއްގެ މަސައްކަތުންވެސް ފާޅުނުކުރެވި އޮތް ހިޔާލެއް ހުށަހަޅައިލެވުމުން ލިބުނު ހިތްހަމަޖެހުމުގައި ލުއިގޮތަކަށް ހިނިތުންވަމުން މާނޭވާއެއް ދޫކޮށްލި އެވެ. އައިޝާއަށް ނޭގި އޮތް ހަގީގަތަކީ އެކަމަށްވެސް އަޔާންގެ ހައްގުގައި އަލީޒީ މަސައްކަތްކުރިކަމެވެ.

"އާއިލާއަކީ ހަމައެކަނި ލޭގެ ގުޅުމުން ބިނާކޮށް އާރާސްތުކުރާ ގަނޑުވަރެއް ނޫން...! އެއީ ތިމާ، ގޮތްހުސްވެ، ނިކަމެތި ހާލުގައި ޖެހޭވަގުތުގައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލާ އިހްލާސްތެރިން...! އަހަރެންގެ ހަޔާތުގައި ލޭގެ ގުޅުމަށްވުރެން މާތް ގުޅުމެއް މާތް ﷲވަނީ މިންވަރު ކުރައްވާފައި..! މަންމައަކުވެސް ބައްޕައަކުވެސް ދަރިއަކަށް ނުދޭނެ އިއްޒަތާއި ގަދަރު ތިޔަދެމަފިރިންގެ ފަރާތުން އަހަރެންނާއި އަހަރެންގެ ދަރިފުޅަށް ލިބިއްޖެ! އަހަރެންގެ އާއިލާއަކީ މިއީ..! އަހަރެންގެ ގެއާއި ގެދޮރަކީވެސް މިއީ..! އަހަރެންގެ މުދަލާއި ތަނަވަސްކަމާއި އުފަލަކީވެސް މިއީ..!" އަލީޒީގެ އަބަދުގެ ނިންމުން ތަކުރާރުކޮށްލި އެވެ. ބުނާނެ އެއްޗެއް ނޭގިފައި އިރުކޮޅަކު އައިޝާއަށް ހުރެވުނެވެ. އަނެއްކާވެސް ދަތްދޮޅި އުފުލާލާފައި، މިސްރާބަށް ތީރު އަމާޒުކޮށްލި އެވެ.

"އެންމެ ފަހަރަކު ޑޮކްޓަރަށް ދައްކާލަނ މ ލ..." ވަރަށް މަޑުމަޑުން ވައިއަޑުން ކަހަލަ ގޮތަކަށް އައިޝާ ބުނެލީ، އަޅައިގެން ހުރި ބުރުގާގެ ކަން އަތަށް އޮޅައިލަމުންނެވެ. 

"ކިތައް އެންމެ ފަހަރަކު..؟ ކިތަންމެ ވަރަށް ޑޮކްޓަރަށް ދެއްކިޔަސް، އަހަރެންގެ މި ބައްޔެއް ރަގަޅެއް ނުކުރެވޭނެ.. މިއަދު އަހަރެންގެ އުފަލަކީ އަދި އެންމެ އެދޭގޮތަކީވެސް މި ރަށުގައި، އައިޝާއާއިއެކު، އުމުރުގެ ކުރިއަށް އޮތް ބައި ހޭދަކުރުން.. އެކަމަކު މާތްﷲގެ ރަހްމަތްފުޅާއެކު އަޔާންއާއި ދިމާވެ، އެދަރިފުޅުގެ އެދުމަކީ އަހަރެން ގޮވައިގެން މާލެދިއުން ކަމަށްވާނަމަ، އެކަމަށް ދެކޮޅު ހަދާކަށް ބޭނުމެއްނޫން.. އެކަމަކު އެވަގުތަކުވެސް އަހަރެންގެ އުފަލަކަށްވާނީ ބަލިއެނދުގައއި ނަމަވެސް މި ރަށުގައި އޮތުން.." ދެމީހުންގެ ލޮލުން އިހްތިރަކާއި ނުލައި ހޫނު ކަރުނަ ދެމިގަތެވެ. އެޖުމުލައިގައި އަޔާންގެ ނަން ގެނައީ ކީއްވެކަން، އަލީޒީ ނުބުންޏަސް އައިޝާއަށް  އިނގެ އެވެ. 

