އޮލިމްޕިކްސް ރަން މެޑަލް، ޖޮކޮވިޗް ހޯދީ، ފައިނަލްގައި ސްޕެއިނުގެ ކާލޯސް އަލްކަރާޒް އަތުން، މޮޅުވެގެންނެވެ. ފޯރިގަދަ ފައިނަލުގައި، ޖޮކޮވިޗް ސެޓުތައް ގެންދިޔައީ، 7-6 (7-3)، 7-6 (7-2) އިންނެވެ.
އޮލިމްޕިކްސްގެ ރަން މެޑަލް ހޯދުމާއެކު، ޖޮކޮވިޗް ވެފައިވަނީ އޮލިމްޕިކްސް އިން ރަން މެޑަލް ހޯދި ފިރިހެން ސިންގަލްސް އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ. ޖޮކޮވިޗްގެ އުމުރަކީ، 37 އަހަރެވެ.
ޖޮކޮވިޗަށް މި ކާމިޔާބީ އެންމެ ހާއްސަވާނީ ގޯލްޑަން ސްލޭމް ފުރިހަމަ ކުރުމުންނެވެ. ގޯލްޑަން ސްލޭމްއަކީ، ގްރޭންޑް ސްލޭމްގެ ގަތަރު ޗެމްޕިއަންކަމާއި، އޮލިމްޕިކްސްގެ ރަން މެޑަލްއެވެ. ޓެނިހުގެ ގޯލްޑަން ސްލޭމް މީގެ ކުރިން ހޯދާފައިވަނީ ރަފައެލް ނަޑާލް، އަންދްރޭ އަގާސީ، ސެރީނާ ވިލިއަމްސް އަދި ސްޓެފީ ގްރާފް އެވެ. މި ލިސްޓަށް އެންމެ ފަހުން އިތުރުވީ ޖޮކިވިޗްއެވެ.