ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ
އަޔާންބުނި ކޮންމެ އިބާރާތެއް އަމީރާގެ ހިތުގެ އެންމެ އަޑީގައި ރައްކާކުރި އެވެ. އެފަދަ އިހްތިރާމެއް އަޔާންގެ ހިތުގައި އުފެދުނީ ކީއްވެތޯ ސުވާލުކުރަން ކިތަންމެހާވެސް ބޭނުމެވެ. މީގެ ކުރިން އެފަދަ އިބާރާތްތަކުން އަމީރާއާއި މުހާތަބުކކުރާނީ އެންމެ އިންސާނެކެވެ. އެއީ ހަމައެކަނި ލޯބިވާ ބައްޕަ އެވެ. ބައްޕަގެ ޕްރިންސެސްއަށް އެފަދަ ދަރަޖައުން އިހްތިރާމްކުރާނެ ފިރިހެން ކުއްޖަކު ލިބުނު ދުވަހަކުން ނޫނީ އަމީރާގެ އަތް އެކުއްޖަކަށް ދިއްކޮށްނުލުމަށް، އެތައް ގޮތަކަށް ބައްޕަވަނީ ބުނެދީފަ އެވެ.
ހަގީގީ މާނާގައި އަމީރާދެކެ ލޯބިވާނެ އިންސާނަކު ބައްޕައަށް ފާހަގަކުރެވުނު ދުވަހަކުން ނޫނީ އަމީރާގެ ހަޔާތަށް އިތުރު މީހަކު ނުގެނެވޭނެކަމަށްވެސް ނުސީދާކޮށް ބައްޕަވަނީ ބުނެފަ އެވެ. ލޯބިވެރިޔަކު، އަމީރާގެ ރާޑަރަށް މިހާތަނަށް ނާރރާއޮތް ސަބަބަކީވެސް އެއީކަމަށް އަމީރާގެ މަންމަ، ދޭތެރެއަކުން ހަނދާންކޮށްދެ އެވެ. އަދި ބައްޕަގެ އުއްމީދުތަކާއި އެއްގޮތަށް މިންޖަހައި ފުރިހަމަކޮށްފައިވާ ފޭރާމެއް ހެޔޮވަރުކުރެވޭނެ އިންސާނަކު ދުނިޔޭގައި ނުހުންނާނެކަމަށްވެސް މިޒްރާ، އަމީރާއަށް ވިސްނައިދެނީ ދުނިޔެ ދަސްކޮށްދިން ތަޖުރިބާގެ އަލީގަ އެވެ.
ދިރިހުރި މިސާލަކީ އަމީރާގެ މަންމައާއި ބައްޕަ އެވެ. އެންމެން ދަންނަ މަޝްރޫހު ދެ ލޯބިވެރިންނެވެ. މިޒްރާ މަންސޫރާއި، ސްޕާރސްޓާރ އަދި މަޝްހޫރު ވިޔަފާރިވެރިޔާ ނާދިފް ޝައްޔާން ދީދީގެ ލޯބީގެ ވާހަކައިން މިއަދުވެސް ޒުވާނުންގެ މެދުގައި މިސާލުޖަހާލެވެ އެވެ. އެކަން އަމީރާއަށްވެސް އެގެ އެވެ.
ބައްޕަގެ ޕްރިންސެސްއަށް ބައްޕަގެ ހިތުގައި އޮތް ލޯބި ނުވަތަ އެއަށްވުރެން މަތިވެރި ގަދަރަކާއި އިއްޒަތެއް ދޭނެ އެހެން އިންސާނަކު ދުވަހަކުވެސް ދިމާނުވާނެކަމަށް އަމީރާވަނީ ގަބޫލުކޮށްފަ އެވެ. ބައްޕަގެ ޝަރުތުތައް ބާރުގަދަވެފައިވަނީ މަންމައާއިމެދު ބައްޕައަށް އަމަލުކުރެވުނު ގޮތްތަކެއްގެ ސަބަބުންކަން އަމީރާއަށް އެގެ އެވެ. މަންމައާއި ބައްޕަގެ ލޯބީގެ ވާހަކައަކީ އަމީރާގެ ދިރިއުޅުމުގެ އެންމެ ބޮޑު ފިލާވަޅެވެ. މަންމަގެ ކެތްތެރިކަމާއި ދެމީހުންގެ ދެމެދު އުފެދު ގަދަފަދަ ލޯތްބަކީ އަމީރާ އެންމެ އަޑުއަހާހިއްތާ ވާހަކަ އެވެ.
