ads
ހަނިމާދޫ އެއާޕޯޓު މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށް މިނިސްޓްރީން ބުނޭ - ފޮޓޯ: މިނިސްޓްރީ
ހަނިމާދޫ ކައިރީ 3 ރިސޯޓް ހަދަން އިންޑިއާ އިންވެސްޓަރުން ހޯދަނީ: ފައިސަލް
ހަނިމާދޫ އިންޓާނޭޝަނަލް އެއާޕޯޓް ހުޅުވި އޮޕަރޭޝަންތައް ފެށެންވާއިރަށް އެ ސަރަހައްދުން ރިސޯޓް ތަރައްގީކުރަން އިންޑީއާ އިންވެސްޓަރުން ލީބޭތޯ މަސައްކަތް ކުރަމުން އަންނަކަމަށް ޓްއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު ފައިސަލް މިހެން ވިދާޅުވީ މިދިޔަ ހަފްތާގައި އިންޑިއާގައި އެމްއެމްޕީއާރުސީން ކުރިޔަށް ގެންދިޔަ "ވެލްކަމް އިންޑިއާ" ރޯޑްޝޯގެ ކާމިޔާބީހެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ފައިސަލް ވިދާޅުވީ ހަނިމާދޫ އިންޓާނޭޝަނަލް އެއާޕޯޓް ހުޅުވި އޮޕަރޭޝަންތައް ފެށެންވާއިރަށް އެ ސަރަހައްދުގައި 3 ރިސޯޓެއް ތަރައްޤީކުރަން ވިސްނާކަމަށެވެ. ފައިސަލް ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ރަނގަޅަށް ހިންގަން އެ އެއާޕޯޓާ ކައިރި ހިސާބުގައި މިހާރަށް ވުރެ އެނދުތައް ތަރައްގީ ކުރަން ޖެހޭ ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި 4،000-6،000 އެނދު ހުންނަން ޖެހޭނެކަނަށް ފައިސަލް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ހަނިމާދޫ ކައިރިން ރިސޯޓް ހެދުމަށް އިންވެސްޓަރުން ހޯދުމަށް އެކަމަށް ހާއްސަކޮށްގެން އެކަމަށް ޓޫރިޒަމް ދާއިރާއިން އިންވެސްޓަރުން ހޯދުމަށް އިންޑިއާގައި މިއަހަރު އިންވެސްޓާ ފޯރަމެއް ބާއްވާނެކަމަށެވެ. 

" ބަޖެޓުގެ ދަތިކަން ހުއްޓަސް އިންޑަސްޓްރީގެ އެކި ފަރާތްތައް ގުޅިގެން މިއަހަރު ތެރޭ އަދި އެއްފަހަރު އިންޑިއާއަށް ދާން ބޭނުމީ. އިންވެސްޓާ ފޯރަމާ ހަނިމާދޫ އެއާޕޯޓް ހުޅުވެންވާއިރަށް އަޅުގަނޑުމެން މި ބޭނުންވަނީ އެތަނުގެ ހައިއެންޑުގެ 2-3 ރިސޯޓް ޕްރޮޖެކްޓެއް ފެށޭ ވަރަށް އިންވެސްޓަރުންތަކެއް ހޯދުން. އެއީ އަމާޒަކީ. މިއަހަރު ތެރޭ ބާއްވާނަން،" ފައިސަލް ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ އުތުރުގައި ހިމެނޭ އެއާޕޯޓްތަކުގެ ތެރެއިން ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން މިދިޔަ ސަރުކާރުން ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ އެވެ. މި މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާ އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2460 މީޓަރުގެ އާ ރަންވޭއަކާއި، 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ނިންމާފަ އެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު މަޝްރޫއަކީ މުޅި އުތުރުގެ ފަތުރުވެރިކަމާއި ގުޅިފައިވާ ބޮޑުތިލަދުންމަތީގެ އިގުތިސޯދާއި ސީދާ ގުޅިފައިވާ މަޝްރޫއެކެވެ. މިމަސްރޫއުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. މި އެއާޕޯޓު ތަރައްގީ ކުރަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ވަސީލަތްތަކާއެކުގަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް