ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ އިސް ވެރިޔާ އިސްމާއީލު ހަނިއްޔާ ޝަހީދުކޮށްލާފައިވަނީ އީރާންގެ އާ ރައީސް މަސްއޫދު ޕެޒެޝްކިއާންގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެޑަގަތުމަށް އެ ގައުމަށް ވަޑައިގެން ހުންނަވަނިކޮށް މިދިޔަ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
ހަނިއްޔާގެ މައްޗަށް މިއަދުގެ ހުކުރު ނަމާދަށް ފަހު ޣައިބަށް ކަށުނަމާދުކޮށް ދިނުމަށް އަދާލަތު ޕާޓީގެ ފަރާތުން ސަރުކާރުގައި އެދުނު ނަމަވެސް އެކަމަށް ސަރުކާރުން އިޖާބަ ދީފައެއް ނުވެ އެވެ.
ނަމަވެސް ބައެއް މިސްކިތްތަކުގައި ވަނީ ހަނިއްޔާގެ މައްޗަށް މިއަދުގެ ހުކުރު ނަމާދަށްފަހު ޣައިބަށް ކަށުނަމާދު ކޮށްފަ އެވެ. އެގޮތުން މާލޭގެ ބައެއް މިސްކިތްތަކުގެ އިތުރުން އައްޑޫ ސިޓީގެ މިސްކިތްތަކުގައި ވެސް ވަނީ ހުކުރު ނަމާދަށްފަހު ޣައިބަށް ކަށު ނަމާދު ކޮށްފަ އެވެ.
ހަނިއްޔާގެ ޖަނާޒާ އޮންނާނީ މިއަދު ގަތަރުގަ އެވެ. ހަނިއްޔާއަށް ކަށުނަމާދު ކުރާނީ ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ އެންމެ ބޮޑު މިސްކިތް ކަމަށްވާ އިމާމް މުހައްމަދު ބިން އަބްދުލްވައްހާބު މިސްކިތުގައި ހުކުރު ނަމާދަށް ފަހުގަ އެވެ. އަދި އޭނާ ފަސްދާނުލާނީ ދޯހާގެ އުތުރުގައި އޮންނަ ލުސައިލްގެ ގަބުރުސްތާނެއްގައި ކަމަށް ވެސް ހަމާސް އިން ބުންޏެވެ.
ހަނިއްޔާ ޝަހީދުކޮށްލީ އިޒުރޭލުން ކަމަށް އިރާނުން ތުހުމަތުކުރެ އެވެ. އަދި މިކަމުގެ ބަދަލު ހިފުމުގެ ގޮތުން އިޒުރޭލަށް ހަމަލާދޭނެ ކަމަށް އިރާނުން މިހާރު ވަނީ ބުނެފަ އެވެ.
ހަނިއްޔާ ޝަހީދުކޮށްލީ އިޒްރޭލުން ކަމަށް އީރާނާއި ހަމާސް އިން ބުނި ނަމަވެސް އިޒްރޭލުން މިކަމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކައެވެ. އަދި އިޒުރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާ އިން ބުނެފައިވަނީ ހަނިއްޔާ ޝަހީދުކޮށްލަން ދިން ހަމަލާގެ އެއްވެސް މައުލޫމާތެއް ކުރިން ލިބިފައި ނެތް ކަމަށެވެ.