"ފަނޑު ގޮތަކަށް އެންމެ އިޝާރާތެއް ކޮށްލިޔަސް، ވީ އެންމެ އަވަހަކަށް އަޔާން ހުންނާނީ މިރަށުގައި.. އެކަން އަހަރުމެންނަށް ޔަގީން.. އަލީޒީގެ ބަލީގެ ހަގީގަތް އަޔާން ގާތުގައި ބުނަން ދެކޮޅު ތިހަދަނީ ކީއްވެ..؟ ހަގީގަތް އެނގުމުގެ ހައްގެއް އަޔާންއަށް ނެތީތަ؟" އިހްތިޔާރަކާއި ނުލައި ބުނެވުނު ޖުމުލައާއި ކުރެވުނު ސުވާލުން އައިޝާގެ ދެ ލޯ ބޮޑުކޮށްލެވުނެވެ.

"އެންމެ ބޭނުންވެ، އެހެނަސް ދުނިޔޭގައި އަހަންނަށް ނުލިބުނީ އުއްމީދުކުރި ތައުލީމް..! ފުރިހަމަކުރަން ފުރުސަތު ނުލިބުނީ އެންމެ ކުޑައިރުއްސުރެން ދެކެވުނު ހުވަފެންތައް.. ބިނާ ނުކުރެވުނީ މުސްތަގްބަލް..! ތަނަވަސްކަންހުރެ، އުއްމީދާއި ހުވަފެންތަކުގައި ޖައްސާނެ ކުލައެއް ނުލިބުމަކީ ކިހައި ހިތްދަތިކަމެއްކަން، އަހަންނަށްވުރެން ބޮޑަށް އެނގޭނީ ކާކަށް..؟" ހިންދިރުވައިލަމުން އަލީޒީ ބަލައިލީ އައިޝާ ގެ ލޮލަށެވެ.

ހަތަރެސްފައިން ހީބިހި ނަގައިގެން ދިޔައީ އައިޝާ އުއްމީދު ނުކުރި ޖަވާބެއް ލިބުނީތީއެއް ނޫނެވެ. އަލީޒީގެ ލޮލުގެ ކުލަ ފެނުމުންނެވެ. ރަތްވެފައިވާ ދެލޮލުގައިވާ އިހްސާސްތައް ދެނެގަންނާކަށް އައިޝާއަކަށް ނޭގުނެވެ. 

"އަހަރެން ދުނިޔޭގައި މިހުރީ ހަމައެކަނި އަޔާންގެ އުއްމީދުތަކަށް ދިރުންލިބޭ އުފާވެރި މަންޒަރުދެކެނން.. އެ ދުވަސް ފެނިއްޖެ..! މިއަދު އަޔާންއަކީ މުޅިދުނިޔެ ފަހުރުވެރިވާފަދަ ކުޅަދާނަ ޑޮކްޓަރެއް..! ތަޖުރިބާގެ ދަތުރު ފުރިހަމަކުރާން ބާކީ އޮތީ އެންމެ ދެތިންމަސް..! އޭގެ ފަހުގައި އަޔާން ބޭނުމިއްޔާ، މިރަށުގައި ނުވަތަ މާލޭގައި ނޫނީ ދުނިޔޭގެ ކޮންމެ ބައްރެއއްގައި ދިރިއުޅުން އާރާސްތުކުރިޔަސް އަހަރެންގެ ހެޔޮ ދުއާ އާއި އުފާވެރި ހިނިތުންވުން ލާމެހިގެންދާނީ އެދަރިފުޅުގެ މުސްތަގްބަލަށް... މިތަނަށް ގެނެސް އަޔާންގެ ލޮލުން ކަރުނައަޅާ މަންޒަރު ދުށުމަށްވުރެން ރަގަޅު މިއަދު މިވަގުތު އަހަރެންގެ ދެ ލޯ މަރައިލާންވެސް.." އަލީޒީ ވާހަކަ ދެއްކީ ލަސްލަހުންނެވެ. ކިތަންމެ ހިތްވަރުކޮށްފައި ހިނިތުންވާން މަސައްކަތްކުރިޔަސް، ކަރުނައިގެ ކޯރު މާ ހަލުވި އެވެ. 