ފައިސާއާއި މުދަލާއި މުއްސަނދިކަމާއި އިއްޒަތާއި ބާރަކީ ލޯތަކަށް ފެންނަ ހަމައެކަނި ހަގީގަތެވެ. އެނޫން ވިސްނުމަކުން އަމީރާއަށް ލިބުނު ރަހްމަތްތެރިޔަކުވެސް ނެތްކަމަށް އޭނާވަނީ ގަބޫލުކޮށްފަ އެވެ. އެމީހެއްގެ ބޭނުން ފުދުނީމައި އެމީހެއްގެ މަގްސަދު ހާސިލްވީ އެވެ. އަމީރާއަށް އަޅައިލާ، އޯގާތެރިވާނެ މީހަކު ނުވަތަ ހަގީގީ މާނައިގެ ރައްޓެއްސަކު ލިބުނުކަމަށް އާއިލާއިން ގާބޫލެއް ނުކުރެ އެވެ. ކާފައާއި މާމަގެ ނަސޭހަތަކީ އެކުވެރިކަމަށްވުރެން 'ދިރިއުޅުމަށް ފޯކަސް ކުރުމެވެ.'
މުއްސަނދިކަމާއި ފައިސާއިން ފޮނިކަން ލިބިފައިހުރި ކުއްޖެއްކަމަށްބުނެ ބުލީ ނުކުރާ، ކުލާހަކަށް އަމީރާއަށް ހާޒިރުވެވިފައެއް ނުވެ އެވެ. އެއިން އެއްވެސް ވާހަކައެއް ބައްޕައާއި މަންމަ ނުވަތަ ސްކޫލްގެ އެއްވެސް ފަރާތަކަށް އަމީރާ ހުށަހަޅާފައިނުވަނީ އެކަމުން އަމީރާއަށް އަސަރުނުކުރާތީއެއް ނޫނެވެ. ކެއުމާއި ނިދިން މަހްރޫމްވެ، ކޮޓަރީގެ އެއް ކަނެއްގައި އަނދިރިކަމުގެ ތެރޭގައި ރޯން އިން ރޭތައް އަމީރާ ހަނދާނެއް ނުނެތެވެ. ވަށައިގެން ނޯކަރުންނާއި ބަލަހައްޓާނެ ސިއްރު ފާރަވެރިން ތިއްބަސް އެކަންކަން އަމީރާ ތަހަންމަލްކުރީ، އޭނާގެ ހިތްވަރާއި ނުގުޑާ އަޒުމުންނެވެ. އެއިން ކަމެއް އެހެން މީހެއްގެ ސަމާލުކަމަށް ގެނެސްފައިނުވަނީ އެކުދިންނަށް ލިބިދާނެ ދެރައަކަށް އަމީރާ ވިސްނާފަ އެވެ. ކިތަންމެ ފައިސާވެރިޔަސް، ތަނަވަސްކަމާއި އިއްޒަތާއި ގަދަރުވެރިޔަސް ކޮންމެ އިންސާނަކުވެސް އުފައްދަވާފައިވަނީ އިހްސާސްތަކާއި ވޭނާއި ހިތްދަތިކަން ތަހަންމަލްކުރަންޖެހޭ ގޮތުގައިކަން ހަނދާން ނުހުންނަ ބަޔަކު ކޮންމެ މުޖުތަމައެއްގައިވެސް އުޅެނީ އެވެ.
