ލޭނު މަސްވެރިކަން ކުރުމުގެ ގަވާއިދުގެ ޑްރާފްޓްގައިވާ ގޮތުން ލޭނު މަސްވެރިކަމުގައި އަމާޒުކުރާ ބާއްވަތްތަކުގެ ކޯޓާ ވިއްކާނެ އަގުތައް ވަނީ ހިމަނާފައެވެ.
އޭގައިވާ ގޮތުން ލޯ ބޮޑު ކަންނެއްޔާއި ރީނދޫ އުރަހަ ކަންނެއްޔާއި ހިބަރުގެ ކޯޓާގެ އަގަކީ 20،000 ރުފިޔާއެވެ. ކޯޓާ ވިއްކާނީ 10 (ދިހައެއް) މެޓްރިކް ޓަނުގެ ބްލޮކެއްގެ ގޮތުގައިކަމަށް ޑްރާފްޓް ގައިވެއެވެ.
ލޭނު މަސްވެރިކަން ކުރުމަށް ދޫކުރާ ލައިސަންސާއި ކޯޓާގެ މުއްދަތަކީ ކޮންމެ މީލާދީ އަހަރެއްގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ވިދިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށްކަމަށްވެސް ލޭނު މަސްވެރިކަން ކުރުމުގެ ގަވާއިދުގެ ޑްރާފްޓްގައިވެއެވެ.
މި ގަވައިދަށް އާއްމުކޮސް އިސްލާހު ހުށައެޅުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. އެ މިނިސްޓްރީން ބުނީ ގަވައިދަށް އިސްލާހު ހުށައަޅަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 18 ވާ އާދިއްތަ ދުވަހުގެ 12 ޖެހުމުގެ ކުރިން ހުށައެޅޭނެކަމަށެވެ. ހިޔާލު ހުށައަޅާނީ މިނިސްޓްރީގެ [email protected] އީމެއިލަށްކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.