.................

ބުރަ ދުވަހެއްގެ ދިގު ޑިއުޓީގެ ތެރެއިން އެއްޗެއް ކާލަން އަޔާން ވަގުތުކޮޅެއް ހޯދި އެވެ. ހެނދުނު ސައިގެ ފަހުން އަދި ހަމަޖެހިލާނެ ވަގުތެއް ނުލިބެ އެވެ. ކާއެއްޗަކަށް އޯޑަރުކޮށްލާފައި އަޔާންވަނީ އޭނާގެ ކޮޓަރިއަށެވެ. ކުރިއަށް އޮތް ބައިގަޑީރަށް ހަމައެކަނި ކެއުން ނޫން އެހެން ކަމެއް، އަޔާންގެ ޝެޑިއުލްއަށް ނުލުމަށް އަޔާންގެ އެސިސްޓެންޓް ކެވިންއަށް އެންގި އެވެ.

ޑޮކްޓަރ އަޔާންގެ ކޮޓަރިއަކީ ތަރުތީބުކަމާއި ސާފުތާހިރުކަމަށް ނަން މަޝްހޫރު ހިތްގައިމު ކޮޓަރިއެކެވެ. އަޔާންއަށް ހާއްސަ ގޮންޑީގައި އިށީންދެ، މޭޒުމަތީގައި ފޯނު ބާއްވަމުން ހަމަޖެހިލި އެވެ. ނަޒަރު ހުއްޓުނީ މޭޒުމަތީގެ ކަނާތްފަރާތުގައި ބަހައްޓާފައިވާ ފޮޓޯ ފްރޭމަށެވެ. އެއީ އަލީޒީގެ މަދުން ނޫނީ ނުފެންނާނެފަދަ ހިތްގައިމު ހިނިތުންވުމެއްގެ މަންޒަރެވެ. ފެންކަޅިވެފައި އެ ފޮޓޯގައި އަޔާން ފިރުމާލި އެވެ.

"ވަރަށް ލޯބިވޭ މަންމާ..! މަންމަ ނެތް ދުނިޔެއެއްގައި އަޔާން ނޭވާލާނީ ކިހިނެއް؟" އަލީޒީއަށް ބަލައިލަމުން އަޔާން ބުނެލީ އަސަރާއެކު އެވެ.  

އެއަށްފަހު ބަލައިލީ ކުރިމަތީން ފެންނަންހުރި ފާރުގައި ހަރުކޮށްފައިވާ  އާއިލީ ފޮޓޯއަށެވެ. ދެ ލޯ ފޮހެލަމުން އެ ފޮޓޯއަށް އަޔާން ބަލައިލީ ހިތްދަތި އަސަރުތަކަކާއެކު އެވެ. ދެފަރާތަކަށް ބޯ ހަލުވައިލަމުން ގޮނޑީގައި ލެނގިލި އެވެ. 