ދުނިޔެއާއި އަދި އެކުވެރިންނާއި ރައްޓެހިންނާއިމެދު ދެކެވުނުގޮތް ބަދަލުވެގެން ދިޔައީ އަޔާންއާއި ބައްދަލުވެ މުހާތަބުކުރެވުނު ފުރަތަމަ ދުވަހުން ފެށިގެންނެވެ.
"ތިބާއަށް ހަސަދަވެރިވާ މީހުންދެކެ ބިރުނުގަންނަށްޗޭ... އެމީހުންނަށް ނަފްރަތުވެސް ނުކުރާތި..! އެމީހުންނަކީ ހަގީގަތުގައި، އެމީހުންނަށްވުރެން ތިބާ ހުރިހައި ގޮތަކުންވެސް މާ ފުރިހަމަ ކަމަށް ގަބޫލުކުރާ މީހުން..! މަންމަ ބުނީ، މޭވާ ނެތް ގަހަކަށް ގަޑިއެއް ނޭއްލާނެޔޭ..!" ނުދަންނަ އަޑެކެވެ. އިބްރަތްތެރި ކުރު ފިލާވަޅެކެވެ. ނުތަނަވަސްކަން ފިލައި އިސްއއުފުލާލަން މަޖުބޫރުވި އެވެ. އަމީރާ އިށީންދެ އިން ހިލަ އަށީގައި މީހަކު އިށީނުމުން ބަލައިލި އެވެ. ދެދުވަސްކުރީން ހެނދުނުގެ ބްރީފިންތެރެއިން ފެނުނު މޫނެއްކަން އަމީރާއަށް ފާހަގަނުކުރެވޭކަން އަޔާންއަށް ޔަގީންވި އެވެ.
"މަންމަގެ ދަރިފުޅަށް ދެއްވި ތަރުބިއްޔަތު ވަރަށް ފުރިހަމަކަމަށް މަންމައަށް ދަންނަވާލަދެއްޗޭ...!" ކާކުކަން ނޭގުނަސް، އަމިއްލަ ގައުމުގެ، ދިވެއްސަކު ދިމާވުމުން އަމީރާ ހިތްހަމަޖެހުނެވެ.
ހޮސްޕިޓަލަށް ބަދަލުވީއްސުރެން ދިވެއްސަކާ ދިމާވި މިއީ ފުރަތަމަ ފަހަރެވެ. މިއަދު ހެނދުނުގެ ބްރީފިންގައި ދެމީހުން ބައްދަލުވިޔަސް، އެއީ ކޮން ގައުމެއްގެ ކުއްޖެއްކަން ފާހަގަކުރާން އަމީރާއަށް ނޭގުނީ، އަޔާންގެ އިނގިރޭސި ލަފްޒުތައް ބޭނުންކުރުމުގެ ހުނަރާއި ވާހަކަދެއްކުމުގެ ކުޅަދާނަކަމާއި، ގައިހަމުގެ ކުލައިންވެސް ދިވެހިވަންތަކަމެއް ފާހަގަކުރާން ނޭގުނީތީ އެވެ.
"އަޔާން- ... ފްރެންޑްސް..!!؟؟" ސަލާމް ކުރުމަށް އަޔާން ދިއްކޮށްލިއަތުގައި އަމީރާ ހިފައިލި އެވެ. އިރުކޮޅަކު އަޔާންގެ މޫނަށް ބަލަން އިނދެފައި އަމީރާވެސް އަތް ދިއްކޮށްލި އެވެ.
"އަމީރާ- ފްރެންޑްސް ފޮރެވަރ..!!" އުފާވެރި ހިނިތުންވުމަކުން ދެހިތުގައި އަމާންކަމުގެ ވިންދު ޖަހައިލި އެވެ.
