ސްކޫލް ޓްރެފިކް މޮނިޓަރުންގެ 100ވަނަ ބެޗުގެ ނިމުން ފާހަގަ ކުރުމަށް ފުވައްމުލަކު ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ބާރު ސްޕީޑުގައި ދުއްވާ ދުއްވުން ހުއްޓިގެން މެނުވީ، މަގުތައް ބޭނުންކުރާ އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް ކަމަށެވެ.
ސީޕީގެ ވާހަކައިގައިވަނީ ފުވައްމުލައް ސިޓީގައި ވެސް ޓްރެފިކް އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރުވަމުން އަންނަކަން ފާހަގަކުރައްވައިފައެވެ.
އަދި ޒަމާނީ ފެންވަރަށް ބޮޑު ހަރަދުކޮށްގެން ސަރުކާރުން މަގުތައް ހަދަނީ، އޭގެ ސަބަބުން މަގުތައް ބޭނުންކުރާ ފަރާތްތަކާއި އުޅަނދުތައް ދުއްވަން ފަސޭހަ ކުރުމަށް ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.
އެ ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ ވެސް މަގުމަތީގެ ގަވާއިދުތަކަށް ބޯލަނބާ ޖީލެއް ބިނާކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ ބަލާ ނުލާ ބާރު ސްޕީޑުގައި ދުއްވާ ދުއްވުން ހުއްޓުވިގެން މެނުވީ މަގުތައް ބޭނުންކުރާ މީހުންނަށް ސަލާމަތްތެރި ކަމެއް ނެތް ކަމަށެވެ. ގަވާއިދާ ހިލާފަށް ދުއްވާ މީހުންނަށް ފިޔަވަޅު ވެސް އެޅޭ ކަމަށާއި އަދި އުޅަނދުތައް ޓޯ ކުރެވި އަދި އެކްސިޑެންޓުވާ އުޅަނދުތަކުގެ މައްސަލަތައް ބަލައި، އެ އުޅަނދުތަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދައިދެވުނަސް އެކްސިޑެންޓުތަކުގައި މަރުވާ މީހާ އަނބުރާ ގެނެވޭނެ ގޮތެއް ނޯންނާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް 1،750 ޓްރެފިކް އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓުކޮށްފައިވެ އެވެ.