މި ބިލު ބަލައިގެން ދިރާސާކުރަން 241 ކޮމެޓީއަށް ފޮނުވުމަށް މަޖިލީހުން ފާސްކުރީ ޖޫންމަހުގެ 10 ވަނަދުވަހުއެވެ. އޭގެ ފަހުން މި ބިލުގެ އެއްވެސް މަސައްކަތެއް ނުހިނގާތީ މީގެކުރިންވެސް އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މެމްބަރު މީކާއިލް ފޮނުއްވި ސިޓީގައި ވަނީ މެއި 29، ގައި މަޖިލީހަށް ހުށަހެޅި އެ ބިލު ޖޫން 10 ގައި ބަލައިގަތުމަށް ފާސްކޮށް ކޮމިޓީއަށް ފޮނުވާފައިވީ ނަމަވެސް ބިލުގެ އެއްވެސް މަސައްކަތެއް ކޮމިޓީގައި ކުރިއަށް ނުދާ ކަމަށެވެ. އެހެންކަމުން ެއެކަމުގެ ސަބަބު އޮޅުންފިލުވާދެއްވުމަށް މީކާއިލް ވަނީ އެދިވަޑައިގެންފައެވެ.
މީކާއިލް މަޖިލީހަށް ހުށަހެޅުއްވީ ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނު) ގެ އަށް ވަނަ މާއްދާގެ ހ. ގެ ހަތް ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރު ކުރުމަށެވެ.
އިސްލާހުގައި ބުނެފައި ވަނީ ރާއްޖެ އެތެރެ ނުވެވޭނެ މީހުންގެ ތެރޭގައި "އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ މީހުން (މީގެ ތެރޭގައި އިޒްރޭލުގެ ޕާސްޕޯޓުގެ އިތުރުން، އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުން ވެސް ހިމެނޭ) ކަމަށެވެ.
މި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ މި ބިލް އެމްޑީޕީން ހުށައެޅީ މިހާރު އޮތް ޕީއެންސީ ވެރިކަން ވައްޓާލުމަށްކަމަށެވެ. އަދި ޔަހޫދީން ރާއްޖެއަށްް އެތެރެވިޔަ ނުދޭން ނިންމާއިރު އެއީ ﷲ ފޮނުއްވި ރަސޫލަކަށްް އިމާންވި ބައެއް ނާދެވޭނެ ގޮތަށް ނިންމާ ނިންމުމެއްކަމުން އެކަމާއި މެދު ވަރަށް ފުންކޮށް ވިސްނަންޖެހޭކަމަށްވެސް ގާސިމް ވިދާޅުވިއެވެ. މި ބަހުސްގައި ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްވެސް ވަނީ މި މައްސަލާގައި ގޮތެއް ނިންމާއިރު ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކާގައި ނުޖެހި ވިސްނުން ތެރިކަމާއި އެކު ގޮތެއް ނިންމުމަށް ގޮވާލާފައެވެ.