"އަޔާންއަށް ހަގީގަތް ތި ފޮރުވަނީ ކީއްވެ..؟ މިއީ މަންމަގެ ހިތްވަރުގަދަ އަޔާން..! ބޮޑުދައިތައާއި އަންކަލް އެކަން ހަނދާން ނެތުނީތަ..؟ މަންމަގެ ވާހަކަދެއްކުމާއި، އެ އަޑުގެ ރިހުން މުޅި ދުނިޔެއަށް ސިއްރުކުރެވުނަސް، މި ދަރިފުޅަކަށް ސިއްރެއް ނުކުރެވޭނެ..! ހަގީގަތް އެނގުމުގެ ހައްގު އަޔާންއަށްވެސް އޮންނާނެ..! މަންމަގެ ބައްޔަކީ ކޮބައިކަން ނޭގުނަސް، މަންމަ ރަގަޅު ނޫންކަމާއި ކޮންމެވެސް ބޮޑު ވޭނަކުން އަ ޔާ ން ގެ މަ ން މަ..." މޭޒުމަތީގައި ދެ އުޅަނބޮށި ޖައްސާފައި ދެއަތުގެތެރޭގައި މޫނު ފޮރުވާލާފައި އަޔާން ރޯންފެށި އެވެ. 

ކަރުނަ ފޮހެދޭނެ މީހަކު ނެތަސް އެކަމާއި ޝަކުވާއެއް ނެތެވެ. ނަމަވެސް ނާއިންސާފާއި ދުނިޔޭގެ ކެހިވެރިކަމުން މަންމައަށް ލިބުނު އަނިޔާއަށް އިންސާފު ނުލިބުމުގެ ޝަކުވާ އަޔާންގެ ހިތަކުން ނުފިލާނެ އެވެ.

ލިބެމުންދިޔަ ނުތަނަވަސްކަމާއި ސިކުނޑިއަށް ވެރިވަމުންދިޔަ ބިރުވެރި ހިޔާލްތަކާއި ދުރައްދެވޭތޯ މި ދެތިން ދުވަހު އަޔާން ވަރަށް މަސައްކަތްކޮށްފި އެވެ. އެއިންކަމަކާމެދު އެއްވެސް މީހަކާއި މަޝްވަރާކުރަން ހިތް ބިރުގަންނަނީ، ވެރިވަމުންދާ ހިޔަލްތަކަކީ ހަގީގަތަކަށް ވެދާނެކަމަށްޓަކަ އެވެ. 

..................

"އަހަރެން ބިރުގަންނަނީ އަދި ޖެހިލުންވަނީ އަޔާން ކަންތައްކުރާނެ ގޮތެއް ހިތައްވެސް ނުގެނެވޭތީ.. އަހަރެންނާއި މުންޝިރަށް އެ ދަރިފުޅު މައާފުނުކޮށްފިއްޔާ އަހަރެންގެ އަމިއްލަ ނަފުސައްވެސް މައާފެއް ނުކުރާނަން.. މި ދުނިޔެއާއި މި މުޖުތަމައަށް އަހަރެން ދައްކާނީ ކޮން މޫނެއް..؟" އިސްޖަހައިލަމުން އައިޝާ ބުންޏެވެ. 

މުންޝިރާއި އައިޝާއަށް ކުރެވުނު މަޖުބޫރާއި އަޔާންއަށް ސިއްރުކޮށްދިނުމަށްއެދި ރޮއެ އާދޭސްކުރެވުނުވަރު އަލީޒީ ހަނދާނެއް ނުނެތެ އެވެ. 

"އަހަރެން ފަސްއެނބުރި ފެޔަށްޖެހެނީ އެހެންމީހުންނަށް ކަމެއް ސާބިތުކޮށްދޭކަށް ނޫން.. އެކަމަކު ދުނިޔެއިން އަހަރެންނަށް ފުދޭވަރަށް ފިލާވަޅުތައް ލިބި އެއިން އިބްރަތްތައް ދަސްވެފައިވާތީ..! އެއްވެސް މީހެއްގެ އެހީއާއި ނުލައި އަހަރެންގެ ހަޔާތުން ބާކީއޮތް މަދު ދުވަސްތައް ހޭދަކުރެވިދާނެ.. އެކަމަކު ތިޔަ ދެމަފިރިންނާއި އަޔާންގެ ނަފްރަތާއި ނުރުހުމާއި ޝަކުވާ ތަހަންމަލްކުރާނެ ހިތްވަރެއް މިހާރަކު ނެތް..!" ވަރުދެރަވެފައިވާ ހަރަކާތަކާއެކު އަލީޒީ ބަލައިލީ މީހެއްގގެ ހިތް ފަޅައިގެންދާހާ ވޭނީ ބެލުމަކުންނެވެ.