"ނައިސް ނޭމް..! ފަހަރެއްގައި، ތިޔަ ޕްރިންސެސްގެ ހަޔާތުގައި އެންމެ މުހިއްމު މީހަކަށް އަހަރެން ނުވެދާނެ..! އެކަމަކު، ކޮންމެވެސް ދުވަހަކުން އަހަރެންގެ ނަން އަޑުއިވުމުން ހިނިތުންވުމާއެކު ބުނެލާނެކަމަށް އުއްމމީދުކުރާނީ.. 'ހެއި ދެޓްސް މައި ފްރެންޑް'....!!" އަޔާންގެ އެކުވެރި މިޒާޖު އަމީރާއަށް ވަރަށް ކަމުދިޔަ އެވެ.
މާޒީގެތެރެއަށް ގެއްލިފައި އިނދެވުމުން އަޔާން ދެއްކި ވާހަކައެއް އަމީރާއަކަށް އަޑެއް ނީވެ އެވެ. ހެއަރޑްރަޔާގެ އަޑަށް އަމީރާއަށް ބަލައިލެވުނީ އަޔާންގެ މަސައްކަތަށެވެ. ލޯތްބާއެކު އަމީރާގެ ބޯ ހިއްކައިދެމުން މަޑުމަޑު އިސްތަށިގަނޑުގައއި ފިރުމަމުން އޭނާގެ މަސައްކަތް ކުރިއަށް ގެންދިޔަ އެވެ. އެސްފިޔަޖަހައިނުލައި އަމީރާ ބަލަމުންގެންދިޔަ އެވެ.
އަމީރާގެ ލޮލުން ފައިބަމުންދިޔަ ކަރުނަ، ކޯތާފަތުން ދެމެމުން ދިޔަތަން އަޔާންއަށްފެނުނީ އިރުކޮޅެއްފަހުންނެވެ. ނުހަނު ލޯތްބާއެކު އެ ތުނިތުނި މޫނުން މަޑުމަޑުން ފިރުމައިލަމުން އަޔާންގެ ޝަހާދަތް އިނގިލިން ކަރުނަ ފޮހެލި އެވެ. ލޮލުގެ އެސްފިޔަ ތަޅުވައިލަމުން ލޮލަށް ގިނަވެފައިވާ ކަރުނަ، އެސްފިޔަތަކުގެ ތެރެއިން އަމީރާ ފޫއަޅުވައިލުމުން އަޔާން ހާސސްވި އެވެ.
"ހޭ ޕްރިންސެސް... ނޯ ޓިއަރޒް... ކުޑަކޮށްވެސް ތަދުކުރެވުނިއްޔާ ސޮރީ.. ރިއަލީ ސޮރީ..!" މަޑުމަޑުން އަޔާން ބުނެލީ އަމީރާ ގެނެސް އަތުތެރޭގައި ބޮނޑިކޮށްލަމުންނެވެ.
"ވައި ޔޫ ތިންކް އައި ޑިޒަރވް ޓު ލިވް ލައިކް އަ ޕްރިންސެސް..؟ ވައި ޔޫ ތިންކް ސޯ ހައިލީ އޮފް މީ ވވެން އައި ކާންޓް ކަމް ޓު ތިންކް އޮފް މައިސެލްފް އިން ދެޓް ވޭ ޖަސްޓް ލައިކް...؟؟؟!!! މުއްސަނދިކަމަކީ އަމީރާގެ ކުށެށްތަ؟ އެއީ މާމައާއި ކާފަގެ ފަރާތުން ބައްޕައަށް ލިބުނު ތަނަވަސްކަމެއް...! ދެން ބައްޕައާއި މަންމަ ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން، އެދެމީހުންގެ ފަރާތުން އަމީރާއަށް ވާރުތަވުމަކީ އަމީރާ އެކަމުގެ މައްޗަށް ބޮޑާވެ، ކިބުރުވެރިވާ ކަންކަމެއް ނޫން.. ހުރިހައި މީހުންނަށް އެހީތެރިވެވޭތޯ އަބަދުވެސް ބަލަނީ..!" އަމީރާގެ ބިރަކީ ކޮބައިކަން އަޔާންއަށް ވަރަށް ރަގަޅަށް ވިސްނެ އެވެ. އޯގާތެރިކަމާއެކު އަމީރާގެ ބުރަކަށީގައި ފިރުމާލަމުން ނިއްކުރީގައި ކިސްކޮށްލި އެވެ.
