މިއަދު ކުރިއަށް ގެންދިޔަ އިންތިހާބު ކާމިޔާބު ކުރީ 32 ވޯޓު ހޯދި އާމިނަތު ޒިހާނާ އާއި އާއިޝަތު ހަސަން އެވެ. ބާތިލުވީ ތިން ވޯޓެވެ.
50 މީޑިއާއަކުން ވޯޓު ލުމަށް ރެޖިސްޓަރީ ކުރި އިންތިހާބުގައި ހަ ކެންޑިޑޭޓަކު ވާދަ ކުރި އެވެ. އެހެންނަމަވެސް މި ދެ ކެންޑިޑޭޓުންނަށް ފިޔަވާ އެހެން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ލިބިފައެއް ނުވެއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލު މެންބަރުކަމުގެ ދައުރަކީ ދެ އަހަރު ދުވަހެވެ. މީޑިއާ ކައުންސިލުގެ މައިގަނޑު މަގުސަދަކީ ގާނޫނު ތަންދޭ އެންމެ ފުޅާދާއިރާއެއްގައި މީޑިއާގެ މިނިވަންކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރުމެވެ.
މީޑިއާ ކައުންސިލްގެ މެމްބަރުންގެ އަދަދަކީ 13 އެވެ. އެއީ މީޑިއާތަކުން އިންތިހާބު ކުރާ ހަތް މެންބަރުންނާއި އާންމުންގެ ފަރާތުން ތިއްބަވާ ހަ މެންބަރުންނެވެ.
މީޑިއާ ކައުންސިލުގެ މެންބަރު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތު:
- 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުން
- ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައި ނުވުން
- އަބުރުވެރި އަހްލާގު ރަނގަޅު މީހަކަށް ވުން
- ވޭތުވެ ދިޔަ 12 މަސް ދުވަހުގެ ތެރޭގައި ނޫހެއްގައި ޝާއިއުކޮށްފައިވާ ލިޔުމަކާ ގުޅިގެން ޝަރީއަތަށް ކުށެއް ސާބިތުވެފައިނުވާ މީހަކަށް ވުން
- ގާނޫނީ ދާއިރާއިން ނުވަތަ ދިވެހި ބަހުގެ ދާއިރާއަކުން ނުވަތަ އިންސާނީ ހައްގުތަކުގެ ދާއިރާއިން ނުވަތަ ދީނީ އިލްމުގެ ދާއިރާއިން ނުވަތަ އިޖުތިމާއީ ސައިންސަސްގެ ދާއިރާއަކުން މަތީ ތައުލީމް ހާސިލްކޮށްފައި ވުން