"ހެޔޮނުވާނެ އައިޝާ..! އަހަރެންގެ ފަހު ނޭވާ މިތަނުގައި ދޫކުރުމުގެ ފުރުސަތު އަހަންނަށް ފަހިކޮށްދީ..! އަހަރެންގެ މިބައްޔެއް ދެން ރަގަޅެއް ނުކުރެވޭނެ ދުނިޔޭގެ ކޮންމެ ބައްރަކަށް ދިއަޔަސް.. އެއްވެސް ބޮޑާހޭކުމެއް ނެތި، ގައިޑިން ގަޑިއަށް ބޭސް އެބަކަން..! އެކަމަށް ފަރުވާ ކުޑައެއް ނުކުރާނަން..! އައިޝާ ގެންނަ ކޮންމެ އެއްޗެއް ޝަކުވާއެއްނެތި އެބަ ކަން..! ކިތަންމެ ނުބައި ޖޫހެއް ގެނަޔަސް، ބޯލަން..! އަނޯނާއަކީ އަހަންނަށް ވަރަށް ނުބައި އެއްޗެއް... އެކަމަކު އެންމެ ފަހަރަކުވެސް އެއަށްވެސް، މޫނެއް ނުހަދަން..!" 

ކަރުނައިގެ ތެރެއިން ހިނިތުންވާން މަސައްކަތްކުރަމުން ކުޑަކުއްޖެއް ފަދައިން އަލީޒީ ވާހަކަދައްކަމުން ދިޔަ އެވެ. ބުނަމުންދިޔައީ ތެދު ވާހަކަތަކެވެ. ނަމަވެސް އެކުވެރިއެއްގެ ނުވަތަ ކޮށްކޮއެއްގެ ހައިސިއްޔަތުން އައިޝާއަށްވެސް އެއްޗެއް ނުބުނެ ނުހުރެވެނީ އަލީޒީއަށްޓަކަ އެވެ.

"އެންމެ ބޭނުމީ ލޯބިވާ މީހުންގެ ހާޒިރުގައި ހިނިތުންވަމުން ލޯ މަރައިލާން..! މިއީ އަހަރެންގެ ރެއާއި ދުވާލުގެ ދުއާ..! އަހަރެންގެ އަޔާންދެކެ ވަރަށް ލޯބިވޭ..!" އަލީޒީގެ ޖުމުލަ ނިންމާލިއިރު ކޮޓަރިތެރޭގައިވަނީ ގިސްލުމުގެ އަޑެވެ.

އެއަޑު ކަންފަތައް ފަސޭހަނޫނަސް، ކެތްކުރުން ނޫން ގޮތެއް އެކަކަށްވެސް ނެތެވެ. ތިބާއާއި ގާތް މީހަކކު ދުނިޔެއިން ނާއުއްމީދުވެ، އަމާންކަމުގެ ދާނެއްގައި ދާއިމަށް ލޯ މަރައިލާން ބޭނުންވެ އެކަމަށް ތައްޔާރުވަމުންދާ އަޑު އަހާކަށް އެކަކަށްވެސް ކުޅަދާނައެއް ނުވާނެ އެވެ. ނަމަވެސް މިއަޑުތައް އައިޝާގެ ސިކުނޑިވަނީ ހާސްކޮށްލާފަ އެވެ. 