ހުރިހައި ކަމަކާ މަޝްވަރަކުރަން މިއީ އެންމެ ރަގަޅު ވަގުތު ނޫންކަން އަޔާންއަށް އިގެ އެވެ. ހިތުގައި ފޮރުވާފައިވާ ބޮޑު ރިހުން މޫނުމަތީން ފާޅުވާން ފަށައިފިކަން އަޔާންއަށް އިހްސާސްވާން ފަށައިފި އެވެ.
ފަރުދާ ކަހާލާފައިވާ ބިއްލޫރި ބޮޑު ދޮރާއި ދިމާއަށް އެނބުރި، އެނދުގައި އަޔާން އިށީނެވެ.
"އިޓްސް ނޮޓް ޔޫ..! އިޓްސް އެބައުޓް އެވްރި ގާރލް..! އެވްރި ގާރލް ހޭޒް އަ ޕްރިންސެސް އިންސައިޑް ދެމް.. އެންޑް ދޭ އޯލް ނީޑެޑް ޓު ބީ ޓްރީޓެޑް އިން ދަ ސޭމް ވޭ...! ކޮންމެ އަންހެން ކުއްޖަކީ އިހްތިރާމާއި ގަދަރާއި، ޕްރިންސެސްއެއްގެ މަގާމް ދެވެންޖެހޭނެ ކުއްޖެއް..! ކޮންމެ އަންހެން ކުއްޖަކަށް ހާއްސަ މަގާމެއް ދެވެންވާނެ..!" ލުއި ހިނިތުންވުމަކާއެކު އަޔާން ވާހަކަދެއްކީ، ހިޔާލެއްގެ ތެރެއަށް ގެއްލިފައި އިނދެ އެވެ.
އަޔާންގެ މޫނަށް ބަލައިލަމުން ލޯތްބާއެކު އަމީރާ ހިނިތުންވެލީ ހުވަފެނީ ގޮތަކަށެވެ.
ސިކުނޑީގައި ހިނގަމުންދަނީ ކޮންފަދަ ހަނގުރާމައެއްކަން ބުނަން ނޭގުނަސް، އަޔާންއަށް އުނދަގޫ ތަފާތު އިހްސާސްތަކެއް މުޅި ދުވަހު ސިކުނޑީގައި އެނބުރެނީ އެވެ. ކިތަންމެ ބުރަކޮށް، އެތައް އިމަޖެންސީ ކޭސްއެއް ކޮނޑުގައި އަޅައިގެން އުޅުނަސް، މަންމަގެ ހިޔާލްތައް އެންމެ ހިނދުކޮޅަކަށްވެސް މިއަދު ފަނޑު ނުވެ އެވެ. ކުރެވެމުންދިޔަ ބިރުވެރި އިހްސާސްތަކަށް ލުއެއް ލިބޭތޯ މަންމައާއި ވާހަކަ ދައްކާލަން އަޔާންކުރި މަސައްކަތުން ލިބުނު ނަތީޖާ މާ ރަގަޅެއްވެސް ނޫނެވެ. ގޮތްނޭގޭ އެތައް ކަމަކާއި ވިސްނާވިސްނާ އަޔާންގެ ބޮލުގައި ރިއްސަނީ އެވެ. އަތުގެ އިނގިލިތަކުން ނިއްކުރީގައި ބާރަށް ފިއްތާލެވުނެވެ. ރިހުން މަޑުވޭތޯ އެވެ.
"ކޮން ކަމަކާ ތި ވިސްނަނީ..؟ ހުރިހައި ކަމެއް ރަގަޅުތަ..؟" ކަންބޮޑުވުމާއެކު އަމީރާ ސުވާލުކޮށްލި އެވެ. ދެފަރާތަކަށް ބޯ ހޫރާލާފައި އަޔާން އިސްޖަހައިލި އެވެ. ދެ ކަކުލުގައި ދެއަތުގެ އުޅަނބޮށިން ވިއްދާލަމުން މޫނުމަތީގައި ދެއަތް އަޅައި ފޮރުވާލި އެވެ. އަޔާންގެ ރުއިން އަމީރާއަށް ފާހަގަކުރެވުނީ ހިނދުކޮޅެއް ފަހުންނެވެ.
ހަދާނެ ގޮތެއް ނޭގުނީ އަމީރާއަށެވެ. އަޔާންގެ ހަމަހިމޭން ކިތަންމެ ވަގުތެއް ދެމީހުން އެކުގައި ހިއްސސާކޮށްފި އެވެ. ހާސްކަމާއި ކަންބޮޑުވުމުގެ ކިތަންމެ ހާލަތެއް ދެމީހުން އެކުގައި ހައްލުކޮށްފި އެވެ. ނަމަވެސް މިފަދަ ދަނޑިވަޅެއް މިހާތަނަށް ކުރިމައްޗެއް ނުވެ އެވެ.
ހަދާނެ ގޮތެއް ނޭގި، އެނދުން ފުންމައިގެން ތެދުވެ، ދެއަތުގައި ހުރި ބާރެއް ލާފައި އަޔާންގެގައިގައި އަމީރާ ބައްދާލި އެވެ. ދެއަތުގައި ހުރި ބާރެއްލާގައި އަމީރާގެ އުނަގަނޑުގައި އަޔާން ބައްދާލި އެވެ. ފެންކަޅިވެ، ހިތް ބާރަށް ތެޅެންފެށި އެވެ. ބުރަކަށީގައި ފިރުމަމުން، އަޔާންގެ ބޮލުގެ އިސްތަށިގަނޑުގައި އިރުއިރުކޮޅުން ތުންފަތް ބީއްސާލަ އެވެ. ފަސްމިނެޓެއް ހާއިރުވެގެން ދިޔައިރުވެސް އަޔާންގެ ރުއިމަކަށް ބަދަލެއް ނާދެ އެވެ.
ގިސްލުމުގެ ތެރެއިން ފޯނު ވައިބްރޭޓްވުމުގެ އަޑަށް އަމީރާއަށް ބަލައިލެވުނީ އަޔާންގެ ގާތުގައި އޮތް އަމީރާގެ ފޯނަށެވެ. ދެ ހިޔާލުގައި ހުރެފައި ކަންފަތުގައި ފޯނު ޖައްސައިލި އެވެ.
"ހެލޯ ބޭބީ..! ވަރަށް މިސްވޭ މަންމަގެ ޕްރިންސެސް..! މަންމަގެ ލަވް ކައިފިންތަ.. ހަވީރު ނުގުޅުނީމައި މިގަޑީގައި މި ގުޅީ..! ނިދަނީތަ..؟" މިޒްރާގެ ހިތްގައިމު އަޑުން ލޯތްބާއެކު ވާހަކަދެއްކީ އަމީރާއަށް އެއްޗެއް ބުނާނެ ފުރުސަތެއްވެސް ނުދީ އެވެ. މިޒްރާއަށް ހުއްޓުންއެރީ އަމީރާގެ 'އާންމު އުސޫލުން' މަންމައަށް ގޮވައިނުލާ ވަގުތުކޮޅެއް ހޭދަވީތީ އެވެ.
"ދަރިފުޅާ..! ހުރިހައި ކަމެއް ރަގަޅުތަ..؟ ކޮބާ އަޔާން..؟ ވީ ގޮތެއް މަންމައަށް ބުނެދީބަލަ...! ދަރިފުޅު ބަލީތަ..؟ އަޔާން ރަގަޅުތަ؟" މިޒްރާގެ ސުވާލުތައް ބަރިޔަކަށް އަމުނާލި އެވެ. ލިބުނު ހާސްކަމުގައި މިޒްރާއަށް ތެޅިގަނެވުނެވެ. އެފަދަ ހަމަހިމޭންކަމެއް އަމީރާގެ ފަރާތުން މިޒްރާއަށް ދިމާވެފައެއް ނުވެ އެވެ.