"އަމިއްލަ މާޒީގެ ކުއްވެރިޔަކަށް ނުވެބަލަ..! ތާރީހަކީ ފިލާވަޅެއް، އެއީ ދުނިޔެއިން ނިމިދާން ހޯދާ ލައިސަންސެއް ނޫން.." އަލީޒީގެ ވިސްނުން ބަދަލުވޭތޯ އެއްޗެއް ބުނެލާފައި އައިޝާ ދުއްވައިގަތީ ދޮރުން ބޭރަށެވެ. 

............

ދިރިއުޅުމުގެ ކޮންމެ މަރުހަލާއެއް ވެއަތުވެގެންދަނީ ކެތްތެރިކަމާއި އިންތިޒާރުގަ އެވެ.  އަޔާން ޑިއއުޓީ ނިންމާފައި އަންނާނެ ވަގުތެއްގެ އިންތިޒާރުގައި އަމީރާގެ ވަގުތުތައް ގުނަމުންދިޔަ އެވެ. ހެނދުނު ދިޔަގޮތަށް އަޔާންގެ ޑިއުޓީ ނިންމާފައި، އަނެއްކާވެސް އިމަޖެންސީއެއް ދިމާވެގެން ދާންޖެހުނީ އެވެ. ރޯޔަލް ޕެޕްވޯތް ހޮސްޕިޓަލްފަދަ ތަނެއްގައި ޑަބަލް ޑިއުޓީ އަދާކުރުމަކީ ކިހައިވަރެއްގެ ކަމެއްކަން އެންމެ ރަގަޅަށް އިހްސާސްކުރެވޭނީވެސް އަމީރާއަށެވެ. ހަގު އުމުރުގައި، ހިތުގެ ބަލިތަކަށް ހާއްސަވެ، ފަހުރުވެރިކަމާއެކު ލިބުނު ހުއްދައަކީ ހަމައެކަނި ތައުލީމީ ސެޓްފިކެޓަކަށް ބަލާފާއި ލިބިފައިވާ މަގާމެއް ނޫނެވެ. އެއީ އެތައް ދުވަހެއްގެ އުއްމީދާއި ބުރަ މަސައްކަތެވެ. ޝައުގުވެރިކަމާއެކު ކުރެވެމުންދިޔަ މަސައްކަތުގެ މާހައުލުން އަމީރާއަށް ލިބުނު އެންމެބޮޑު އުއްމީދަކާއި ހިތްހަމަޖެހުމަކީ 'އަޔާން' އެވެ. ދެމީހުންގެ ދެމެދުގައި ބަދަހިވެފައިވަނީ އިތުބާރާއި އިހްތިރާމެވެ. އެކަކު އަނެކަކަށްޓަކައި އިންތިހާ ގަދަރާއި އިއްޒަތެވެ.

ދޭތެރެއަކުން ފޯނުގެ ގަޑިއަށް ބަލައިލެވެ އެވެ. ވެހެމުންދިޔަ ފިނިފިނި ވާރޭގެ ތިކިތަކަށް އަމީރާގެ ސަމާލުކަން ހުއްޓިފައިވެ އެވެ. ތަފާތު ކުލަކުލައިގެ މާތަކަށް ތާޒާކަންލިބި މާހައުލަށް ދިރުން ލިބިގެންދާކަން އިހްސާސްކުރެވުނީ، ހަމަ އެވަގުތު ގޭޓުކުރިމަތީން ކާރުގެ އަލިކަން ފެނިލީތީ އެވެ. ކާރު ރަގަޅަށް އެތެރެއަށް ނުވެއްދި އުޅެނިކޮށް އަމީރާ ދުވެފައިގޮސް، ޕާކިންގެ ތެރެއަށް ވަދެފި އެވެ. ނުތެމި ޕާކިންގއަށް ވަދެވޭނެ ގޮތް އޮއްވައިވެސް އަމީރާ ދުވެފައި ދިޔައީ ވާރޭގެ ތެރެއިން ކޮންމެވެސް ވަރަކަށް ތެމިގެންނެވެ. 