"މަންމާ.. އިޓްސް...! އިޓްސް...!" އަމީރާއަށް ރޮވޭކަން އެނގުނީ އެއްޗެއް ބުނަން އަނގަހުޅުވާލެވުނު ވަގުތެވެ.
އަމީރާގެ މެދުހަށީގައި އަޔާން ބައްދާލާފައިވަނީ ވަރަށް ބާރަށެވެ. އެއް އަތުން އަޔާންގެ ބުރަކަށީގައއި ފިރުމަމުން އަނެއް އަތުން ފޯނު ހިފަހައްޓައިގެން އަމީރާ ވަރަށް ހިއްވަރުކުރި އެވެ.
"ބޭބީ... މަންމަގެ ދޫންޏާ.. ޕްލީޒް...!" ވަރަށް ހިތްވަރުކުރަމުން ދަރިފުޅު ގާތުން މިޒްރާ އާދޭސްކުރި އެވެ.
"މަންމާ... އަޔާން... ވީގޮތެއް... އަޅުގަނޑަކަށްވެސް ނޭގެ.. އެއްވެސް އެއްޗެއް... އަޔާން ނުބުނޭ.. އެކަމަކު ރޮވެނީ.." ވަރަށް އުނދަގުލުން ވާހަކަދައްކަމުން އަޔާންގެ ހާލަތު މަންމައަށް ބުނެދޭން މަސައްކަތްކުރި އެވެ.
"އަޔާންގެ ކަންފަތުގައި ދަރިފުޅު ފޯނު ޖައްސާލަބަލަ.." އެންމެ ހިނދުކޮޅެއްވެސް ބޭކާރުކުރުމަކީ އަމީރާ މަންމަގެ މިޒާޖުގައިވާ ސިފައެއް ނޫނެވެ.
.................
"މިހިސާބަށް ކަންތައް ދިޔާމާ، އަޔާންއަށް އަންގަންޖެހޭނެ... މަންމައަށްވުރެން މުހިއްމު އެއްވެސް ކަމެއްވެސް މިދުނިޔޭގައި އަޔާންއަށް ނޯންނާނެކަން އަހަރުމެން ދެމީހުންނަށްވުރެން ރަގަޅަށް އެނގޭނީ ކާކަށް..؟" ގޮތްހުސްވުމުން، އައިޝާގެ ހިޔާލް ހުށަހެޅީ މުންޝިރަށެވެ.
"އަހަރެންވެސް ތިކަމާ ވަރަށް ވިސްނައިފިން.. އަޔާން ވަރަށް ސުވާލުކުރޭ..! އަޔާންގާތުގައި ބުނަން ކިތަންމެ ފަހަރަކު ހިތައްވެސް އަރައިފި..! އަހަންނަށް ހީވަނީ އަށެއްކަ އަހަރު ވަންދެން އަހަރުމެންގެ ވައުދު ފުއްދިއްޖެހެން... އަލީޒީގެ ބަސް ގަބޫލުކުރަން އަހަރުމެންގެ މައްޗަށް މިހާލަތުގައި މަޖުބޫރެއް ނުވާނެ.. އަހަންނަކަށް ދެން ކެތެއް ނުވާނެ..! ވީ އެންމެ އަވަހަކަށް މަންމަ ގާތަށް އައުމަށް އަހަރެން އަޔާން ގާތުން އެދޭނަން...! ދެ ލޯ ފޮހެލަމުން މުންޝިރު ބުންޏެވެ.
ލިބުނު ހިތްހަމަޖެހުމުގައި އައިޝާއަށް ހިނިތުންވެވުނެވެ. ލޮލުން ފޭބި ކަރުނައަށް ސަމާލުކަންދިނުން އައިޝާއަށް މުހިއްމެއް ނޫނެވެ.
-ނުނިމޭ--