"އޯ... ޕްރިންސެސް...! މިއީ ރޭގަނޑު... ފިނި ވިއްސާރައިގެ ތެރެއަށް ނުނިކުންނަށް ކިތައް ރޭ ބުނެފިން..!؟" ކާރުތެރެއިން ރަގަޅަށް ނުނިމެވެނީސް އަޔާންގެ ޝަކުވާގެ ލަފްޒުތައް އިވެންފަށައިފި އެވެ. އަޔާން ކިޔާއެއްޗަކަށް ނުވިސްނާ އަމީރާ ދުވެފައި އައިސް އަޔާންގެ މެދުހަށީގައި ބައްދައިގަތެވެ. 

"އައި މިސްޑް ޔޫ.. ! މި ނައްޓާލީއޭ ބުނެފައި ދެގަޑީރަށް ވުރެންވެސް މާގިނައިރުވީފަހުން ތި އައީ..." އަޔާން ކިޔަމުންދިޔަ އެއްވެސް އެއްޗަޔަށް އަމީރާ އަޅައެއް ނުލަ އެވެ. 

"މިއީ ވަރަށް ފިނި ރެއެއް.. ހުއްޓާނުލާ ވާރޭ ވެހެނީ ހަވީރުން ފެށިގެން.. އެހެންވެ، އަހަރެންގެ ގެއަށށް އައުން މަނާކުރީވެސް..! މި ޓްރެފިކްގައި މިކަހަލަ މޫސުމެއްގައި ރޭގަނޑު ދުއްވުމަކީ އެހައި ރައްކާތެރިކަމެއް ނޫން.. ޓްރެފިކްގައި ތާށިވެގެންވެސް ވަރަށް ގިނަ ވަގުތު މަޑުކުރަންޖެހުނު.. ސެޝަން ނިންމާލެވުނަސް، ބޮލުގައި އެޅިފައި އޮންނަ ޒިންމާ ފުރިހަމަނުކޮށް ގެއަށް އަންނާނީ ކިހިނެއް..؟" އަމީރާގެ ބުރަކަށީގައި ފިރުމާލަމުން އަޔާން ބުންޏެވެ. ތިބެވުނީ ވިއްސާރައިގައިކަމެއް ދެމީހުންކުރެ އެކަކުވެސް ހަނދާންނެތެވެ. އަޔާން ސިއްސައިގެން ދިޔައީ އަމީރާގެ ކިނބިއްސެއްގެ އަޑަށެވެ. 

"ޝޓ....!" 

ތެޅިގަތްފައި އަޔާންގެ ގައިން އަމީރާގެ އަތް ނައްޓުވައިލި އެވެ. ލައިގެންހުރި ކޯޓް ބޭލުމަށްފަހު އަމީރާގެ ކަނދުރާއިން ފެށިގެން އޮޅާލާފައި ދެއަތުގެ މައްޗަށް އުފުލާލީ ކުޑަކުއްޖަކު އުފުލާލާފަދަ ލުއިކަމާއެކު އެވެ. ދުވެފައި އަޔާން ވަނީ އެތެރެއަށެވެ. ގޭތެރެއިން މާ އެތެރެއަށް ނުވަދެވެނީސް، މޭރީއާ ދިމާވި އެވެ. އަމީރާއަށް ހޫނު ސޫޕްއެއް ތައްޔާރުކޮށްގެން ގެނެސްދިނުމަށް އެދެމުން އަޔާން މިސްރާބްޖެހީ އަމީރާގެ ކޮޓަރިއަށެވެ. ލިފްޓަށްވަދެ، ހަތަރަކަށް ފިއްތާލުމާއެކު އަމީރާގެ ދެވަނަ ކިނބިހީގެ އަޑުން އަޔާން ސިއްސައިގެން ދިޔަ އެވެ. ބުނާނެ ވަކި އެއްޗެއް ނެތުމުން ދެފާރާތަށް ބޯ ހޫރާލާފައި ކުރިއަށް ވުރެން ބޮޑަށް އަމީރާ، ގަޔާއިލައި ބޮނޑިކޮށްލި އެވެ. 

..............

އަލީޒީގެ ހިމޭންކަން މިއަދު މުންޝިރަށް ކަމަކު ނުދިޔަ އެވެ. ކާއެއްޗެއް ދެވެނީ ލަސްލަހުން، އެތިއެތިކޮޅެވެ. އަނޯނާގެ ބައިތަށި ޖޫސް ފިޔަވައި އެހެން އެއްވެސް އެއްޗެއް ނުދެވޭތާ ދެތިންގަޑީރުވީ އެވެ. ލޯ ހުޅުވާލާނެ ހިތްވަރެއް ނެތުމުން މުޅި ދުވަހު އޮތީ ލޯ މަރައިގެންނެވެ. އަޔާން ގުޅުމުންވެސް މިއަދު، ބޮލުން އިޝާރާތްކޮށްލީ ހިތްވަރެއް ނެތް ކަމަށެވެ. "މަންމަ އުޅެނީ ފާހާނާގައި"ކަމަށް ބުނެފައި މުންޝިރް އެކަން ހަމަޖައްސައިލީ، އެ ބުނި ބުނުން އަޔާން ގަބޫލުކުރިކަމަށް ބަލާފަ އެވެ. ނަމަވެސް މުންޝިރަކީ އަޔާންގެ އަންކަލް ކަމަށްވަންޏާއި، އަޔާންއަކީ އެ އަންކަލްގެ ދަރިފުޅެވެ. ކިތަންމެ ދުރުގައި ހުއްޓަސް، ދުލުން ހާމަނުކުރާ އެތައް އިހްސާސެއް އެދަރިފުޅު ފަސޭހަކަމާއެކު ދެނެގަންނާނެކަން އަންކަލްއަށް އެނގެންވެސް ވާނެ އެވެ. 

..................

"ޔޫ އާރ ސްޕޮއިލިންގ މީ..!" މޭދަށުގައި ހަށަންބަނދެލަމުން އަމީރާ ބުންޏެވެ.

"އައި ޑޯންޓް ސީ އެނީ ހާމް ސްޕޮއިލިންގ އަ ގާރލް ލައިކް ޔޫ...! ދުނިޔޭގެ ހުރިހައި ލޯތްބަކާއި އަޅާލުމާއި އޯގާތެރިކަމާއި ރައްކާތެރިކަމާއި އެންމެ މަތީ ދަރަޖައިގެ އުފާ ހައްގުވާ ޕްރިންސެސްއެއް ތިއީ.." މަޑުމަޑު ތުވާއްޔަކުން އަމީރާގެ ބޮލުގެ އިސްތަށިގަނޑު ފަރުވާތެރިކަމާއެކު ހިއްކައިދެމުން އަޔާން ވާހަކަދެއްކި އެވެ. 

ބޯ ހިއްކާ ނިމުމުން، މޭރީ ގެނެސްފައިހުރި ސޫޕްތަށި އަމީރާއަށް ދީ ހުސްކުރުވީ އަޔާންގެ އަތުންނެވެ. 

އަމީރާގެ ނަޒަރު އަޔާންގެ މޫނާއި ދުރައްނުލަ އެވެ. ހިތައް އަރަމުންދިޔަ ހުރިހައި އިބާރާތެއް ހާމަކޮށްލަން ފަސޭހަވާނެނަމަ، ކިހައި ރަގަޅުބާއޭ ހިތައްއެރި ކިތަންމެ ސިކުންތެއް ފާއިތުވެއްޖެ އެވެ.

-ނުނިމޭ-

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް